އަހުމަދު މަސްނޫމް   31 އޮކްޓޯބަރު 2021 - 16:19
2022 ވަނަ އަހަރުގެ ބަޖެޓު ރާވައި އެކުލަވާލާފައިވަނީ، ކޮވިޑް-19 ގެ ބަލިމަޑުމަކަމާއި ގުޅިގެން އެޅި ފިޔަވަޅުތަކާއިއެކު، ރާއްޖޭގެ އިގުތިސާދު ބާރަށް ކުރިއަރަމުން އައި ނަމަވެސް، މާލީގޮތުން ކުރިއަށް ހުރި ގޮންޖެހުންތަކާއި ހިރާސްތައް ގިރާކުރުމަށާއި ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓިނިވިކަން ހިފެހެއްޓުމަށް ވިސްނައިގެންނެވެ. އަދި ސަރުކާރުގެ ވައުދުތަކާއި ސްޓްރެޓީޖިކް ޕްލޭންތަކުގައި އަމާޒު ހިފާފައިވާ ކަންކަން ހާސިލުކުރުމަށް ބަޖެޓުން ޖާގަ ދީގެނެވެ. މި ކަންތައްތައް ކުރެވެން އަންނަނީ ބަޖެޓު ފައިނޭންސްކުރުމުގެ ހަރުދަނާ ޕްލޭނެއްގެ މައްޗަށް ކަމުގައިވާތީ، ބަޖެޓު ފައިނޭންސްކުރެވޭ މިންވަރަށް ބަޖެޓުގެ ޚަރަދުތައް ބައްޓަންކުރުމަށް ސަމާލުކަން ދީފައިވާނެކަމަށް މާލީ ވުޒާރާއިން ބުނެއެވެ.

އާމްދަނީ 24.28 ބިލިއަން ރުފިޔާ

ދައުލަތަށް އާމްދަނީގެ ގޮތުގައި މައިގަނޑު ގޮތެއްގައި ލިބެނީ ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއާއި ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭ އާމްދަނީއެވެ.

2022 ވަނަ އަހަރު ދައުލަތަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 24,280 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާ ކޮށްފައި ވެއެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން 2022 ވަނަ އަހަރުވެސް ދައުލަތުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރާނެކަމަށް ލަފާކޮށްފައިވަނީ ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއެވެ.

ޚަރަދު 34.02 ބިލިއަން ރުފިޔާ

ދައުލަތުން ކުރާ ޚަރަދު ބެހިގެންވަނީ މައިގަނޑު ގޮތެއްގައި ދެ ބަޔަކަށެވެ. އެއީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި ދުވަހުން ދުވަހަށް ޚިދުމަތް ދިނުމަށާއި ރައްޔިތުންނަށް އެކިއެކި ކަންކަމުގައި އެހީ ފޯރުކޮށްދިނުމަށް ހިނގަމުންދާ ޚަރަދު (ރިކަރަންޓް ޚަރަދު) އަދި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށާއި މެޝިނަރީ ފަދަ ކެޕިޓަލް އައިޓަމްތަކަށް ހޭދަވާ ޚަރަދު ނުވަތަ ކެޕިޓަލް ޚަރަދެވެ.

2022 ވަނަ އަހަރަށް އެކުލަވާލައިފައިވާ ބަޖެޓުގެ ތެރެއިން ޖުމުލަ ޚަރަދަކީ 34,028 މިލިއަން ރުފިޔާއެވެ. ބަޖެޓާއި ޚަރަދުގެ ތަފާތަކީ، ޚަރަދަކީ ޖުމުލަ ބަޖެޓުން ލޯނު އަނބުރާ ދެއްކުމަށާއި ބޭރުގެ މާލީ އިދާރާތަކަށް ދައްކާ ރައުސުލްމާލު ކެނޑުމަށްފަހު ހޯދޭ އަދަދެކެވެ.

ޑެފިސިޓް 9.7 ބިލިއަން ރުފިޔާ

ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސަކީ ޖުމުލަ އާމްދަނީއާއި ހިލޭއެހީއާއި، ޖުމުލަ ޚަރަދާއި ދެމެދު ވާ ފަރަގެވެ. ޖުމުލަ އާމްދަނީ އާއި ހިލޭއެހީއަށްވުރެ ޚަރަދު ބޮޑުވެއްޖެނަމަ ބަޖެޓު ޑެފިސިޓް ވާނެއެވެ. ބަޖެޓުގެ ޕްރައިމަރީ ބެލެންސް އަކީ އޯވަރޯލް ބެލެންސުން ލޯނުގެ ޚިދުމަތުގެ ޚަރަދު ކެނޑުމުން ލިބޭ އަދަދެކެވެ.

2022 ވަނަ އަހަރަށް އެކުލަވާލައިފާއިވާ ބަޖެޓުގެ އޯވަރޯލް ބެލެންސަކީ 9,748 މިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. އަދި ޕްރައިމަރީ ބެލެންސަކީ 6,833 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. ބަޖެޓު ޑެފިސިޓް މައިގަނޑުގޮތެއްގައި ފައިނޭންސްކުރަނީ ބޮންޑު، ސުކޫކް، ޓީ-ބިލް ފަދަ ފައިނޭންޝަލް އިންސްޓްރޫމަންޓްސް އާއި ލޯނަށް ފައިސާ ނަގައިގެންނެވެ.

އިގުތިސާދީ އަދި ސިނާއީ ކުރިއެރުވުމަށް ކުރާ ޚަރަދު 8 ބިލިއަން ރުފިޔާ

އިގުތިސާދީ އަދި ސިނާއީ ކުރިއެރުވުމަށް ހިންގޭ މަޝްރޫއުތަކާއި އެހެނިހެން ޚަރަދުތަކަށް 2022 ވަނަ އަހަރުގެ ބަޖެޓުގައި 8,085 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. މީގެ ތެރޭގައި އެންމެ ބޮޑުބައެއް ހިއްސާކުރާ މަސައްކަތްތެރިންނާއި ވިޔަފާރި ކުރިއެރުވުމަށް އަދި އިގުތިސާދު ފުޅާކުރުމަށެވެ. މިކަންތައްތަކަށް 3,466 މިލިއަން ރުފިޔާ ވަނީ ބަޖެޓުކުރެވިފައެވެ. އަދި ދަތުރުފަތުރު ކުރިއެރުވުމަށް 2,418 ހިމަނާފައިވެއެވެ.

ތައުލީމު 4 ބިލިއަން ރުފިޔާ

ތައުލީމީ ޚިދުމަތްތަކާއި ކުރިއެރުވުމަށް ހިންގޭ ޕްރޮގްރާމްތަކާއި މަޝްރޫއުތަކަށް ބަޖެޓުގައި 4,067 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. މީގެ ތެރޭގައި ފަށާ، ޕްރައިމަރީ އަދި ސާނަވީ ތައުލީމަށް 3,117 މިލިއަން ރުފިޔާ ޚަރަދުކުރެވޭއިރު 949 މިލިއަން ރުފިޔާ މަތީ ތައުލީމަށް ޚަރަދުކުރެވޭނެއެވެ.

ގެދޮރު އިމާރާތްކުރުމާއި ޖަމާއަތުގެ ފައިދާއަށްދެވޭ ޚިދުމަތް 2.4 ބިލިއަން ރުފިޔާ

މިބައިގައި ހިމެނޭ ބައިތަކުގެ ތެރެއިން ގެދޮރު އިމާރާތްކުރުމަށާއި ޖަމާއަތުގެ ފައިދާއަށްޓަކައި ދެވޭ ޚިދުމަތްތަކަށް 2,333 މިލިއަން ރުފިޔާ 2022 ވަނަ އަހަރަށް ބަޖެޓުކޮށްފައިވެއެވެ. މިބައިގައި ދެން ހިމެނިފައިވާނީ ބޯފެން ފޯރުކޮށްދިނުމަށް ކުރާ ޚަރަދެވެ.

އިޖުތިމާއީ ރައްކާތެރިކަން 3 ބިލިއަން ރުފިޔާ

މީގެ ތެރޭގައި ބަލިވުމާއި ޚާއްސައެހީއަށް 1,206 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވާއިރު، އުމުރުން ދުވަސްވީ ފަރާތްތަކަށް 1,404 މިލިއަން ރުފިޔާ އަދި އިޖުތިމާއީ ރައްކާތެރިކަމަށް ކުރެވޭ އެހެނިހެން ޚަރަދުތަކަށް 449 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވެއެވެ. މި ބަޔަށް 2022 ވަނަ އަހަރު ކަނޑައަޅާފައިވާ ޖުމުލަ ބަޖެޓަކީ 3,059 މިލިއަން ރުފިޔާއެވެ.

ތިމާވެށި ރައްކާތެރިކުރުން 1.5 ބިލިއަން ރުފިޔާ

ތިމާވެށި ރައްކާތެރިކުރުމަށް 2022 ވަނަ އަހަރުގެ ބަޖެޓުގައި 1,543 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ. މި ބަޔަށް ކުރެވޭ ޚަރަދުގެތެރޭގައި ހިމެނެނީ ރައްކާތެރި ގޮތެއްގައި ކުނި ބެލެހެއްޓުމާއި، ރަށްރަށުގެ ނަރުދަމާގެ ނިޒާމު ގާއިމުކުރުމާއި، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް ހުއްޓުވުމާއި، ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމާއި، މިނޫނަސް ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ ޚަރަދުތަކެވެ. މިބައިން އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވާނީ ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ކުރެވޭ ޚަރަދުތަކަށެވެ. މިކަމަށް 836 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ.

ސެކިއުރިޓީ، އަދުލު އިންސާފާއި އަމަންއަމާންކަން ޤާއިމުކުރުން 1.6 ބިލިއަން

ދިފާއީ ކަންކަން ބެލެހެއްޓުމަށް 2022 ވަނަ އަހަރުގެ ބަޖެޓުގައި 1,675 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. މި ބައިން ކުރެވޭ ޚަރަދުތަކުގެ ތެރޭގައި އެންމެ ބޮޑު ޚަރަދެއް ހިނގާނީ މިލިޓަރީ ޑިފެންސަށެވެ. އެއީ 1,656 މިލިއަން ރުފިޔާއެވެ.

އަދުލު އިންސާފާއި އަމަން އަމާންކަން ގާއިމުކުރުމަށް 2022 ވަނަ އަހަރުގެ ބަޖެޓުން 3,027 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ. މިބައިން ކުރެވޭ ޚަރަދުގެ އެންމެ ބޮޑުބައެއް ހޭދަކުރެވެނީ ބޯޑަރ ބެލެހެއްޓުމާއި އަމަންއަމާންކަން ގާއިމުކުރުމަށެވެ. މިކަމަށް 1,928 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ.

އާންމު ޚިދުމަތާއި، އިޖުތިމާއީ އަދި ދީނީ ޚިދުމަތް 7.5 ބިލިއަން ރުފިޔާ

ރައްޔިތުންނަށް ދެވޭ އާންމު ޚިދުމަތްތަކަށް 2022 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން 1,731 މިލިއަން ރުފިޔާ ކަނޑައެޅިފައިވެއެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި، ގާނޫނުތައް ހެދުމާއި، މާލީ އަދި ފިސްކަލް ކަންތައްތަކާއި ޚާރިޖީ ސިޔާސަތުތަކަށް ކުރާ ޚަރަދަށް 1,568 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު، އާންމު ޚިދުމަތްތަކަށް ބަޖެޓުކޮށްފައިވަނީ 163 މިލިއަން ރުފިޔާއެވެ.

އިޖުތިމާއީ އަދި ދީނީ ޚިދުމަތް ދިނުމަށް 2022 ވަނަ އަހަރުގެ ބަޖެޓުގައި 839 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ. މި ބަޔަށް ކުރެވޭ ޚަރަދުގެ ތެރޭގައި މުނިފޫހިފިލުވުމާއި ކުޅިވަރަށް 426 މިލިއަން ރުފިޔާ ކަނޑައެޅިފައިވާއިރު ދީނީ ޚިދުމަތަށް 281 މިލިއަން ރުފިޔާ ކަނޑައެޅިފައިވެއެވެ.

ދަރަނީގެ ޚިދުމަތުގެ އަގު އަދާކުރުމަށާއި ދަރަނި އަދާކުރުމަށް 2022 ވަނަ އަހަރު 5,777 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވެއެވެ. މި ބައިން 2,862 މިލިއަން ރުފިޔާ ދަރަނި އަދާކުރުމަށް އެކަށައެޅިފައިވާއިރު، ދަރަނީގެ ޚިދުމަތުގެ އަގު އަދާކުރުމަށް ކަނޑައެޅިފައިވަނީ 2,915 މިލިއަން ރުފިޔާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން