އަހުމަދު މަސްނޫމް   29 އޮކްޓޯބަރު 2021 - 20:53
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މޫހައްމަދު ނަޝީދު އިނގިރޭސި ވިލާތުގެ ގްލަސްގޯގައި ބާއްވާ އ.ދ.ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް26)ގައި ބައިވެރިވެވަޑައިގެންނެވުމަށް އެޤައުމަށް މިއަދު ފުރާވަޑައިގަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަށް ފުރާވަޑައިގެންނެވީ ދުބާއީންނެވެ. ރައީސް ނަޝީދު ފުރާވަޑައިގެންނެވީ މިއަދު ރާއްޖެއިންނެވެ.

ކޮޕް26ގެ ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައިވާއިރު މި ސަމިޓުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއާ މި ވަފްދުގައި ހިމެނޭ ބައެއް ބޭފުޅުން މަތީ ފަންތީގެ ބައްދަލުވުންތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވުމަށާއި އެކި ޤައުމުތަކުގެ ލީޑަރުންނާ އެކު ބައްދަލުކުރެއްވުންތައް ބޭއްވެވުމަށް ވެސް ހަމަޖެހިފައިވެއެވެ.

ޮކޮޕް ސަމިޓާ ބެހޭގޮތުން މިދިޔަ ހަފްތާގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ކޮޕް 26 ގައި ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތް ކުރަން ބޭނުންވާ މާލީ އެހީތައް ހޯދަން މަސައްކަތްކޮށް އަޑު އުފުލާނެކަމަށް ވިދާޅުވެފައެވެ. އަދި މި ކޮންފަރެންސުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއެކު ބައިވެރިވެޑައިގަންނަވަން ފުރުސަތުލިބުމަކީ ރާއްޖޭގެ ނާޒުކު ތިމާވެށީގެ ހާލަތު ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ލިބިގެންދާ އިތުރު ފުރުސަތެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ކޮޕް26 ސަމިޓަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ޕްލޭންތައް ބައިނަލްއަޤްވާމީ މުޖްތަމަޢުއާ ޙިއްޞާކުރުމަށް ރާއްޖެއަށް ފަހިވެގެންދާ މުހިންމު ފުރުޞަތެކެވެ. ރައީސުލްޖުމްހޫރިއްޔާއަކީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުދިޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ނާޒުކު ޙާލަތްތަކާ އަދި ކުރިމަތިވާ މާލީ ދަތިކަމާބެހޭގޮތުން ބައިނަލްއަޤްވާމީ އެކި ފޯރަމްތަކުގައި ކުދިޖަޒީރާ ޤައުމުތަކުގެ ޙައްޤުގައި މިހާރު ވަކާލާތު ކުރައްވަމުންގެންދަވާ ލީޑަރެކެވެ. މީގެ އިތުރުން ދިވެހިރާއްޖެއިން ކުރިން ވަނީ 2030 އާ ހަމައަށް އަންނަ އިރު ނެޓް ޒީރޯގެ ލަނޑުދަނޑި ހާސިލު ކުރުމަށް އަމާޒުހިފާފައިވާކަން ވެސް އިޢުލާނުކޮށްފައެވެ.

ކޮޕް26ގެ ސަމިޓް އިންތިޒާމު ކުރަނީ އިޓަލީވިލާތާ ގުޅިގެން އިނގިރޭސިވިލާތުންނެވެ. މި ސަމިޓަކީ ޕެރިސް އެގްރީމެންޓާއި، މޫސުމަށް އަންނަ ބަދަލުތަކާބެހޭ އ.ދ.ގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާޞިލުވުމަށްޓަކައި ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ކަމާބެހޭ ހުރިހާ ފަރާތްތައް އެއްތަންކުރުމުގެ ގޮތުން ބާއްވާ ސަމިޓެކެވެ. އެގޮތުން މި ސަމިޓްގައި ދުނިޔޭގެ 190 އަށްވުރެ ގިނަ ޤައުމުތަކުން ލީޑަރުން ބައިވެރިވެވަޑައިގަންނަވާއިރު، އެތައް ހާސް ނެގޯޝިއޭޓަރުންނާއި، ސަރުކާރުތަކުގެ މަންދޫބުންނާއި، ވިޔަފާރިވެރިންނާއި، ޢާންމުފަރާތްތަކުން ބައިވެރިވެއެވެ.



ކިޔުންތެރިންގެ ހިޔާލު