ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ނުލައި އެއްވެސް މަޝްވަރާއަކަށް އިދިކޮޅުން ނުދާނެކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ޤާނޫނުއަސާސީ އިސްލާހުކުރުމުގެ މަޝްވަރާތަކެއް ރައީސް ނަޝީދު ފަށްޓަވާފައިވާތީ އެކަމާއި ގުޅޭގޮތުން "ރަސް އޮންލައިންއިން" އިން ސުވާލުކުރުމުންނެވެ.

އާދަމް ޝަރީފް ވިދާޅުވީ ޤާނޫނުއަސާސީ އިސްލާހުކުރުމަށްވުރެ މިވަގުތު މުހިއްމީ ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނުންކަމަށެވެ.

"އާމްދަނީ ލިބޭނެ ގޮތެއް ނެތް. ކޯވިޑާއެކު ރައްޔިތުން ތިބީ ބަނޑަށް ޖެހިފައި." އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ޤާނޫނުއަސާސީއަށް ބަދަލު ގެނައުމާއި ގުޅޭގޮތުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މަޝްވަރާއަކަށް ދާނީ ރައީސް ޔާމީންގެ މަޝްވަރާގެ މަތިންކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ (ގާނޫނު އަސާސީ އިސްލާހު ކުރުމާ ގުޅޭ) މަޝްވަރާއަށް ދާނެ ކަމަކަށް ފެނިވަޑައިނުގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ މިހާރު ފެންނަ މަންޒަރަށް ބަލާއިރު އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހީދު އުޅުއްވަނީ ރައީސް ސާލިހާއި މަޖިލިސް ރައީސް ނަޝީދަށްވުރެ ވެސް ކުރީގައިކަމަށެވެ. އާދަމް ޝަރީފު ވިދާޅުވީ ގަބޫލުކުރެއްވޭ ގޮތުގައި، ޤާނޫނުއަސާސީ އިސްލާހުކުރުމުގެ ނަމުގައި އުޅުއްވަނީ ޕޮލިޓިކަލް ގޭމެއް ކުޅުއްވަން ކަމަށެވެ. އޭނާ ވިދާޅުވީ ޤާނޫނުއަސާސީން ކަމެއް އިސްލާހުކުރަންޖެހޭނަމަ، ކުރަންޖެހެނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހު ކުރުން ކަމަށެވެ.

މީގެއިތުރުން ރައީސް ޔާމީނަށް ނުހައްގު އަނިޔާ ދެމުންދާހާ ހިނދަކު އިދިކޮޅު ފަރާތްތަކުން އެއްވެސް މަޝްވަރާއަކަށް ނުދާނެކަމަށާއި އަދި ރައީސް ޔާމީނާ ނުލާވެސް މަޝްވަރާއަކަށް ނުދާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ގާނޫނުއަސާސީ އިސްލާހުކުރުމުގެ މަޝްވަރާތައްކުރަނީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެކަމަށް އެދެމުންދާތީކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިމޭރުމުން މަޖިލީހުގައި ވާހަކަފުޅު ދައްކަވާފައިވާއިރު މިދިޔަ ހަފްތާގެ ތެރޭގައި އެމަނިކުފާނު ވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ބައެއް ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައި ގާނޫނު އަސާސީ އިސްލާހު ކުރުމާމެދު މަޝްވަރާކުރައްވާފައެވެ. އެގޮތުން ދިކޮޅު މަޖިލިސް މެންބަރުންނާއެކު އެފަދަ ބައްދަލުވުމެއް ބާއްވަވާފައި ވެއެވެ. އެބައްދަލުވުމުގައި ވެސް އިދިކޮޅު މެންބަރުން ވަނީ ޔާމީނާ ނުލައި އެއްވެސް މަށްވަރާއެއް ކުރަން އިދިކޮޅުން ބޭނުން ނުވާ ކަމަށެވެ.

މިއަދުގެ މަޖިލިސް ޖަލްސާ ފަށްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ، ޕާޓީތަކުގެ އިސްބޭފުޅުންނާއި ބައްދަލުކުރެއްވީ އެކިއެކި ފަރާތްތަކުން، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް އެދި މަޖިލީހުގެ އިދާރާއަށް ހުށަހަޅަމުންދާތީކަމަށެވެ. އަދި ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށްވެސް ހުށަހެޅުމެއް އެބަ އޮތްކަމަށް މަޖިލިސް ރައީސް، ނަޝީދު ވިދާޅުވިއެވެ.

ރައިސް ނަޝީދު ވިދާޅުވީ ގާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތްކުރާނަމަ އެންމެ ބުއްދިވެރި ގޮތަކީ ހުރިހާ ޕާޓީތަކެއް ގުޅިގެން އެމަސައްކަތް ކުރުންކަމަށެވެ. އަދި އެއީ އެމަސައްކަތުން ހުރިހާ ރައްޔިތުންނަށް ފައިދާވާނެ ގޮތެއްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު