އަހުމަދު މަސްނޫމް   1 ނޮވެމްބަރު 2021 - 20:11
ޓްރާންސްޕޯޓް އޮތޯރިޓީގެ ޚިދުމަތްތައް ލަސްކަމަށް ބުނެ ދައްކާ ވާހަކަތައް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ދޮގުކުރައްވައިފިއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ޓްރާންސްޕޯޓް އޮތޯރިޓީއަކީ ހިދުމަތް ދިނުމުގައި އެންމެ ލަސް އަދި އެންމެ އުނދަގޫ އެއްތަން ކަމަށް ބުނެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައެއް މެމްބަރުން ކުރިމަތިކުރި ސުވާލުތަކަށް އެ ކޮމިޓީގައި މިއަދު ޖަވާބުދެއްވަމުންނެވެ.

މިއަދުގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީއާއި ޓްރާންސްޕޯޓް އޮތޯރިޓީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި މަޖިލީހުގެ މެމްބަރުން ވަނީ ލައިސަންސް ލިބުން ލަސްވުމާއި އުޅަނދުތައް ރަޖިސްޓަރީ ކުރުމާއި ކަނޑުދަތުރުގެ ހިދުމަތްތައް ލަސްވެ، ވިޔަފާރިތަކަށް ބުރޫއަރައި ޓްރާންސްޕޯޓް މިނިސްޓްރީއާ މެދު ރައްޔިތުން ނާއުއްމީދުވެ، މާޔޫސްވެފައިވާކަމަށް ބުނެފައެވެ.

މެމްބަރުންގެ ވާހަކަތަކާއި ގުޅިގެން މިނިސްޓަރ ނަހުލާ ވިދާޅުވީ ޓްރާންސްޕޯޓްގެ ހިދުމަތްތައް ލަސްވާކަމަށް ބުނާއިރު، ލަސްވަނީ ކޮން ޚިދުމަތްތަކެއްކަން ސާފުނުވާކަމަށެވެ.

ނަހުލާ ވިދާޅުވީ، މިނިސްޓަރުކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މިހާތަނަށް ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަން މަސައްކަތްތަކެއްކުރެވި، ކަންކަން އިސްލާހުކޮށް، ބަދަލުކުރެވިއްޖެކަމަށެވެ. އަދި ކޯވިޑްގެ ހާލަތުގައިވެސް ހިދުމަތް މެދުނުކެނޑި ކުރިއަށް ގެންދަން، ހިދުމަތްތައް އޮންލައިން ޕޯޓަލްގެ ތެރެއިން ދެވުނުކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.



މިނިސްޓަރ ވިދާޅުވީ ކޯވިޑްގެ ތެރޭގައިވެސް އޮންލައިންކޮށް ޚިދުމަތް ހޯދަން އެދުނު 90 ހާހަށްވުރެ ގިނަ މީހުންގެ ތެރެއިން 96 އިންސައްތަ މީހުން ހުށަހެޅި ކަންކަން ނިންމާފައިވާކަމަށެވެ.



މިނިސްޓަރ ވިދާޅުވީ އެކަމަނާ ދެކެވަޑައިގަންނަވާ ގޮތުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތްތައް މިހާރު ލަހެއް ނޫނެވެ. އަދި ހިދުމަތްތައްވެސް ރަނގަޅު ކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިހާރު ހިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވަނީ މުވައްޒަފުންގެ ދަތިކަމާއި ހުރެކަމަށެވެ. އަދި ހިދުމަތް ދޭން ތިބި މަދު މުވައްޒަފުންނާމެދު ކަމެއް ގޯސް ވިޔަސް ފިޔަވަޅު އެޅެން ނޯންނަކަމަށާއި، ފިޔަވަޅު އަޅައިފިނަމަ މުވައްޒަފުން ވަކިކުރާ މިނިސްޓަރެއްގެ ގޮތުގައި ލޭބަލްވާކަމަށް ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރ ނަހުލާ ވިދާޅުވީ ޓްރާންސްޕޯޓަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުގައި ދަންނަވާފައިވާނެ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރ ވަނީ ޓްރާންސްޕޯޓު އޮތޯރިޓީގެ ބޯޑުގެ ލަފައާއި އެހީތެރިކަން ނުލިބޭކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން މިއަދުގެ ބައްދަލުވުން ނިންމަވާލެއްވީ ދެން އޮންނަ ބައްދަލުވުމަަކަށް ބޯޑުގެ މެމްބަރުން ހާޒިރުކުރާގޮތަށް ފާސްކުރުމަށެވެ.



ކިޔުންތެރިންގެ ހިޔާލު