އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް (މ)
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް (މ)
މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 55.6 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެމްޓީސީސީން އާންމުކޮށްފައިވާ މާލީ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެކުންފުންޏަށް ޢާމްދަނީގެ ގޮތުގައި ލިބުނީ 423 މިލިއަން ރުފިޔާއެވެ. އަދި ތިންވަނަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 484.6 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 55.6 މިލިއަން ރުފިޔާ އިތުރު ޢަދަދެކެވެ.

އެމްޓީސީސީއަށް މިއަހަރުގެ ފުރަތަމަ ތިން ކުއާޓަރުގައި 1.33 ބިލިއަން ރުފިޔާގެ ޖުމުލަ އާމްދަނީއެއް ވަނީ ލިބިފައެވެ. ޓެކުހަށް ކެނޑުމުގެ ކުރިން މިއަހަރުގެ ތިން ކުއާޓަރުގެ ފައިދާ އެއްކޮށްލައިގެން 212 މިލިއަން ރުފިޔާގެ ފައިދާއެއް އެކުންފުންޏަށް ވަނީ ލިބިފައެވެ.

އެމްޓީސީސީން ލަފާކުރަނީ މިއަހަރު ނިމޭއިރު 1.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް އެކުންފުންޏަށް ލިބޭނެ ކަމަށެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 270 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އެ ކުންފުނިން ލަފާކޮށްފައިވެއެވެ.

އެމްޓީސީސީން އާންމުކޮށްފައިވާ މާލީ ހިސާބުތަކަށް ބަލާއިރު ހިންގުމުގެ ހަރަދުގެ ގޮތުގައި ފުރަތަމަ ކުއާޓަރުގައި 36.7 މިލިއަން ރުފިޔާ ދެވަނަ ކުއާޓަރުގައި 42.6 މިލިއަން ރުފިޔާ އަދި ތިންވަނަ ކުއާޓަރުގައި 56.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި 10 މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއިން ވަނީ ނިންމާފައެވެ. އަދި މުޅިން އައު 15 މަޝްރޫއު އެކުންފުންޏަށް އެވޯޑު ކޮށްފައިވާއިރު، 10 މަޝްރޫއުގެ މަސައްކަތް މި ކުއާޓަރުގެ ތެރޭގައި ވަނީ ފަށާފައެވެ.

ކުންފުނީގެ އާންމު ވިޔަފާރި ދާއިރާއާއި ކުންފުނީގެ އެހެނިހެން ވިޔަފާރި ދާއިރާތަކަށް އަމާޒުކޮށް ތަފާތުއެކި މާކެޓިން ހަރަކާތްތަކެއްވެސް މިކުއާޓާރ ތެރޭގައިވަނީ އެމްޓީސީސީން ހިންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން