އުމުރުން 16 އަހަރުގައި ޕްރައިވެޓެއްގެ މަގާމުގައި، 1986 ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ސިފައިންގެ ހިިދުމަތާ ގުޅުނު، މިހާރު ފުލުހުންގެ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ އަޙްމަދަކީ ގައުމަށް ހިދުމަތް ކުޅައުމުގައި ދެގޮތެއް ނުވާ ނަމޫނާ ޝަހުސިއްޔަތެކެވެ. ވަކިން ހާއްސަކޮށް ސިފައިންގެ ހިދުމަތުން ފެށިގެން ފުލުހުންގެ ތަހުގީގީ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއްވެސް އޭނާ ހޯދާފައިވެއެވެ. އަދި 1988 ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގައި ދުޝްމަނުންގެ ކިބައިން މި ލޮބުވެތި ވަޠަން ސަލާމަތްކުރުމުގައިވެސް މަސައްކަތްތަކެއް ކޮށްފައިވެއެވެ. އޭރު ސިފައިންގެ ހިދުމަތުން ފެށިގެން ފުލުހުންނާއި ސިފައިން ވަކި މުއައްސަސާއަކަށް ބަދަލުވި ނަމަވެސް ހިދުމަތުގައި މެދުކެނޑުމެއްނެތި މިވީ 38 އަހަރު އަގުނުކުރެވޭފަދަ އަގުހުރި ހިދުމަތްތަކެއް އޭނާ ވަނީ ގަައުމަށް ކޮށްދެއްވާފައެވެ. އެގޮތުން މިހާރު މިދެންނެވި އަލީ އަޙްމަދަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ޔުނީފޯމް އެންޑް އެސެސަރީސް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ އަޙްމަދުގެ ހިދުމަތަށް ބަލާއިރު، އެންއެސްއެސްގެ ޕްރައިވެޓެއްގެ މަގާމުގައި ސިފައިންގެއަށް ވަތްއިރު ގިރިފުށީ ޓްރޭނިންގ އޭރު ނޯވެއެވެ. އޭރު އޮންނަނީ ބަޑި ޓްރޭނިންގ އެކެވެ. ސިފައިންގޭގައި ބަޑި ރޫޅައި ރާވަން ދަސްކުރުން އޮންނައިރު، ގިރިފުުއްޓަށް ގޮސް ބަޑި ޖަހަން ދަސްކޮށްދެއެވެ. އަދި މާބޮޑު ޓްރޭނިންގތަކެއް ނެތްނަމަވެސް ސިފައިންގޭގައި ޖެހޭ މަސައްކަތްތައް ކުރުމާއި ޕީޓީއާއި ދުވުން ފަދަ ކަންކަން ކުރަންޖެހެއެވެ.

އުމުރުން ހަގު ނަމަވެސް އެންމެ ފުރަތަމަ ތިން މަސް ދުވަހު ޑިއުޓީ ސެކްޝަންގައި މަސައްކަތް ކުރަމުންދިޔައިރު، އަލީ އަޙްމަދުގެ އަތުލިޔުން ރީތިވެގެން ފުލުސް އޮފީހުގެ އީ ސެކްޝަންގައި މަސައްކަތް ކުރުމުގެ ފުރުސަތު އޭރު ލިބިގެން ދިޔައެވެ. އެއީ އޭރުގެ ފުލުސް އޮފީހުގެ މާރާމާރީއާ ބެހޭ ބައިގެ ކާތިބެއްގެ މަގާމެވެ. އެދުވަސް ވަރު އެތަނުގައި މަސައްކަތްކުރި ސީނިއަރ އިންވެސްޓިގޭޝަން އޮފިސަރުންނާއެކު މަސައްކަތް ކުރުމުން އޭރު ފުލުހުންގެ ކޮމާންޑިންގ އޮފިސަރަކަށް ހުންނެވި މޭޖަރ އާދަމް ޒާހިރު ތަހުގީގު ކުރުމުގެ ހުއްދަ އަލީ އަޙްމަދަށް ދެއްވިއެވެ. އެހެންކަމުން އެ މަސައްކަތުގެ ތެރެއިން އަލީ އަޙްމަދުގެ ތަހުގީގު ކުރުމުގެ ހުނަރު ދުވަހެއް ދުވަހަކަށް ކުރިއަރަން ފެށިއެވެ. އެގޮތުން މައްސަލަތައް ތަހުގީގު ކުރުމުގައި އަމިއްލަ ހުނަރު ބޭނުންކޮށްގެން އެ މަސައްކަތުގެ ފެންވަރު ރަނގަޅުކޮށް އަލީ އަޙްމަދު ވަނީ ފުލުހުންގެ ތަހުގީގީ ދާއިރާގައިވެސް ފާހަގަކޮށްލެވޭފަދަ ރަނގަޅު ކުރިއެރުންތަކެއް ހޯއްދަވާފައެވެ.

ކޮންމެއަކަސް، އަލީ އަޙްމަދަށް ނޮވެމްބަރު ތިންވަނަ ދުވަހަކީ ވަރަށް ހާއްސަ ދުވަހެކެވެ. އޭރު ސިފައިންގެ ޕްރައިވެޓް އަލީ އަޙްމަދު 1988 ނޮވެމްބަރު 3 ވަނަ ދުވަހު ސިފައިންގެ ހިދުމަތުގައި ފުލުސް އޮފީހުގައި ހުއްޓައި ފުލުސް އޮފީސް ފޫއަޅުވާލާފައި އެރި ވަޒަނުން އަލީ އަޙްމަދު ޝަހީދުނުވެ ސަލާމަތްވީ ﷲގެ ހެޔޮރަހުމަތުން ހަމަ ކިރިޔާއެވެ. އެ ދުވަހުގެ އެ ބިރުވެރި ހަނދާންތައް މިހާރުވެސް އަލީ އަޙްމަދު ސިފަކުރައްވަނީ އިއްޔެ ހިނގާދިޔަ ކަމެއްގެ ގޮތުގައެވެ.

އެއީ 1988 ނޮވެންބަރު 2 ވަނަ ދުވަހުގެ ރެއެވެ. އަލީ އަޙްމަދާއި އޭރުގެ ފުލުސް އޮފީހުގެ ތަހުގީގު ޓީމުން ތައްޔާރުވަމުން ދިޔައީ ނޮވެންބަރު 3 ވަނަ ދުވަހު ހެނދުނު 6:00 ހާއިރު ކާށިދުއަށް ތަހުގީގު ދަތުރެއް ދިއުމަށެވެ. އެގޮތުން ނޮވެންބަރު 2 ވަނަ ދުވަހުގެ ރޭ އެން.އެސް.އެސް 1 ނަމްބަރު ލޯންޗަށް އެއްޗެހި އަރުވައި ތައްޔާރު ކުރިއެވެ. އެ ދަތުރުގައި ދިއުމަށް ހަމަޖެހިފައިވަނީ އަލީ އަޙްމަދުގެ އިތުރުން އޭރު ފުލުސް އޮފީހުގެ އީ ސެކްޝަންގެ ހެޑް ސްޓަރފް ސަރޖަންޓް ޠާހާ ވަހީދާއި، ޕްރައިވެޓް ޖައުފަރު އަބްދުއްރަހްމާނާއި، ލާންސް ކޯޕްރަލް އިސްމާއިލް އަބްދުލް ހަމީދެވެ. ނަމަވެސް ނޮވެންބަރު 2 ވަނަ ދުވަހުގެރޭ ފަތިހު 4:20 އިން 6:00 އަށް އަލީ އަޙްމަދުގެ ޑިއުޓީއެއް އޮތުމުން ޑިއުޓީ ނިންމާގޮތަށް ފުރަން އޮތީ ހަމަޖެހިފައެވެ. އެހެންކަމުން ޑިއުޓީއަށް ހޭލަން ޖެހޭތީ އެރޭ ނިދީ ބަންޑާރަކޮށީގައެވެ. އެރޭ ނިދާފައި އޮއްވައި ބާރު އަޑުފަށްގަނޑަކާއެކު އަލީ އަޙްމަދަށް ހޭލެވުނެވެ. އޭރު ފެންޑާގައި ތިބި އެއްވެސް މީހަކު ހޭލައެއް ނޫޅެއެވެ.

އެހެންކަމުން އޭނާ ތެދުވެގެން ގޮސް އެންސީއޯ ބެރެކްސް ބެލިއިރު އެންމެންވެސް ތިބީ ނިދާފައެވެ. އެހެންކަމުން ފެންޑާއިން ކޮރިޑޯއަށް އެކަނި ނުކުމެ އެ އިވެނީ ކޮން އަޑެއްތޯ ބަލާލިއެވެ. އޭރުވެސް އެ އަޑުފަށްގަނޑު ދޭތެރެ ދޭތެރެއިން އިވެމުންދެއެވެ. ސިފައިންގޭގެ ބޮޑުގޭޓާ ދިމާއަށް ބަލާލިއިރު، އެދިމާގައި ހުރި މޫނިމާ ގަހާ ނިވައިވެގެން ގުދުވެގެން އޮވެ ޕްރައިވެޓް ހަސަން މަނިކު ބޮޑު ގޭޓާ ދިމާއަށް ބަޑިޖަހަމުން ދިޔަ މަންޒަރު ފެނުނެވެ. ހަސަން މަނިކަކީ ބަޑި ޓްރޭނިންގ ހަދައިގެން އޭރު ބަޑި ޑިއުޓީގައި އުޅުނު މީހެކެވެ. ރާއްޖެ ހިފަން ތަމަޅަ ބާޣީންގެ ބަޔަކު އަރައިގެން އުޅޭކަމެއް އޭރު އެއްގޮތަކަށްވެސް އަލީ އަޙްމަދަކަށް ނޭނގެއެވެ.

ޕްރައިވެޓް ހަސަން މަނިކު މިގޮތަށް ގޭޓާ ދިމާއަށް ބަޑިޖަހާތަން ފެނިގެން އަލީ އަޙްމަދު އަވަހަށް ދުވެފައި އެންސީއޯ ފެންޑާއަށް ވަދެ، ސިފައިންގެ ހިފައިފިޔޭ ކިޔައި ނިދާފައި ތިބި މީހުންނަށް ގޮވައި ހޭލެއްވިއެވެ. ދެން އެންމެންނަށްވެސް ބަޑިޖަހާ އަޑު އިވުމުން ނުކުމެއްޖެއެވެ. އެ ވަގުތު މޭޖަރ މޫސާ އަލީ ޖަލީލު ޔުނީފޯމްގައި ކޮރުޖަހަމުން ބަންޑާރަ ކޮށިތެރެއަށް ވަދެގެންދެއެވެ. އޭރު ސިފައިންގެ ތެރޭގައި ތިބި އެންމެންވެސް ބަޑި ގުދަނުގައި ކިޔު ޖައްސަމުންދާ މަންޒަރު ފެނެއެވެ. އެހެންކަމުން އަލީ އަޙްމަދުވެސް ގޮސް ބަޑިގުދަނުގައި ކިޔު ޖައްސައިގެން ވަދެ ދެ ފޮށި ވަޒަން ނަގައި ޖީބަށްލައި، ބަޑިއެއް ހިފައިގެން ބަޑިގުދަނުން ނުކުތެވެ.

އޭރު އަޑު އިވިފައިވާ ގޮތުގައި ރަސްމީކޮށް ބަޑި ހަވާލުނުކޮށް ތިބި ސިފައިންވެސް އެ ދުވަހު ބަޑި ގުދަނުން ބަޑި ނެގިއެވެ. އޭރުވެސް މި ވެގެން އުޅޭގޮތެއް އޭނާއަކަށް ނޭނގެއެވެ. ބަޑި ހިފައިގެން ނުކުމެ އަލީ އަޙްމަދު ފުރަތަމަ ހުރީ ބަންޑާރަ ކޮށީގައި ހުންނަ އަނބުގަސް ކައިރީގައެވެ. އެތަނުގައި ހުއްޓައި ސަލްޓަންޕާކާ ދިމާއިން ސިފައިންގެ ހުޅަނގު ދެކުނު ކަން ގޮއްވާލި މަންޒަރު ފެނުނެވެ. އެވަގުތު ބޮޑު ކަޅު ދުންގަނޑެއް ފެނުނެވެ. ހަމައެއާއެކު ސިފައިންގެ ތެރެއިން އެ ދިމާއަށް ބަޑިޖަހާ މަންޒަރުވެސް ފެނުނެވެ. އެތަން ގޮއްވައިލުމުން އެތަނުގައި އެތެރެއިން ދަގަނޑު ފިލައެއް ލައްކުރިތަން ފެނުނެވެ. އޭރުވެސް މި ވެގެން އުޅޭގޮތެއް އެއްގޮތަކަށްވެސް އޭނާއަކަށް ރޭކާއެއް ނުލައެވެ. އެހެންކަމުން އެތަނުގައި ހުރުމަށްފަހު ފެންޑާގެ ބިއްދޮށުގައި ފާރު ކައިރީގައި ހުރެފައި، ލޯޑުކޮށްފައި ހުރި 12 ވަރަކަށް މެގަޒިން ޔުނީފޯމަކަށް އަޅައި ގޮށްޖަހާލައިގެން ހިނގާފައި ގޮސް ފުލުސް އޮފީސް ތެރެއަށް ވަނެވެ. އޭރު ފުލުސް އޮފީސް ހުންނަނީ ސިފައިންގެ އިރުއުތުރު ކަނުގައެވެ. މިހާރު ޑިފެންސް މިިނިސްޓްރީ ހުންނަ އިމާރާތުގައެވެ.

އަލީ އަޙްމަދު ފުލުސް އޮފީހަށް ވަތްއިރު، ކެޕްޓަން އަޙްމަދު ނައީމް މުހައްމަދު ފިސްތޯލައެއް ހިފައިގެން ފުލުސް އޮފީހުގައި ހުއްޓެވެ. ހަމަލާތައް ބަދަލު ކުރެވެމުންދިޔަ ވަގުތު ފުުލުސް އޮފީސް މަތީގައި އެންމެ އިސް މީހަކަށް ހަރަކާތްތެރިވީ ކެޕްޓަން އަހުމަދު ނައީމް މުޙައްމަދެވެ. ފުލުސް އޮފީހުގެ އީ ސެކްޝަން ހެޑް ސްޓަރފް ސަރޖަންޓް ޠާހާ ވަހީދުވެސް ޖީޕީއެމްޖީއެއް ހިފައިގެން އޭރު ހުއްޓެވެ. އޭރު ފުލުސް އޮފީހުގެ ފާރު ހުންނާނީ ބޭރު ފެންނަ ގޮތަށް ވަރަށް ތިރިކޮށެވެ. ފުލުސް އޮފީސްތެރެއަށް ވަރަށް ގިނަ ހަމަލާތައް ދީފައި ހުއްޓެވެ. ދޮރުތަކުގެ ބިއްލޫރިތައް ތެޅި ހުރީ ބިންމައްޗަށް ފައިބާފައެވެ. އަލީ އަޙްމަދު ތިރިއަށް ގޮސް ތިރީގައި ހުރެފައި އަނެއްކާވެސް ފުލުސް އޮފީހުގެ މަތީ ފަންގިފިލާއަށް އެރިއެވެ. އެ ދުވަސްވަރު ފުލުސް އޮފީހުގެ ދޮރުތަކުގައި ހުންނާނީ ފުލައިވުޑް ފިލައިން ދެފަޅި ތަތްކޮށްފައި ހުންނަ ފިލައެވެ. އިރުކޮޅަކުން ޓާސްކް ފޯސް މީހަކު ފުލުސް އޮފީހަށް ވަނެވެ. އަދި ދޮރު ވައްޓާލަން ފައިން ޖެހީމައި ދޮރުތަކުގެ ފިލާތައް ފޫ ދިޔައެވެ.

ދެން ސެކްޝަންތަކުގެ އެތެރެއަށް ނުވަދެވުމުން ސެކްޝަންތަކުގެ ތަޅުދަނޑިތައް ގެނެސްދޭން ކެޕްޓަން އަޙްމަދު ނައީމް މުހައްމަދު އެދުނެވެ. އަދި ތަޅުދަނޑިތައް ބަލައި ތިރިއަށް ދާނީ ކާކުހޭ އެހިއެވެ. އޭރު ތަޅުދަނޑިތައް ހުންނާނީ ފުލުސް އޮފީހުގެ މައިގޭޓު ކައުންޓަރާ ދިމާގައި ހުރި ބޯޑެއްގައި އަޅުވާފައެވެ. އޭރުވެސް ސިފައިންގެއަށް ހަމަލާދެމުންދިޔައެވެ. މިއީ އެހާ ބިރުވެރިކަމެއް ކަމަކަށް އަލީ އަޙްމަދުގެ ހިތަކަށް އޭރަކު ނާރައެވެ. އެހެންކަމުން ތަޅުދަނޑިތައް ބަލައި ދިއުމަށް އިސްނެގިއެވެ. އަދި ސިޑީގައި އިށީނދެ އިނދެގެން މަޑުމަޑުން ތިރިއަށް ފައިބައި ތަޅުދަނޑިތައް ނަގައިގެން އައިސް ކެޕްޓަން އަޙްމަދު ނައީމަށް ދިނެވެ. ތަޅުދަނޑިތައް ދިނުމުން ފުލުސް އޮފީހުގެ ސެކްޝަންތައް ހުޅުވިއެވެ. އަދި ހުރިހާ ސެކްޝަންތަކެއް ހުޅުވައިގެން ފުލުސް އޮފީސް މަތިން ދުޝްމިނުންނަށް ވަރުގަދަ ރައްދު ހަމަލާ ދޭންފެށިއެވެ. އެގޮތުން އަޙުމަދު ނައީމް މުޙައްމަދާއި ސަރޖަންޓް ޒުބައިރު އަޙުމަދު މަނިކުގެ އިތުރުން ކޯޕްރަލް ވ. ޅަހުއްތާއި ލާންސްކޯޕްރަލް އަޙުމަދު ޝަފީޤާއި ޕްރައިވެޓް އަބްދުލް އަޒީޒް ޢަލީވެސް ހަމަލާ ދެމުންދިޔައެވެ.

ފުލުސް އޮފީހުގެ ކުޑަދޮރުތައް އޭރު ހުންނާނީ ބޭރު ފެންނަ ގޮތަށެވެ. އެ ދޮރުތައް ހުޅުވުމުން ފުލުސް އޮފީހުން ބޭރަށް ހަމަލާ ދިނުމަށް ފަސޭހަވެގެންދިޔައެވެ. އަދި އޭރު ފުލުސް އޮފީހުގެ ތިރީގައި، އަލިފާން ނިއްވާ ހޮޅި ދަގަނޑު ބުރަކަށް އޮޅާފައި އޮވެއެވެ. އެހެންކަމުން އަލީ އަޙްމަދު ތިރިއަށްގޮސް އެ ހޮޅި އޮޅާފައި އޮތް ދަގަނޑު ބުރު ދަމާލައިގެން އޭގެ މަތީގައި ބަޑި ބައިންދައިގެން ބޭރަށް ދިއްކޮށްގެން އިނެވެ. އެހެން އިނދެފައި މައްޗަށް އަރައި ކަންމަތީގައި ހުރި ކޮޓަރިއަށް ވަތްއިރު ޕްރައިވެޓް ހުސައިން ރަޝީދު (ވައްތީނި) އެތާގައި އިނެވެ. އެހެންކަމުން އަލީ އަޙްމަދުވެސް ހުސައިން ރަޝީދު ގާތު އިށީނެވެ. އޭރުތިބީ ވަރަށް ބޮޑަށް ބަނޑުހައިވެފައެވެ. އެހެން ތިއްބައި ހެނދުނު ގާތްގަނޑަކަށް 7 ނުވަތަ 8 ޖަހާކަން ހާއިރު ކާއެއްޗެއް ލިބުނެވެ. ކާން ތައްޔާރުވި ވަގުތު ފުލުސް އޮފީހުގެ އިރުމަތީ ފާރު ފޫއަޅުވާލާފައި އެތެރެއަށް އެރި ވަޒަން އަލީ އަޙްމަދުގެ ކަނާތު ކަންފަތް ކައިރިން ލާފައިގޮސް އެރީ އޮފީސްތެރޭގައި ހުރި ޝޯކޭހަކަށެވެ. އަދި އެ ދިމާ ބިތްގަނޑަށްވެސް އެރިއެވެ. މި ހަމަލާއިން އަލީ އަޙްމަދު ސަލާމަތްވީ ހަމަ ކިރިޔާއެވެ.

''އަޅުގަނޑުގެ ބޯ އަރިއަކަށް ޖެހިލިނަމަ ވަޒަން ބޮލަށް އެރީސް. ދިޔައީ ކަންފަތް ކައިރިންލާފައި މާބުރުއަޑު ގޮވައިގެން. އެ ވަގުތު އަޅުގަނޑު ވަރަށް ބޮޑަށް ސިހިގެން ދިޔަ. އަދި އަތުގައި އޮތް ރިހަ ކޮތަޅު އަތުން ދޫވި." އެވަގުތު ކޮޅު ސިފަކޮށްދެމުން ޢަލީ އަޙުމަދު ބުންޏެވެ.

އެއާއެކު އެ ދެމީހުން އަވަސް އަވަހަށް ތެދުވެ ފުލުސް އޮފީހުގެ ތަނބުތަކުން ނިވާވެގެން ބަޑި ހިފައިގެން ބޭރަށްބަލަން ތިއްބެވެ. މިހެން ތިބޭއިރު ރީތިކޮށް މަގުމަތި ފެންނާނެއެވެ. އޭރު ރައީސް އޮފީހާ ދިމާގައި އިރަށް ހުރި ފެންތާނގީ ތަކާ ދިމާގައި ޒަކީމެންގޭ ކަންމަތީގައި ތަމަޅައިގެ ދެ މީހަކު ބަޑި ދިއްކޮށްގެން އޮށޯވެގެން އޮތް ތަން އަލީ އަޙްމަދަށް ފެނުނެވެ. އެވަގުތު ފުލުސް އޮފީސް ތެރޭގައި ހުރި ޠާހާ ވަހީދަށް އެ ވާހަކަ އެންގުމުން އޭނާ އެ ދިމާއަށް ބަޑި ޖެހިއެވެ. އޭރު ޕްރައިވެޓް އަޙްމަދު ބުޝްރީ ހުރަވީ ބިލްޑިންގއާއި ސިފައިންގެއާ ދޭތެރޭ ޒަހަމްވެފައި އޮތްތައް ފެނުނެވެ. އޭރު އޭނާގެ ހަރަކާތްތައް ފެނުމުން މަރުނުވާކަން އެނގެއެވެ. އޭނާގެ ވަށައިގެ އޮތީ ލެއެވެ.

އޭގެ އިރުކޮޅެއް ފަހުން މޭޖަރ މުހައްމަދު ޒާހިރާއި ލެފްޓިނެޓް މޫސާ އަލީ ޖަލީލު އިތުރު ސިފައިން ގޮވައިގެން ފުލުސް އޮފީސް ގޭޓުން ބޭރަށް ނުކުންނަތަން ފެނުނެވެ. އޭރު އަޑުއިވިފައި އޮތްގޮތުން ބޮޑުގޭޓުން ނުކުންނަން އުޅުނަސް ބޮޑު ގޭޓަކުން ނުނިކުމެވޭނެއެވެ. އެހެންކަމުން އޭރު ޕޮލިސް ގޭޓު ތަޅުލާފައި ހުއްޓައި މުހައްމަދު ޒާހިރު އިށީނދެއިނދެގެން އެ ގޭޓު ހުޅުވިއެވެ. އެވަގުތު އަލީ އަޙްމަދުވެސް ފުލުސް އޮފީހުގެ ތިރިއަށް ގޭޓާ ދިމާއަށް ފޭބިއެވެ. މޫސާ އަލީ ޖަލީލުމެން ނުކުންނަށް ދިއުމުން ހުރަވީ ބިލްޑިންގ ކައިރީގައި އަޙްމަދު ބުޝްރީ ޒަހަމްވެފައި އޮތް ވާހަކަ އަލީ އަޙްމަދު، މޫސާ އަލީ ޖަލީލުގެ އަރިހުގައި ދެންނެވިއެވެ.

އެމީހުން ގޭޓުން ބޭރަށް ނުކުތުމާއެކު ގޭޓު ތަޅުލިއެވެ. ގޭޓު ތަޅުލުމުން އަލީ އަޙްމަދު އަނެއްކާވެސް އެރީ ކުރީގައި އިންތަނަށް މައްޗަށެވެ. އޭރު މޫސާ އަލީ ޖަލީލުމެން ގާޒީ ބިލްޑިންގއާ ދިމާއަށް ދާތަން ފެނެއެވެ.

''އެ މީހުންނަށް ގާޒީ ބިލްޑިންގ ގޯޅި ހުރަސްކޮށް ދެވުނުކަމެއް ނޭނގެ މޫސާ އަލީ ޖަލީލާއި އޭނާގެ ފަހަތުން ދިޔަ މީހުންގެ ތެރެއިން ޕްރައިވެޓް މުހައްމަދު ހަސަންގެ ގަޔަށް ވަޒަން އަރައިފި. އެ މަންޒަރު ފުލުސް އޮފީހުގެ މަތިން ވަރަށް ރީއްޗަށް ފެނުނު. އެވަގުތު ޕްރައިވެޓް މުހައްމަދު ހަސަން (ދިޔަމިގިލި) އާއި ޕްރައިވެޓް މުހައްމަދު އިބްރާހިމް ( މެކާނޯ) އާއި ލާންސްކޯޕްރަލް އާދަމް ނަޞީރު (ޝޭޑީ) ގެ ގަޔަށް ވަޒަން އެރި މަންޒަރުވެސް ފެނުނު. ވަޒަން އެރުމާއެކު އެ ތިން މީހުންވެސް ބިންމައްޗަށް ވެއްޓުނު. މުހައްމަދު ޙަސަންގެ ގަޔަށް ވަޒަން އެރުމާއެކު އޭނާ ވެއްޓުނީ އަމީރު އަހުމަދު މަގަށް. އެވަގުތު ކަނާތްފަރާތަށް އަރިއަށް އޮވެގެން ހުރަވީ ބިލްޑިންގ މަގުމަތީ ފާރުކައިރިއަށް ދެވޭތޯ އޭނާ މަސައްކަތްކުރި މަންޒަރުވެސް ފެނުނު. އޭރު ވަޒަން އެރުމުގެ ސަބަބުން ޒަހަމްވެފައިވާ އޭނާގެ ކަނާތު އަރިކަށިން ހޯސްލާފައި ލޭ ފައިބަމުންދިޔަ. އެހެންނަމަވެސް މާގިނައިރުތަކެއް ނުވެ އޭނާ ޝަހީދުވެއްޖެ. ޝަހީދުވިއިރު މުހައްމަދު ހަސަން އޮތީ ހުރަވީ ބިލްޑިންގ ގެ މަގުމަތީ ފާރާ ފޫޓެއްހައި ކައިރީގައި ބޯކޮޅު އިރުމައްޗަށް ވާގޮތަށް އުޑުތިލަމަތިން އަމީރު އަހުމަދު މަގުގައި. މުޙައްމަދު އިބްރާހީމްގެ ގަޔަށް ވަޒަން އެރުމާއެކު ހުރަވީ ބިލްޑިިންގގެ މަގުމަތީ ފާރާ ގާތްގަނޑަކަށް ފޫޓެއްހައި ދުރުމިނަށް އޭނާ ވެއްޓުނީ ބަންޑުން. ނޭވާލާއިރު ބޯ މައްޗަށް ހިއްލޭ މަންޒަރު ފެނުނު. ބޯ ހިއްލިހިއްލި އޮއްވައި އަނެއްކާވެސް ދެ ވަނަ ވަޒަނެއް އޭނާގެ ބަނޑަށް އެރި. އެވަގުތު އޭނާ އޮތް ހިސާބުގަނޑުގައި ލޭގެ ކޯރު ދެމެމުން ދިޔަ. އޭނާގެ ބަނޑުން ލޭތައް އޮހޮރެމުންދިއުމާއެކު އޭނާގެ ހަރަކާތް ހުއްޓި ޝަހީދުވެއްޖެ. އެހެންކަމުން މޫސާ އަލީ ޖަލީލުމެންނަށް އިތުރަށް ކުރިއަށް ނުދެވިގެން އެނބުރި އައިސް ޒަހަމްވެފައި އޮތް އަޙްމަދު ބުޝްރީ ދަމާފައި ކަހަލަ ގޮތަކަށް ގޮވައިގެން އައިސް ފުލުސް އޮފީސް ގޭޓުން ވެއްދިތަން ފެނުނު. އަޙްމަދު ބުޝްރީއަކީ ދުޝްމިނުން ހަމަލާދެމުންދަނިކޮށް، ފަތިހު ސިފައިންގެއަށް ވަންނަން އައި މީހެއް. ބައިސްކަލުގައި އައިސް ބަނޑޭރިގޭ ހިނގުމަށް ވަދެ، ފުލުސް އޮފީސް ފާރު ކައިރީގައި ބައިސްކަލް ބަހައްޓާފައި ސިފައިންގެއަށް ވަންނަން ހިނގައިގަތް ވަގުތު ދުޝްމިނުން ދިން ހަމަލާއެއްގައި ވަޒަންއަރައި ޒަހަމްވެގެން ވެއްޓުނީ. އިއްޔެ ވީކަމެއްހެން މިއަދުވެސް އެކަން ހަނދާނުގައި އެބަހުރި.'' އެދުވަހުގެ މަންޒަރުތައް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ އަޙްމަދުގެ ކިޔައިދިނެވެ. އަދި އެއީ އޭނާއަށް ހިތުން ފިލުވާލަން ދަތި މަންޒަރުތަކެކެވެ.

ތިނެއް ނޮވެމްބަރުގެ އުދުވާނަކީ އެއްވެސް ކުށެއް ނެތް އެތައް ދިވެހިންނެއްގެ ލޭ އޮހޮރާލައި އެތައް ބަޔެއް ޝަހީދުކޮށްލި އަދި މި ގައުމަށް ޣައްދާރުވި، އަމިއްލަ އެދުމުން ފޯވެފައިތިބި ޚާއިނުންތަކެއް ހިންގި ރަހުމުކުޑަ އިންސާނިއްޔަތާ ހިލާފު އަމަލެއްގެ ގޮތުގައި އަލީ އަޙްމަދު ސިފަކުރެއެވެ. އަދި ގައުމަށް ދިމާވާ މިފަދަ ހާލަތްތަކުގައި ގައުމުގެ އެއްބައިވަންތަކަން އިސްކޮށް ގުޅިގެން މަސައްކަތް ކުރުމާއި ގައުމު ހިމާޔަތް ކުރުމަކީ މިއަދުގެ ޒުވާނުންނަށް އަލީ އަޙްމަދު ދޭން ބޭނުންވާ ހާއްސަ މެސެޖެކެވެ.

އަލީ އަހުމަދު ފަދައިން އެމަންޒަރުދުށް އަދި އެހަނދާންތައް ހުރި އެއްވެސް ދިވެހި ދަރިއެއްގެ ހިތުން އެ ހަނދާންތައް ފޮހެވިގެނެއް ނުދާނެއެވެ. އެއްވެސް ކުށެއްނެތް 19 ދިވެހީންގެ ލޭ މި ދިވެހި ބިމަށް އޮހޮރާލި އިރު ކުލީ ސިފައިން ގޮވައިގެން ރާއްޖެއައި ޚާއިނުން އެދުވަހު ތިބީ ހޭށެވެ. އެމީހުން ހީކުރީ 19 ދިވެހިންގެ ލޭ އޮހުރުވާލުމުން ދިވެހި ސިފައިން އަމާންދީފާ ނުކުމެ މިގައުމާއި ދިވެހީންގެ މިނިވަންކަން އެ ޣައްދާރުންނާއި ހަވާލުކުރާނެ ކަމަށެވެ.

ހަގީގަތުގައިވެސް އެދުވަހުގެ އެކާމިޔާބީގައި ދިވެހި އަސްކަރިއްޔާއިން ކުރި ހިތްވަރާއި ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްލާމު ދީނުގެ ހައްގުގައި އެކުރި ޖިހާދަކީ ހަގީގީ ދިވެހީން އަބަދުގެ އަބަދަށް ހަނދާން އާކުރާނެ، ޝުކުރުކޮށް ތަޢުރީފު ކުރާނެ ކަމެކެވެ. ޒަމާނީ ހަތިޔާރު ނެތަސް، އެފަދަ ދުވަހަކަށް ތައްޔާރުވެފައި ނެތަސް އަދި ހަނގުރާމައިގެ މާބޮޑު ތަޖުރިބާއެއް ތަމްރީންތަކެއް ލިބިފައި ނެތެއް ކަމަކު އެދުވަހު ދުޝްމަނުން ފިލައި ރައްކާވީ ދިވެހި ސިފައިން ޖަވާބުގައި ދިން ހަމަލާތަކުން ބަލިވެގެން ގޮތް ހުސްވެގެންނެވެ.

އެދުވަހުގެ އެހާދިސާގައި ދިވެހި ސަރުކާރުން އިންޑިއާ ސިފައިންގެ އެހީ ހޯދިއެވެ. އެކަމަކު ޣައްދާރުން ރަހީނުންގެ ގޮތުގައި ދިވެހީންގެ ބަޔަކު ގޮވައިގެން ރާއްޖެ ދޫކޮށް ފުރައިގެން، ފިލައިގެން ދިއުމުންވެސް ދިވެހި ސިފައިން ވަނީ އެމީހުން ފަހާގޮސް ދުޝްމިނުން އަތުލައިގަނެ އެ އުދުވާނުގައި ކާމިޔާބު ހާސިލުކޮށް ދިވެހި ގައުމާއި ދިވެހީންގެ ދީނާއި މިނިވަންކަން ދިފާޢުކޮށްދީފައެވެ. އިންޑިއާ ސިފައިން އޭގެ ފަހުން މާލޭގެ ގޭގެއަށް ބަޑި ހިފައިގެން ވަދެ ދުޝްމިނުން ހޯދަން އުޅުނެވެ. އަދި އޭގެ ފަހުން އެތައް ދުވަހެއް ވާންދެން އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ގާއިމުވެ ތިއްބެވެ. އެފަހަރުވެސް އެމީހުން ރާއްޖެއިން ފޮނުވާލެވުނީ ވަރަށް އުނދަގުލުން ކަމަށް ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން