ރާއްޖެއާއި އެމެރިކާގެ ހާރިޖީ ގުޅުމަށް ތާރީހީ ކުރިއެރުންތަކެއް ލިބިއްޖެކަމަށް އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލެއިނާ ޓެޕްލިޓްޒް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ސަފީރުކަމުގެ ދައުރު ހަމަވުމާއި ގުޅިގެން ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

ސަފީރު ޓެޕްލިޓްޒް ވިދާޅުވީ ރާއްޖެއަށް އެމެރިކާއިން ކަނޑައަޅާ ސަފީރުކަމުގެ މަގާމު އަދާކުރުން ވެގެންދިޔައީ ލިބުނު އުފާވެރި ފުރުސަތަކަށްކަމަށެވެ. އަދި ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖެއާއި އެމެރިކާގެ ހާރިޖީ ގުޅުމަށް ތާރީހީ ކުރިއެރުންތަކެއް ލިބިފައިވާކަމަށާއި، އަދި އެ ގުޅުން އިތުރަށް ބަދަހިވެގެންދާނޭކަން ޔަގީންކުރައްވާކަމަށް ސަފީރު ވިދާޅުވިއެވެ.

"ހަމަ ހަގީގަތުގައިވެސް މިރީތި ރާއްޖެއިން ދިމާވެ އެކީގައި މަސައްކަތް ކުރި ފަރާތްތަކާއި އެކުވެރިންގެ މަތިން ވަރަށް ހަނދާންވޭ.. އުއްމީދުކުރާން ގާތް މުސްތަގްބަލެއްގައި ރާއްޖެ ޒިޔާރަތްކުރެވޭނެކަމަށް. ތިޔަބޭފުޅުން ވަގުތާއި ހިޔާލާއި ސަގާފަތް ހިއްސާކޮށްދެއްވީތީ ޝުކުރުވެރިވަން. މިއީ ލިބުނު ބޮޑު ޝަރަފެއް." ސަފީރުގެ ވަދާއީ މެސެޖުގައި ވިދާޅުވިއެވެ.





އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް ހަރ އެކްސަލަންސީ އެލެއިނާ ޓެޕްލިޓްޒް ހަމަޖެހިގެންދިޔައީ 2018 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ.

ސަފީރުކަމުގެ ދައުރު ހަމަވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އެކަމަނާ ކުރެއްވި ވަދާޢީ ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި އެމެރިކާގެ ގުޅުން ބަދަހިކުރުމަށް އެލެއިނާ ޓެޕްލިޓްޒްގެ ސަފީރުކަމުގެ ދުވަސްވަރު ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އަދި އެކަމަނާއަށް ކާމިޔާބު މުސްތަޤްބަލަކަށް އެދިވަޑައިގަންނަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހަމަ އެއާއެކު އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ރައީސުލްޖުމްހޫރިއްޔާ ބެހެއްޓެވި ގާތްކަމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް އިތުރު ދާއިރާތަކުން ގުޅުން ޤާއިމްވެގެންދާނެ ކަމަށް އުންމީދުކުރައްވާކަމަށާއި، އެމެރިކާގެ ސަރުކާރުން ރާއްޖެއާއެކު ގުޅުން ޤާއިމުކުރުމަށް އެހީތެރިކަމާއި، އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު