ކޮވިޑް-19 އާ ގުޅިގެން އޮސްޓްރޭލިއާގެ ރައްޔިތުން ޤައުމުން ބޭރަށް ދަތުރުކުރުން މަނާކޮށްފައި އޮތްއޮތުން، ނިމުމަކަށް ގެންނަން އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

އެ ޤައުމުގެ ސަރުކާރުން ބުނީ އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޮސްޓްރޭލިއާގެ ރައްޔިތުންނަށް ޤައުމުން ބޭރަށް ދަތުރުކުރުން މަނާކޮށްފައި އޮތް ނިންމުން ބާތިލް ކުރާނެކަމަށެވެ. އަދި އެއަށްފަހު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އެ ޤައުމުން ބޭރަށް ދަތުރުކުރުމަށް އެއްވެސް ހުއްދައެއް ބޭނުންނުވާނެ ކަމަށް ބުނެފައި ވެއެވެ.

އޮސްޓްރޭލިއާ ސަރުކާރުން ބުނީ މިވަގުތު ލުއި ދޭން ނިންމާފައިވަނީ ހަމައެކަނި އެ ޤައުމުގެ ރައްޔިތުންނަށް ކަމަށާއި އެ ޤައުމުގައި އުޅޭ ބިދޭސީ ރައްޔިތުންނަށް ވަރަށް އަވަހަށް ލުއިތައް ދޭންފަށާނެ ކަމަށެވެ.

އޮސްޓްރޭލިއާގެ ބޯޑަރު އަލުން ހުޅުވާލުމަށް ނިންމާފައިވަނީ 18 މަސް ދުވަސް ވަންދެން ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހުއެވެ. އެގޮތުން ނޮވެމްބަރު މަހުން ފެށިގެން އެ ޤައުމުގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ އެ ގައުމަށް ނިސްބަތްވާ ފަރާތްތަކަށް ދަތުރު ކުރެވޭނެކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ބޯޑަރު ހުޅުވާލަން ނިންމިކަން އިއުލާނުކޮށް އެ ޤައުމުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވީ، މިއީ އޮސްޓްރޭލިއާގެ ރައްޔިތުން އެމީހުންގެ ކުރީގެ ދިރިއުޅުމަށް އަލުން ރުޖޫއަވުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.

އޮސްޓްރޭލިއާގެ ބޯޑަރު އަލުން ހުޅުވާލި ނަމަވެސް، އެ ޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ބޯޑަރު ހުޅުވާލުމުގައި ބަލަންޖެހޭ އިތުުރު ކަންކަން އެބަހުރި ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން