ކުރީގެ ރައީސް އަބްދުﷲ ޔާމީން ފިޔަވައި ރާއްޖޭގައި ދެން ތިއްބެވި ލީޑަރުންނަކީ ސިޔާސީ ބޮޑެތި ކަންކަންޖެހޭ ވަގުތު ރައްޔިތުންނާއި ގައުމު ދޫކުރައްވައި ފިއްލެވި ލީޑަރުންކަމަށް ޕްރޮގްރެސިވް ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ޕީޕީއެމްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ދިދަ ނެގުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އަދުރޭ ވިދާޅުވީ ކުރީގެ ރައީސް ޔާމީނަށް މި ސަރުކާރުން އެތައް އަނިޔާއެއް ދެމުންދާއިރުވެސް އެ މަނިކުފާނު ހުންނެވީ ސާބިތުކަމާއެކުގައި ކަމަށެވެ. އަދި ބޭސް ފަރުވާއަށްވެސް ގައުމު ދޫކުރައްވައި ވަޑައިނުގަންނަވައި ހުންނެވީ ގައުމަށްޓަކައި ކަމަށް އަބްދުއްރަހީމް ވިދާާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީން ގައުމު އިސްކުރެއްވިއިރު، ރައީސް ޔާމީންގެ އެދިވަޑައިގަތުމަކީ އެ މަނިކުފާނަށް ތާއީދުކުރާ ހުރިހާ އެންމެންވެސް ގައުމު އިސްކުރުން ކަމަށެވެ.



"މިރޭ ތި ރައްޔިތުން އިގުރާރުވެ ދެއްވާ އެހެން ދީނަކަށް ފުރުސަތު ނުދޭން، މި އަސާސްތަކުގެ މަތިން ނުކުމެ މި އަނިޔާވެރި ވަކިތަކުން ދިވެހި ގައުމު ސަލާމަތްކުރަން މަސައްކަތްކުރޭ." ޔާމީންގެ މެސެޖު އެ މަނިކުފާނުގެ ސަޕޯޓަރުންނަށް އިއްވަވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ، މި ސަރުކާރުން ޔާމީނަށް ދެމުންދާ އަނިޔާތައް ތަހައްމަލު ކުރައްވަމުންވެސް އެ މަނިކުފާނު ހުންނެވީ ދިވެހި ގައުމު ސަލާމަތް ކުރުމަކީ އެންމެ އިސް ވާޖިބު ކަމަށް ދެކެވަޑައިގެން ކަމަށެވެ. އަދި ދެއަހަރު ވަންދެން އެ ގޮތަށް ޖަލުގައި ހުންނަވަން ކެރިވަޑައިގަތީ ދިވެހިރާއްޖޭގެ ކޮން ލީޑަރަކަށްތޯއޭ، ވިދާޅުވެ އަދުރޭ ސުވާލު އުފެއްދެވިއެވެ.

ޕީޕީއެމްގެ އަހަރީ ދުވަސް ފާހަގަކުރާއިރު، އެ ޕާޓީގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދެވި ޔާމީން ހުންނެވީ ފަސް އަހަރުގެ ޖަލު ހުކުމެއްގަ އެވެ. ނަމަވެސް ސަރުކާރުން މިދިޔަ ރޯދަމަހު ރައީސް ޔާމީން ވަނީ ގެއަށް ބަދަލުކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު