މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އަހަރަކު އެއްފަހަރު އޮންނަ ކޮޕް ސަމިޓްގައި ގައުމުތަކުން ބައިވެރިވާ "ނެގޯޝިއޭޓަރުން" ނާއި ލީޑަރުން "ކޮޕް ދަރިން" ހޯދިއިރު ވެސް ރާއްޖޭގެ ހުށަހެޅުންތަކަށް އެއްވެސް ހައްލެއް ލިބިފައި ނުވާކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، ކޮޕް ސަމިޓަކީ ވަރަށް ނާއުއްމީދީ ސަމިޓެއްކަން ދޭހަވާ މޭރުމަކުން ކަންބޮޑުވުން ފާޅުކުރަށްވައިފި އެވެ.

މިއަހަރު ބާއްވާ ކޮޕް-26 ސަމިޓް ބާއްވަން ނިންމާފައި ވަނީ ސްކޮޓްލަންޑްގެ ގްލަސްގޯގަ އެެވެ. މި ސަމިޓްގައި ދުނިޔޭގެ އެކިއެކި ގައުމުތަކުގެ ބައެއް ލީޑަރުން ބައިވެރިވެވަޑައިގަންނަވަ އެެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެސް މި ސަމިޓްގައި ބައިވެރިވެވަޑައިގަންނަަވައެެވެ.

އިނގިރޭސި ވިލާތުގެ "ދަ ގާޑިއަން" ނޫހަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ކޮޕް ސަމިޓްގައި މަޝްވަރާކޮށްގެން އެކަށީގެންވާ ހައްލުތަކެއް ނާންނަ ކަމަށާއި، އެކަމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ސަމިޓްތަކުގައި ބައިވެރިވާ ނެގޯޝިއޭޓަރުންނާއި ލީޑަރުން ސަމިޓުން ބައްދަލު ކުރާ މީހުންނާ "ކައިވެނިކޮށް" އެ ކައިވެންޏަށް ދަރިން ވެސް މިހާރު ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް ރާއްޖެ އިން ހުށަހަޅާ ކަންތައްތަކަށް އެއްވެސް ހައްލެއް މިހާތަނަށް ހޯދިފައި ނުވާކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެެވެ.

"އެންމެ ފަހުން ކޮޕް ސަމިޓަށް އަޅުގަނޑު ދިޔައިރު އެތަނުން ބައްދަލުވި ބައެއް ނެގޯޝިއޭޓަރުން ކައިވެނިކޮށް "ކޮޕް ދަރިން" ހޯދައިފި. އެކަމަކު އެއްވެސް މަޝްވަރާއަކަށް އެއްވެސް ހައްލެއް ނުހޯދޭ." މަޖާޒީ ގޮތެއްގައި މިސާލު ޖައްސަވަމުން ރައީސް ނަޝީދު ވިދާޅުވިއެެވެ.

ރައީސް ނަޝީދު ވިދާޅުވީ މީގެ ކުރިން ވިސްނިފައި އޮންނަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ދިމާވެފައި ވަނީ ހަމައެކަނި ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކަމަށެވެ. އެކަމަކު ހަގީގަތަކީ ބޮޑެތި ގައުމުތަކަށް ވެސް އޭގެ ނުރައްކާ އޮތްކަން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮޕް ސަމިޓްގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން "ފްރޭމްވޯކުން" ބޭރުން އެއްބަސްވުމަށް ދާން ލާޒިމްކުރެއެެވެ. އަދި ރަށްގިރުމުގެ މައްސަލަ ރާއްޖޭގެ 90 އިންސައްތަ ރަށްތަކަށް ދިމާވެފައިވާ ކަމަށާއި، ކޮންމެ މީޓަރެެއް ސަލާމަތް ކުރަން 5000 ޑޮލަރު ހަރަދުކުރަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރަށްތަކަށް ދިމާވާ މައްސަލައާއެކު ލޯ ކުރިމަތީގައި ފަރުތައް މަޑުމަޑުން ގެއްލި ނެތެމުންދާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެއީ ރާއްޖޭގެ އިތުރުން ޖަޒީރާ އެހެން ގައުމުތަކަށް ވެސް އޮތް ބޮޑު ބިރެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިއީ ރައްޔިތުންނަށް ދެވޭ "މަރުގެ" އަދަބެއް ކަން ރައީސް ނަޝީދު ވަނީ ސިފަކުރައްވާފައެވެ.

މި ފަހަރު ކޮޕް ސަމިޓްގައި ރައީސް ނަޝީދުގެ އިތުރުން ރާއްޖެއިން ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެންވަޔަރަމެންޓް މިނިސްޓަރު މަރިޔަމް ޝައުނާ އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ހިމެނިވަޑައިގަންނަވަ އެވެެ.

ސަމިޓަށް ރާއްޖެއިން މައިގަނޑު ގޮތެއްގައި ތިން ކަމެއް ހުށަހަޅާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި ހުށަހެޅުންތަކަށް ހައްލެއް ލިބޭނެކަމުގެ އުއްމީދު އެބައޮތް ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު


7

ބޭބެ

03-Nov-2021

ތިތަނަށް ދިޔައިރުވެސް އެގޭނެ ތީ ފައިދާއެއްނެތް ބޭކާރު ތަނެއްކަން ތިޔަށްވުރެ މާރަގަނޅުވާނެ ބޮޑު ޖަމާޢަތެއްގާ ފަތުސްނަމާދުކޮށްގެން ޤައުމުގެ ވެރިޔާ އިސްވެހުރެ ﷲ ދުޢާދެންނެވިނަމަ ތިދަތުރަކީ ދިވެހިރައްޔިތުންގެ ބައިތުލްމާލުން ހބޮޑުހޭދައެއްކޮށްގެން އަމިއްލަޚަރަދަކާ ނުލާ އިނގިރޭސިވިލާތުގައި ޗުއްޓީއެއްހޭދަކޮށްލަންކުރި ދަތުރެއް ދެރަކަމަކީ ތިވަރުގެ ބޭކާރު ޚަރަދެއްއްކުރިއިރު އަތާއި އަގަޔާ ދިމާނުވާ ޙާލަތުގައި ތިބި ރައްޔިތުންގެ މަތީން ހަނދާން ނެތުނުކަން މާދަމާވެސް ވޯޓަކަށްވީމާ އެއްމެ ރިސޯޓަކުން ސަރުކާރު ހިންގަދޭނެކަމަށްބުނާނެތާ