ރައީސް ޔާމިންގެ ވެރިކަމުގައި ހުންނެވި ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ
ރައީސް ޔާމިންގެ ވެރިކަމުގައި ހުންނެވި ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖެންޑާ މިނިސްޓަރަކަށް ހުންނެވި ޒެނީޝާ ޝަހީދު ޒަކީއަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންދިއުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ޒެނީޝާގެ ދިފާއުގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައިވަނީ ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރުގައި ކުޑަކުދިންގެ ހިޔާގައި ހިނގައިދިޔަ ހާދިސާއަކާ ގުޅިގެން ޒެނީޝާ ހިމެނޭހެން 30 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފާ މައްސަލައާއި ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ޒެނީޝާގެ މައްޗަށް އެދައުވާ ކޮށްގެން އޭގެ ސަބަބުން ދިވެހި މުޖުތަމައަށް ލިބޭނެ އެއްވެސް ފައިދާއެއް ފެނިވަޑައި ނުގަންނަވާ ކަމަށެވެ.

"ކުރީގެ ޖެންޑަރ މިނިސްޓަރ ޒެނީޝާއަށް ކުރާ ދަޢުވާގެ ސަބަބުން ދިވެހި މުޖުތަމަޢަށް ލިބޭނެ އިތުރު ރަނގަޅެއް ނުފެނޭ. ދަޢުވާ އަނބުރާ ގެންދިއުމަކީ ބުއްދިވެރި ގޮތްކަމުގައި އަޅުގަނޑު ދެކެން." ރައީސް ނަޝީދު ވިދާޅުވިއެވެ.



މިކަމާ ގުޅޭ ގޮތުން ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ އެ މައްސަލައިގައި ޕީޖީ އޮފީހުން ދައުވާ ކުރުމާމެދު އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށާއި، އެޗްއާރުސީއެމާއެކު އެކަމާ ގުޅޭގޮތުން ޕީޖީން އަދިވެސް ދަނީ އިތުރަށް މަޝަވްރާ ކުރަމުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ޒެނީޝާ އިއްޔެ ވިދާޅުވެފައިވަނީ އެކަމަނާއާއި ގުޅޭ ގޮތުން ބައެއް މީޑިއާ ތަކުން ހާމަކުރަމުން ދަނީ ހަގީގަތާ ޚިލާފު މައުލޫމާތު ކަމަށެވެ. އެކަމަނާ ވިދާޅުވީ ޖިނާއީ ކުށުގެ އެއްވެސް އަމަލެއް ހިންގަވާފައި ނުވާނެ ކަމަށާއި، އެފަދަ އެއްވެސް އަމަލެއްގައި ބައިވެރިވެ ވަޑައިގެންފައިވެސް ނުވާނެ ކަމަށެވެ.

ޒެނިޝާގެ މައްޗަށް ތުހުމަތުކުރެވޭ ކަމަށް އެޗްއާރްސީއެމުން ބުނާ މި މައްސަލައަކީ ޞައްހަ ނޫން އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ، ރަސްމީ ހައިސިއްޔަތުގެ ބޭނުން ނުރަނގަޅު ގޮތުގައި ހިފައިގެން ގާނޫނީ ހަމަތަކާ ޚިލާފަށް ހިންގާފައިވާ ކަމެއް ކަމަށްވެސް ޒެނީޝާ ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން ޒެނީޝާ ވިދާޅުވީ މި މައްސަލައިގައި އިތުރު މައުލޫމާތެއް ހިއްސާކުރާނީ ގާނޫނީ ވަކީލުން މެދުވެރިކޮށް ކަމަށެވެ.

ޒެނީޝާއަކީ ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތުކޮށް މުޖުތަމަޢުގައި ކުޑަކުދިން ހެދި ބޮޑުވުމަށް ރައްކާތެރި މާޙައުލެއް ގާއިމުކޮށްދީ އެކި ރޮނގުތަކުން އެކުދިންނަށް ދިމާވާ ކަންކަމުގައި ވަކާލާތުކޮށް އެހީތެރިކަން ފޯރުވައިދިނުމަށް މަސައްކަތްކުރާ ބޭފުޅެކެވެ.

މިކަމާ ގުޅިގެން އދ. ގެ ސްޕެޝަލް ރެޕަޓުއަރ އޮން ފްރީޑަމް އޮފް ރެލީޖަން އޯރ ބިލީފްގެ މަޤާމުގައި ހުންނެވި ޑރ. އަހުމަދު ޝަހީދު ވިދާޅުވީ، މިއީ ދިވެހިރާއްޖޭގައި ތިބި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ސިޔާސީ ނޫން ޗެމްޕިއަނުންގެ އަގު ވައްޓާލުމަށް ހިންގި ޢަމަލެއް ކަމަށެވެ. އަދި މިކަމުގެ މަޤްސަދަކީ ސަރުކާރުގެ ނާޤާބިލްކަން ފޮރުވުން ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު