މިދިޔަ ހުކުރުދުވަހު ދަންޖެހިގެން މަރުވިކަމަށް ބުނާ އައިޖީއެމްއެޗްގައި މަސައްކަތްކުރަމުންދިޔަ ފިލިޕިންސްގެ އަންހެން ނަރުހެއްގެ މަރުގައި ޝައްކުތަކެއް އުފެދިގެން ތަހުގީގްކުރަން ފަށައިފިއެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރާ ފިރިހެން ނަރުހަކާ ކައިވެނިކޮށްގެން ދަރިއެއްވެސް ހުންނަ މިނަރުސް މަރުވިކަމަށް ރިޕޯޓްކޮށްފައިވަނީ ހުކުރު ދުވަހުއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އަންހެން މީހާ އުޅޭ ގޭގައި އޭނާ ދަންޖެހިފައި ހުއްޓާ ފެނިގެން ކަމަށް ބުނެ، ފުލުހުން އެތަނަށް ދިއުމުގެ ކުރިން އަންހެން މީހާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އެ މަރަކީ ދަންޖެހިގެން އަމިއްލައަށް މަރުވެފައިވާ މަރެއްނޫންކަމާއި އޭނާ މަރާލާފައި އޮތް ކަމަށް އެންމެ ބޮޑަށް ޝައްކުވީ ދަންޖެހިފައި ހުރި ކަމުގެ ނިޝާނެއް ހަށިގަނޑުން ފެންނަން ނެތުމުންނެވެ. މީގެއިތުރުންވެސް ޝައްކުވާ ގިނަ ކަންތައްތަކެއް ހުރި ކަމަށްވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން މިހާރު އެމައްސަލަ ތަހުގީގުކުރަމުންދަނީ އެއީ މަރާލާފައި އޮތް މީހެއް ކަމަށް ޝައްކު ކުރެވޭތީއެވެ. އެގޮތުން އަންހެން ނަރުސް މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ހަދަންވެސް ނިންމާފައިވާކަމަށް ބައެއް ފަރާތްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ނަމަވެސް ފުލުހުން މިކަމާއި ގުޅޭގޮތުން ރަސްމީކޮށް ވާހަކައެއް ދައްކާފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު