އައްޑޫ ސިޓީގައި ކޮވިޑް-19 ޖެހިގެން ރޭ ނިޔާވި އަންހެނެއްގެ ގައިގައި އަނިޔާތަކެއް ހުރި މައްސަލައެއް ތަހުގީގް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނީ އައްޑޫ ކޮވިޑް ފެސިލީޓީގައި ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު ނިޔާވީ އެސިޓީގެ ފޭދޫއަށް އުފަން 81 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އައްޑޫގައި ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ ނުވައަކަށް އަރާފައެވެ.

ފުލުހުން ބުނީ، އައްޑޫން ކޮވިޑް ބަލީގައި ނިޔާވި މީހެއްގެ ގައިގައި އަނިޔާގެ ނިޝާންތަކެއް ހުރި ކަމަށް ބުނެ އާއިލާގެ ފަރާތުން މައްސަލައެއް ހުށަހަޅާފައިވާތީ ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ބައެއް މީޑިޔާ ތަކަށް މައުލޫމާތު ދެމުން ނިޔާވި މީހާގެ އާއިލާއިން ބުނެފައިވަނީ އަންހެން މީހާގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށް ދަނިކޮށް ލިބުނު މައުލޫމާތަކާ ގުޅިގެން ބެލި އިރު، ނިޔާވި މީހާގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރިކަން ފާހަގަ ކުރެވުނު ކަމަށެވެ. އެގޮތުން ބޮލުގައި އަނިޔާގެ ނިޝާންތަކެއް ފެންނަން ހުރި ކަމަށް އާއިލާ އިން ބުނެ އެވެ. ބޮލަށް ލިބުނު އަނިޔާއަކީ އަންހެން މީހާ ވެއްޓުމުގެ ސަބަބުން ލިބުނު އަނިޔާއެއް ކަމަށް ބެލެވޭ ކަމަށާއި މައްސަލައަކަށްވީ އެކަން ނާންގައި ސިއްރުކޮށްފައި އޮތުމުން ކަމަށް އެ މީހާގެ އާއިލާއިން ވަނީ ބުނެފައެވެެ.



ކިޔުންތެރިންގެ ހިޔާލު