މަރިޔަމް ލައިޝާ   4 ނޮވެމްބަރު 2021 - 17:52
މިނިވަންކަމުގެ ގައުމީ ބޮޑު ހިނގާލުމުގެ ނަމުގައި މާލޭގެ މަގުތަކުގައި ސުލްހަވެރި ހިނގާލުމެއް ބާއްވަން އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ނިންމައިފިއެވެ.

މި ހިނގާލުމާ ބެހޭ މައުލޫމާތު ހިއްސާކުރަށްވަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ މި ހިނގާލުން ބާއްވަން ހަމަޖެހިފައިވަނީ ހުކުރު ދުވަހު ހަވީރު 03:45 ގައި ޕީޕީއެމް އޮފީސް ދޮރުމަތިން ކަމަށެވެ.



މި ހިނގާލުމަކީ ސުލްހަވެރިކަމާއެކު ބާއްވާ ހިނގާލުމެއް ކަމަށް ވިދާޅުވެ ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު ޝިޔާމް ވަނީ މިނިވަންކަމަށް ލޯބިކުރައްވާ ހުރިހާ ބޭއްފުޅުން މި ހިނގާލުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ދައުވަތު ދެއްވާފައެވެ.

އިދިކޮޅު ކޯލިޝަނުން އިންތިޒާމުކޮށްގެން އެންމެ ފަހުން މިފަދަ ހަރަކާތެއް ބާއްވާފައިވަނީ ރާއްޖޭގައި ގާއިމުވެ ތިބޭ އިންޑިއާގެ އަސްކަރީ ސިފައިން ބޭލުމަށާއި އިންޑިއާއެކު ހަދާފައިވާ ކަމަށް ބުނާ ގޮތްނޭނގޭ އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލާ އަޑުއުފުލުމަށެވެ. ހުސްވި މަހު މާލޭގެ މަގުތަކުގައި ބޭއްވި މި އެއްވުމަކީ މިފަހުން އިދިކޮޅުން ބޭއްވި އެފަދަ ހަރަކާތްތަކުގެ ތެރެއިން އެންމެ ގިނަ މީހުން ބައިވެރިވެގެން ބޭއްވި ހަރަކާތެވެ. މި ހަރަކާތުގައި އެއްވެސް މީހަކު ހައްޔަރުކޮށް ނުވަތަ ފުލުހުންނާ ކުރިމަތިލުމެއް ނުވަތަ ހަމަނުޖެހުމެއް ހިނގާފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު