އަވަށު ފޯރި ގެނައުމަށް ކުޅިވަރު މުބާރާތްތަކެއް ރާއްވަވާނެކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީގައި އިހުއްސުރެ އޮންނަ އަވަށު ފޯރި ގެނައުމަށް މާލޭ ސިޓީގައި ކުޅިވަރު މުބާރާތްތަކެއް ބާއްވަވާނެކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ގައުމީ ޓީމުން ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ކުރި ހިތްވަރު ފާހަގަކޮށް ޓީމަށް ހިތްވަރު ދިނުމަށް މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

މޭޔަރ ވިދާޅުވީ ކުރިއަށް އޮތްތަނަށް ރާވާއިރު ކުޅިވަރުން އުފާވެރިކަން ގެނައުމުގެ ޕްރޮގްރާމްތައް ޕްލޭންތަކުގައި ހިމަނުއްވާނެކަމަށެވެ.



"ޕްލޭންތަކުގައި ކުޅިވަރަށް ޚާއްޞަކޮށް ފުޓްބޯޅައަށް އިސްކަން ދޭނަން." މޭޔަރ ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ މާލޭ ސިޓީ ކައުންސިލް އަބަދުވެސް އޮންނާނީ މާލޭ ސިޓީއަކީ ކުޅިވަރަށް ފަހި ސިޓީއަކަށް ހެދުމުގެ ސިޔާސަތާއިގެންކަމަށެވެ. އަދި މާލޭ ސިޓީއަކީ އެންމެން އެކީ ގައުމީ ރޫހެއްގައި ނިކުމެގެން ކުޅިވަރުތައް ކުޅޭ ތަނަކަށް ހެއްދެވުމަށް ބޭނުންފުޅުވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި މި ހަފުލާގައި ގައުމީ ޓީމާއި އޮފިޝަލުންގެ އިތުރުން އެފް.އޭ.އެމް.ގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު