ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމި މައްސަލައިގެ އަޑުއެހުމެއް އަންނަމަހު ބާއްވަން ސުޕްރީމް ކޯޓުން ތާވަލްކޮށްފިއެވެ.

ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް އަލީ ވަހީދު ބޭސްފަރުވާއަށްކަމަށް ބުނެ ރާއްޖެއިން ބޭރަށް ވަޑައިގަތީ މިދިޔަ ފެބްރުއަރީމަހުގެ ތެރޭގައެވެ. އޭގެފަހުން އޭނާ ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ޝަރީއަތްތައް އޮންލައިންކޮށް ކުރިއަށްގެންދަން ނިންމާފައެވެ. ނަމަވެސް ޕީޖީން އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން، އެ މައްސަލަ ނިމެންދެން އޭނާގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ނުގެންދަން ވަނީ އަމުރެއް ނެރެފައެވެ. އޭގެ ފަހުން މިއަދާއި ހަމައަށް ވެސް މުޅިންވެސް ހިނގަމުން ދަނީ އަލީ ވަހީދުގެ ޝަރީއަތް ބޭއްވުމާ ބެހޭގޮތުންނާއި އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމާއި ދޫކޮށްލުމާގުޅޭ މައްސަލަތަކާ ގުޅޭ އަޑުއެހުންތަކެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅޭ އަސްލު މައްސަލަތަކެއް ކުރިއަށް ނުދާކަން ފާހަގަ ކުރެވެއެވެ.

ސުޕްރީމް ކޯޓުން މިހާރުވެސް ތާވަލުކޮށްފައި ވަނީ އަލީ ވަހީދުގެ މައްސަލަ އޮންލައިކޮށް ގެންދާން ނިންމި މައްސަލައިގެ އަޑުއެހުމެކެވެ. އެއަޑުއެހުން ބާއްވަން ތާވަލުކޮށްފައިވަނީ އަންނަ ނޮވެމްބަރުމަހުގެ 8 ވަނަ ދުވަހު އެވެ. މީގެކުރިން ސުޕްރީމް ކޯޓުގައި ބޭއްވި އެމައްސަލައިގެ އަޑުއެހުމަށް އަލީ ވަހީދު ހާޒިރު ނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި، އަލީ ވަހީދު ވަނީ ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައެވެ. އަދި އެހުކުމް ތަންފީޒުކުރުމަށް އަލީ ވަހީދު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ކަމާއިބެހޭ މުއައްސަސާތަކުން ވަނީ ބުނެފައެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަންވެސް ދައުލަތުން ވަނީ ކްރިމިނަލް ކޯޓާއި ހައި ކޯޓުގައިވެސް އެދިފައެވެ. ނަމަވެސް ރާއްޖެއިން ބޭރުގައި ހުރި މީހެއްގެ ޕާސްޕޯޓް ނުހިފެހެއްޓޭނެ ކަމަށް އެ ދެ ކޯޓުން ވަނީ ނިންމާފައެވެ.

އަލީ ވަހީދަކީ މި ސަރުކާރުގެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ރައީސްކަމުގެ މަގާމުވެސް އޭނާ ފުރުއްވަމުން ގެންދަވައެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލައަކާއި ގުޅިގެން ރައީސް ސާލިހު ވަނީ މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި އޭނާ މަގާމުން ވަކިކުރައްވާފައެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ ރައީސްކަމުގެ މަގާމުން އަލީ ވަހީދު ވަކިކުރުމަށް އެ ޕާޓީން މިހާތަނަށް ނިންމާފައެއް ނުވެއެވެ.

އަލީ ވަހީދު ދާދިފަހުން ވަނީ ނޫސް ކޮންފަރެންސެއް ބާއްވަވައި އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކުރަށްވައި އެހުރިހާ ތުހުމަތު ތަކަކުން ބަރީއަވެ ވަޑައިގެންފައެވެ. ދައުލަތުގެ ފަރާތުން ޕީޖީ ވެސް މިމައްސަލަ ކުރިއަށް ގެންދަވާ ގޮތުން ގިނަ މީހުން ސިފަކުރަނީ މިއީ ޕީޖީ އިސްވެ ހުންނަވައިގެން ކުޅުއްވާ ޑްރާމާއެއްގެ ގޮތުގައެވެ.



ކިޔުންތެރިންގެ ހިޔާލު