އަންނަ އަހަރަށް ލަފާކުރާ 36.925 ބިލިއަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 36.925 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި ހަރަދުވާނޭކަމަށް ލަފާކުރެވެނީ 34.028 ބިލިއަން ރުފިޔާއެވެ. އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 24.280 ބިލިއަން ރުފިޔާއެވެ.

މީގެތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީއެވެ. އެގޮތުން ޓެކްސްގެ ގޮތުގައި 15.35 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ. މިއީ ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ 63 އިންސައްތައެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 6 ބިލިއަން ރުފިޔާއެވެ.

އަންނަ އަހަރަށް ލަފާކޮށް 36.925 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އޭގެތެރެއިން 24 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ހަރަދެވެ. ތަރައްގީގެ މަސައްކަތްތައް ހަރަދުކުރުމަށް އޮތީ 6.2 ބިލިއަން ރުފިޔާއެވެ. އަދި އެހެނިހެން ކެޕިޓަލް ހަރަދުކުރުމަށް 5.8 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ބަޖެޓްގެ މައިގަނޑު ހަރަދުތަކަށް ބަލާއިރު، 26 އިންސައްތައަކީ މުވައްޒަފުންނަށް ކުރާ ހަރަދެވެ. 17 އިންސައްތައަކީ ޕީއެސްއައިޕީއެވެ. 12 އިންސައްތަ އޮފީސް ހިންގުމަށެވެ. ސަރުކާރުން އެކި ފަރާތްތަކަށް ދޭ އެހީގެ ގޮތުގައި 13 އިންސައްތަ ކަނޑައަޅާފައިވާއިރު، ދަރަނި ދެއްކުމަށް 8 އިންސައްތަ ހަރަދުވާނެކަމަށް ކަނޑައަޅާފައި ވެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޑެފިސިޓަކީ ނުވަތަ ދަރަންޏަކީ 9.7 ބިލިއަން ރުފިޔާއެވެ. އަދި ދަރަނީގެ ސަބަބުން ބަޖެޓް ފައިނޭންސް ކުރުމަށް 13.4 ބިލިއަން ރުފިޔާ ދައުލަތުން ހަރަދުކުރާނެއެވެ.



ކިޔުންތެރިންގެ ހިޔާލު