ފޮރިން މިނިސްޓްރީގެ މުވައްޒަފުން ސިވިލް ސަރވިސް ކުޑައިގެ ދަށުން ބޭރަށްނެރެ ފޮރިން ސަރވިސްގެ ނަމުގައި ވަކި އިދާރާއެއް އުފެއްދުމަށް ކަނޑައަޅާފައިވާ ފޮރިން ސަރވިސް ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ.

މިބިލު މިއަދުގެ އޮތް މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފައިވަނީ 46 މެމްބަރުންގެ ވޯޓުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީން ދިރާސާކުރި މިމިބިލަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ހުށަހަޅުއްވާފައިވާ ބިލެކެވެ.

މިއަދު މަޖިލީހުން ފާސްކުރި އެބިލުގެ ބޭނުމެއް ކަމަށް ބުނެފައިވަނީ، ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާކޮށް، ބައިނަލްއަގުވާމީ ގޮތުން ފެންވަރު ރަނގަޅު މިންގަނޑަކަށް ރާއްޖޭގެ ފޮރިން ސަރވިސް ފެއްތުމަށްޓަކައި ބޭނުންވާ ހާއްސަ ތަމްރީނާއި ހުނަރާއި ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލް ފޮރިން ސާވިސެއް ބިނާކުރުމެވެ.

ބިލްގައިވާގޮތުން އެ ބިލު ތަސްދީގުކުރާތާ 90 ދުވަހުގެ ތެރޭގައި ފޮރިން ސާވިސްގެ ހިދުމަތް ގާއިމުކުރަންޖެހެއެވެ. އަދި އެ ހިދުމަތުގެ އެންމެ އިސް މުވައްޒަފުގެ ގޮތުގައި ހުންނާނީ މިނިސްޓަރުގެ ލަފާޔާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރަށްވާ ފޮރިން ސެކްރެޓަރީ އެވެ. އެ މަގާމަށް އައްޔަނުކުރެވޭ ފަރާތަކީ ފޮރިން މިނިސްޓްރީގައި މަދުވެގެން 15 އަހަރު މަސައްކަތްކޮށް، ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށާއި އެ މަގާމުގެ މުއްދަތަކީ ގިނަވެގެން ތިން އަހަރުގެ ދެ ދައުރުކަމަށް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

އެ ބިލުގައި ރާއްޖޭން ބޭރުގައި ގާއިމުކުރާ މިޝަންތަކަށް ސަފީރުން އައްޔަނުކުރުމުގެ އުސޫލުތައްވެސް ހިމަނާފައިވެ އެވެ. އެގޮތުން، ސަފީރުކަމަށް ފޮރިން ސާވިސްގެ މުވައްޒަފުންނާއި ފޮރިން ސާވިސްއިން ބޭރުން ވެސް މީހުން އައްޔަނުކުރެވޭއިރު، ސަފީރަކު އެއް ގައުމަކަށް ކަނޑައަޅާފައި ބެހެއްޓޭނީ ގިނަ ވެގެން ހަތަރު އަހަރުގެ މުއްދަތަށް ކަމަށް ބުނެފައިވެ އެވެ. ބިލްގައި ޚާރިޖީ ވުޒާރާގެ މުވައްޒަފުން ބިނާކުރުމަށް ވަކި އިންސްޓިޓިއުޓެއް ޤާއިމްކުރުމަށްވެސް ވަނީ ހިމަނާފައެވެ.

މި ބިލު ޤާނޫނަކަށް ވުމާއެކު ރާއްޖޭގައި ޕްރޮފެޝަނަލް ފޮރިން ސަރވިސްއެއް އުފެދި ޚާރިޖީ ދާއިރާގައި މަސައްކަތް ކުރާނެ ހަރުދަނާ ގާބިލު އަދި އެރޮނގުން ކުރިއަށްދާނެ ރަނގަޅު ޑިޕްލޮމެޓުންތަކެއް އުފެދިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު