ބޭންކް އޮފް މޯލްޑިވްސްއިން ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް އަމާޒުކޮށް "ބީއެމްއެލް ރިވޯޑްސް"ގެ ނަމުގައި އެކްސްކްލޫސިވް ލޯޔަލްޓީ ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ.

މިއީ ދުނިޔޭގެ 55 ގައުމެއްގައި މިހާރުވެސް ލޯޔަލްޓީ ޕްރޮގްރާމް ހިންގަމުންދާ ގިފްޓާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގައި މުޅިން އަލަށް ތައާރަފްކުރި ޕްރޮގްރާމެކެވެ.



ބީއެމްއެލް ރިވޯޑްސް މެދުވެރިކޮށް ކަސްޓަމަރުންނަށް ކްރެޑިޓް ކާޑު ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކަށް ރިވޯޑް ޕޮއިންޓްސް ލިބޭނެއެވެ. މިގޮަތަށް ލިބޭ ޕޮއިންޓް ރިޑީމް ކޮށްގެން 900 އަށް ވުރެ ގިނަ އެއާލައިނާއި، 650،000 ހޮޓަލާއި، ކާރު ކުއްޔަށް ނެގުމުގެ އިތުރުން އެމޭޒަން، އެޕްސްޓޯރ، އައިޓިއުންސް، ގޫގުލް ޕްލޭ، ޕްލޭސްޓޭޝަން ފަދަ ފާހަގަކޮށްލެވޭ އިތުރު ބްރޭންޑްތަކުގެ ގިފްޓް ކާޑު ގަތުމުގެ ފުރުސަތު ވެސް ފަހިވެގެން ދާނެއެވެ.



ބޭންކް އޮފް މޯލްޑިވްސްގެ އެމެރިކަން އެކްސްޕްރެސް، ވިސާ އަދި މާސްޓަރކާޑު ގެ ކްރެޑިޓް ކާޑު ބޭނުންކުރާ އަމިއްލަ ފަރުދުންނަށް މި ޕްރޮގްރާމަށް ރަޖިސްޓްރީ ކުރެވޭނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފް ކުރެވޭ އެންމެ ފުރިހަމަ ލޯޔަލްޓީ ޕްރޮގްރާމް ތައާރަފް ކުރެވޭކަމީ އެބޭންކަށް ލިބޭ އުފަލެއްކަމަށެވެ. އަދި މި ޕްރޮގްރާމް މެދުވެރިކޮށް ކާޑު ކަސްޓަމަރުންނަށް ދުނިޔޭގެ ފެންވަރުގައި ދެމުން އަންނަ ހިދުމަތްތަކުގެ އިތުރުން ކްރެޑިޓް ކާޑުން ލިބޭ ގިނަގުނަ ފައިދާ ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ކްރެޑިޓް ކާޑަކީ ރާއްޖެއާއި ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ވިޔަފާރި ކުރަން ބޭނުން ކުރެވޭނެ ކާޑެއް. ފާއިތުވި ދުވަސްތަކުގައި މި ލޯޔަލްޓީ ޕްރޮގްރާމް ކަސްޓަމަރުންނާ ހަމަޔަށް ގެނެސްދިނުމަށް މި ފާއިތުވި ދުވަސްތަކުގައި އަޅުގަނޑުމެން ވަރަށް ބުރަކޮށް މަސައްކަތް ކުރިން. އަދި އަޅުގަނޑު އެދެނީ ވީހާވެސް ގިނަ ކަސްޓަމަރުން ބީއެމްއެލް ރިވޯޑްސްގެ ފައިދާ ހޯދަމުން ދިޔުން." ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރވިއެވެ.

300،000 އަށްވުރެ ގިނަ ކަސްޓަމަރުންނާއި 7،000 އަށް ވުރެ ގިނަ މާރޗެންޓުންނާއެކު ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ކާޑު ދޫކުރުމާއި ބަލައިގަންނަ ހަމައެކަނި ބޭންކެވެ. މީގެއިތުރުން ވިސާ އަދި މާސްޓަރކާޑުގެ ޕްރިންސިޕަލް މެންބަރެއްވެސްމެއެވެ.



ކިޔުންތެރިންގެ ހިޔާލު