ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރުދިންކަމުުގެ ތުހުމަތުގައި ހައްޔަރުކުރި ހ. ލައިޓްނައިޓް އިސްމާޢީލް ޔާފިސްގެ މައްޗަށް ދައުވާކުރުމަށް ކޯޓަށް ހުށަހަޅައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އިސްމާޢީލް ޔާފިސް، ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާޢަތަށް ބައިއަތު ހިފިކަން އަންގައިދޭ ލިޔުމެއް ސޯޝަލް މީޑިއާގައި ޝާއިޢުކޮށް، 2020 ވަނަ އަހަރުން ފެށިގެން އިސްމާޢީލް ޔާފިސް ބޭނުންކުރާ ސޯޝަލް މީޑިއާގެ އެކި ޕްލޯޓްފޯރމްތަކުގައި ރައީސް ނަޝީދަށް އިންޒާރުދީ އެކި ޕޯސްޓްތައް ކޮށްފައިވާ މައްސަލައިގައި 3 ދައުވާއެއް ކުރުމަށް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.

އިސްމާޢީލް ޔާފިސްގެ މައްޗަށް އުފުލާފައިވާ ދައުވާތައް؛

1. ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން، ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުން (އަދަބު: 10 އަހަރާއި 15 އަހަރާ ދެމެދު)

2. ޤާނޫނު ނަންބަރު: 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން، ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ ދަޢުވާ. (އަދަބު: 4 އަހަރާއި 6 އަހަރާ ދެމެދު)

3. ޤާނޫނު ނަންބަރު: 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 16-1 ގެ (ހ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުން. (އަދަބު: 3 އަހަރާއި 5 އަހަރާ ދެމެދު)

ފުލުހުން އޭނާ އެންމެ ފުރަތަމަ މިދިޔަ އޮގަސްޓްމަހު ހައްޔަރުކުރީ ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންފިނަމަ ބަދުރު ހަނގުރާމައިގެ ދުވަހު އަބޫޖަހުލަށް ހަދައިލި ގޮތް ހަދައިލާނެކަމަށް ބުނެ ރައީސް ނަޝީދަށް ސޯޝަލް މީޑިއާގައި އިންޒާރުދިނުމާއި ގުޅިގެނެވެ.

އެމައްސަލައިގައި އޭނާ ހައްޔަރުކޮށްގެން ބަންދުގެ މުއްދަތް އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުގައިވެސް އޭނާ ވަނީ ރައީސް ނަޝީދަށް މަރުގެ އިންޒާރު ތަކުރާރުކޮށްދީފައެވެ. އެކަމާއި ގުޅިގެން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި، އޭނާ އެއް މަސް ދުވަހަށް ޖަލަށްލާންވެސް ކޯޓުން ހުކުމްކުރިއެވެ.



ކިޔުންތެރިންގެ ހިޔާލު