ރާއްޖެ އެތެރެކުރަން މަސައްކަތްކުރި 18 ކިލޯގެ މަސްތުވާތަކެއްޗާއެކު ބްރެޒިލްގެ އަންހެނަކާއި ފިރިހެނަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި އިއްޔެ ހައްޔަރުކުރީ ބްރެޒިލްގެ އުމުރުން 28 އަހަރުގެ ފިރިހެނަކާއި 37 އަހަރުގެ އަންހެނެކެވެ. އޭގެތެރެއިން ފިރިހެން މީހާގެ ލަގޭޖުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންނާއެކު 18.857 ކިލޯ ހުރިކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ. ނަމަވެސް އޭނާގެ އަތުން ފެނުނީ މަސްތުވާތަކެތީގެ ކޮން ބާވަތެއްކަމެއް ނޭނގެއެވެ. އާއްމު ގޮތެއްގައި ބްރެޒިލުން އަންނަ މީހުންގެ އަތުން ފެނިފައި ހުންނަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކެއިންނެވެ.

އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އަންހެން މީހާގެ ބަންދަށް 7 ދުވަސް އަދި ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

މި މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ކަމާއިބެހޭ ފަރާތްތަކުން މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއްނުވެއެވެ. މިކަމާއި ގުޅޭ އޮޕަރޭޝަނެއް ކުރިއަށްދާކަމަށް ކަސްޓަމުން ވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު