ޢަބްދުﷲ ރިޔާޒާއި ސަޢުދު
ޢަބްދުﷲ ރިޔާޒާއި ސަޢުދު
ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ޖުމްހޫރީ ޕާޓީ ދޫކުރަށްވައި ވަޑައިގެންނެވީ ޕާޓީ "ޖަހައިގަންނަން" ކުރެއްވި މަސައްކަތް ކާމިޔާބު ނުވުމުން ކަމަށް ވިދާޅުވެ ޖޭޕީގެ ނައިބު ރައީސް އަހުމަދު ސަޢުދު، ރިޔާޒަށް ވަރުގަދަ ތުހުމަތު ތަކެއް ކުރަށްވައިފިއެވެ.

ކުރީގެ ސީޕީ ރިޔާޒަށް ސަޢުދު މިފަދަ ތުހުމަތުތަކެއް ކުރަށްވާފައި މިވަނީ އޭނާ ޖޭޕީއާ ފެއަށް ވަޑައިގެންނެވީ އެޕާޓީގައި ކުރިއަށް ދެވޭނެ އެއްވެސް ގޮތެއް ނެތިގެން ކަމަށް ވިދާޅުވެ ދައްކަވާފައިވާ ވާހަކަ ތަކަކާއި ގުޅިގެންނެވެ. އަބްދުﷲ ރިޔާޒު ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެން ތިމަރަފުށީ ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބު ކުރެއްވީ ޖޭޕީގެ ޓިކެޓްގައި ނުކުމެ ވަޑައިގެން ޖޭޕީގެ ތާއީދާއި މާލީ އެހީތެރިކަމާއެކުގައި ކަމަށް އެޕާޓީން ބުނެއެވެ.

އަބްދުﷲ ރިޔާޒާއި ރިޓަޔާޑް ކާނަލް މުހަންމަދު ނާޒިމް ވަނީ ޖޭޕީން ވަކިވެވަޑައިގެން ސިޔާސީ ޕާޓީއެއް އުފައްދަވައިގެން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެ ވަޑައިގަންނަވަން ފައްޓަވާފައެވެ. މިއާއެކު އެބޭފުޅުން ޖޭޕީން ވަކިވެވަޑައިގެންނެވި ސަބަބާމެދު އެކި ގޮތްގޮތަށް ވާހަކަދައްކަވަމުން ގެންދަވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

އަބްދުﷲ ރިޔާޒު ޖޭޕީން ވަކިވެވަޑައިގެންނެވީ ކުރިއަށް ދެވޭނެ އެއްވެސް ގޮތެއް ނެތިގެން ކަމަށް ވިދާޅުވެ ދައްކަވާފައިވާ ވާހަކަތަކަށް ރައްދު ދެއްވަމުން ސަޢުދު ވަނީ، ކުރިއަށް ދެވޭނެ ގޮތެއް ފެނިވަޑައި ނުގެންނެވި ނަމަވެސް މާލީ މަންފާތައް ނެންގެވީމު ނޫންތޯއޭ، ވިދާޅުވެ ރިޔާޒާ ބޮޑު ސުވާލެއްވެސް ކުރިމަތިކޮށްފައެވެ.

"މާލީ މަންފާތައް ނެގީމެއްނު؟ ދެން ކޮންކަމެއް؟ އާނ! ޕާޓީ ޖަހައިގަންނަން ކުރިމަސައްކަތް ދެއްތޯ؟" ޖޭޕީ "ޖަހައިގަންނަން" ރިޔާޒު މަސައްކަތް ކުރެއްވިކަމަށް ތުހުމަތު ކުރަށްވައި ސަޢުދު ވިދާޅުވިއެވެ.

ޖޭޕީ ދޫކުރަށްވައި ވަޑައިގެންނެވި ސަބަބާމެދު އަބްދުﷲ ރިޔާޒާއި ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމު ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ވެސް ވަނީ މީގެކުރިން ރަށްދު ދެއްވާފައެވެ. ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވީ، ޕާޓީ ޙަވާލުކޮށް ދެއްވުމަށް ޢަބްދުﷲ ރިޔާޒް އެދިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީ ހިންގޭފަދަ ވިޝަނަރީ އަކާއި، ވަސީލަތްތައް ހުރި ބޭފުޅަކު އެޕާޓީއާ އަދި ގުޅިވަޑައިގެންފައި ނުވާކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.

ޤާސިމް ވިދާޅުވީ، އަބްދުﷲ ރިޔާޒުގެ އަނބިކަނބަލުންނާއި ގާސިމްގެ އަނބިކަނބަލުންނަކީ އެއްބަނޑު ދެ ބޭފުޅުން ކަމަށާއި އާއިލީ ގޮތުން ގާތްވުމުގެ ސަބަބުން ރިޔާޒަށް ވަރަށް ބޮޑަށް އިތުބާރު ކުރެއްވުނު ކަަމަށެވެ. އަދި މަޖިލީހުގެ ގޮނޑި ރިޔާޒަށް ކާމިޔާބުކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ. އަދި ރިޔާޒްގެ ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށް އެތައް ސްކޮލަރޝިޕަކާއި، ބޭސްފަރުވާ ކުރުމަށްވެސް އެތައް ރުފިޔާއެއް ޚަރަދުކުރެއްވި ކަމަށް ޤާސިމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު