އަހުމަދު މަސްނޫމް   4 ނޮވެމްބަރު 2021 - 19:34
ފްލެޓް ދޭނެކަމަށް ބުނެ މަކަރާއި ހީލަތްހެދި ސީލައިފް ކުންފުނީގެ މައްސަލައިގައި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެކުލަވާލި ސެޓަލްމެންޓް އެއްބަސްވުމަކާ އެއްގޮތަށް އަމަލުކުރަމުން ނުދާތީ އާއްމުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

122 މީހަކު ސޮއިކޮށް މި ޕެޓިޝަން ހުށަހަޅާފައިވަނީ އާންމު ބައެއް ފަރާތްތަކަކުން ސީލައިފާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގައި އެކުލަވާލި ސެޓަލްމެންޓް އެއްބަސްވުމަކާ އެއްގޮތަށް އެޗްޑީސީން އަމަލުކުރަމުން ނުދާކަމަށް ބުނެއެވެ. އެހެންކަމުން މިކަމުގައި ހުރި ކަންބޮޑުވުންތައް ރައީސް ސާލިހާ ހިއްސާކުރުމަށް ބޭނުންވާކަމަށް ޕެޓިޝަނުގައިވެއެވެ.

މި ޕެޓިޝަން ހުށަހެޅި ފަރާތްތަކުން ބުނާގޮތުން، ޕެޓިޝަންގައި ސޮއިކޮށްފައިވަނީ ސީ ލައިފް މަޝްރޫޢުގެ ދަށުން ފްލެޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން، ފްލެޓް ނުލިބުނު މީހުންނެވެ.

ސެޓްލްމަންޓް އެގްރިމަންޓް ބުނާގޮތުން ސީލައިފް ކުންފުނިން އެ ފަރާތްތަކަށް އެޕާޓްމެންޓް ވިއްކި އަގަށް ވުރެ ބޮޑު ނުވާވަރަށް، ސަރުކާރުގެ ހައުސިން މަޝްރޫއަކުން ދެ އަހަރު ތެރޭ ބޯހިޔާވަހިކަން ހަމަޖައްސަންޖެހޭނެއެވެ. ނަމަވެސް އެކަމަށް ކަނޑައަޅާފައިވާ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް އެކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައި ނުވާކަމަށް ޕެޓިޝަން ހުށަހެޅި ފަރާތްތަކުން ބުނެއެވެ.

ސީލައިފް ގްލޯބަލް ކުންފުންޏަށް ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް 2014 ވަނަ ހަވާލުކުރި މަޝްރޫއުގެ ދަށުން ބައެއްގެ މީހުންގެ އަތުން ވަނީ ބޮޑެތި އަދަދުތަކުން ފައިސާ ނެގުމަށްފަހު، މަކަރު ހަދާފައެވެ.

މިމައްސަލަައިގައި ސީ ލައިފްގެ ވެރިޔާ ރާއްޖެއިން ބޭރުގައި އުޅެނިކޮށް ވަނީ ރާއްޖެ ގެނެސް ހައްޔަރުކޮށްފައެވެ. ނަމަވެސް ކަފާލާތުގެ ދަށުން އޭނާ މިހާރު ހުރީ ދޫކޮށްލާފައެވެ.



ކިޔުންތެރިންގެ ހިޔާލު