މާޝާ މިދުހަތު   4 ނޮވެމްބަރު 2021 - 22:1
ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި އުމުރުފުރާގެ ކުދިންގެ ތެރޭގައި، ބުލީ ކުރުން ނުވަތަ ގަނާ ކުރުމުގެ ޝިކާރައިގައި ޖެހޭ ކުދިން ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އދގެ ފަހުގެ ރިޕޯޓަކުން ދައްކާގޮތުގައި ދުނިޔޭގެ 30 އިންސައްތަ އަށްވުރެ ގިނަ ދަރިވަރުންވަނީ ގަނާކުރުމުގެ ޝިކާރައަކަށްވެފައެވެ. ގަނާކުރުމުގެ ޝިކާރައަކަށްވާ ގިނަ ދަރިވަރުންގެ ކިޔެވުމަށް އަސަރު ކޮށް، ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން އެތައް ކަމެއް އެކުދިން ދަނީ ތަހައްމަލު ކުރަމުންނެވެ.

ސްކޫލްގައި ގަނާ ކުރުން

ޔުނެސްކޯގެ ދިރާސާ ރިޕޯޓުން ދައްކާގޮތުގައި ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ކޮންމެ 3 ކުއްޖަކުން އެއްކުއްޖަކީ ގަނާކުރުމުގެ ޝިކާރައަކަށްވެފައިވާ ދަރިވަރުންނެވެ. ގަނާ ކުރުމުގެ ގޮތުން ސްކޫލްތަކުގައި އެންމެ އާންމުކޮށް ހިނގަމުންދާ ކަންތައްތަކުގެތެރޭގައި، ކުދިން އެކަހެރި ކުރުމާއި، ތަފާތުކުރުމާއި، އަޅާނުލުމާއި، ބޭއަދަބީބަސް ބޭނުން ކުރުމާއި، ދޮގު ވާހަކަ ފެތުރުމާއި، ފާޑު ފާޑު ނަންނަމުން ގޮވުމާއި، ލަދު ގެންނެވުމާއި، ބިރުދެއްކުން ފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ހަނގާކުރުމާއި އަދި ޖިންސީ ފުރައްސާރަ ކުރުންވެސް ސްކޫލްތަކުގައި ދަނީ އާންމުވަމުންނެވެ.

މިފަދަ ކަންކަމީ ހަމައެކަނި ދަރިވަރުންގެ ތެރެއިން އެކަކު އަނެކެއްގެ މެދުގައި ހިނގާ ކަންކަން ނޫން ކަމަށާއި، މިފަދަ ކަންކަމަކީ ދަރިވަރުންނާއި ޓީޗަރުން ނުވަތަ އެހެނިހެން މުވައްޒަފުންގެ މެދުގައިވެސް ހިނގާ ކަންކަންކަމަށް ޔުނެސްކޯގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ބުލީ ކުރުމުގެ ޝިކާރައަކަށް ވާކުދިން ކިޔެވުމާ ދުރުވުމުގެ އިތުރުން، ސްކޫލް މާހައުލަކީ އެކުންދިންނަށް ރައްކާތެރި މާހައުލެއްގެ ގޮތުގައި ގަބޫލުކުރުން ހުއްޓާލައި، އެކުދިންގެ ފަރާތުން އެކަހެރި ވުމާއި، މާޔޫސްވުމާއި، އެކަނިވެރިކަމުގެ އަލާމާތައް ފެންނާނެކަމަށް ޔުނެސްކޯގެ ދިރާސާ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ. ޔުނެސްކޯގެ ދިރާސާއިން ދައްކާގޮތުގައި ދިގުމުއްދަތަކަށް ގަނާ ކުރުން ތަހައްމަލު ކުރާ ކުދިންގެ ފަރާތުން އެކި ނަފްސާނީ ބަލިތަކުގެ އިތުރުން ސިއްހީ އެކި ބަލިތަކުގެ ގިނަ އަލާމާތްތަކެއް ފެނިގެންދެއެވެ. މީގެ ތެރެއިން އެފަދަ ގިނަ ކުދިން ޒުވާން އުމުރުފުރާގައި ދުންފަތުގެ އިސްތިއުމާލް ކުރުމާއި މަސްތުވާތަކެތީގެ ވަބާގައި ޖެހެމުންދާކަމަށްވެއެވެ.

ސްކޫލްގައި ގަނާ ކުރުމުގެ ޝިކާރައަކަށްވާ ދަރިވަރުން

ގަނާ ކުރުމުގެ ޝިކާރައަކަށް ވާކުދިންގެ ތެރޭގައި ގިނައިން ހިމެނެނީ އެހެންކުދިންނާ ތަފާތު ކުދިންކަމަށް އދގެ ދިރާސާއަކުން ދައްކާފައިވެއެވެ. މީގެ ތެރޭގައި ޖިސްމާނީގޮތުން އުނިކަމެއް ނުވަތަ ތަފާތުކަމެއް ހުރުން، ތަފާތު ގައުމަކަށް ނުވަތަ ދީނަކަށް ނިސްބަތްވުން، ހަމުގެ ކުލަ އާއި ޖިންސް އަދި މާލީ ތަނަވަސްކަން ހިމެނެއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކާއި ގުޅިގެން ވެސް ބުލީ ކުރުން ނުވަތަ ގަނާ ކުރުމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ގަނާ ކުރުން ހުއްޓުވުމުގައި އިސްވެރިންގެ ދައުރުބޮޑު: އދ

ޔުނެސްކޯގެ ދިރާސާގެ ރިޕޯޓުގައި، ގަނާކުރުން ހުއްޓުވުމުގައި އިސްވެރިންގެ ދައުރުބޮޑުކަމަށް ފާހަގަކޮށްފައިވެއެވެ. ހާއްސަގޮތެއްގައި ސްކޫލްތަކުގައި ބުލީކުރުން ހުއްޓުވުމުގެ ގޮތުން ހަރުކަށި ގަވާއިދުތަކެއް އެކުލަވަލުމުގެ އިތުރުން އެގަވާއިދުތައް ތަންފީޒުކުރުމަށް ހަރުދަނާ ފްރޭމްވޯކްތަކެއް އެކުލަވާލުމުގެ މުހިންމުކަން ޔުނެސްކޯއިން ވަނީ ފާހަގަކޮށްފައެވެ.

އަދި ސްކޫލްތަކުގައި މިކަން ހުއްޓުވުމުގެ ގޮތުން ޓީޗަރުންނާއި މުވައްޒަފުންނަށް ޕޮޒިޓިވް ކްލާސްރޫމް މެނޭޖްމަންޓްފަދަ ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ މުހިންމުކަންވެސް ޔުނެސްކޯއިން ވަނީ ފާހަގަކޮށްފައެވެ. މީގެއިތުރުން އެކި ކަހަލަ އިހުސާސްތައް ދެނެގަތުމާއި، އަޅާލުން އިތުރުކޮށް އެކުވެރިކަމަށް ބާރު އަޅަން ޕްރޮމޯޓް ކުރެވޭނެފަދައިން ސްކޫލްތަކުގެ ކިޔަވައިދިނުމުގެ ކަރިކިއުލަމް ބައްޓަން ކުރުމަށް ޔުނެސްކޯއިން އިލްތިމާސްކޮށްފައިވެއެވެ. އަދި ސްކޫލް ތެރޭގައި ހިނގާ ގަނާކުރުމުގެ އަމަލްތައް ކުށްވެރިކޮށް އަދަބު ދިނުމުގައި ހަމަހަމަ އުސޫލުތަކެއް ގެންގުޅުމުގެ މުހިންމުކަންވެސް ޔުނެސްކޯއިން ފާހަގަކޮށްފައިވެއެވެ.

ސްކޫލް މާހައުލަކީ ކުޑަކުދިންނަށް ރައްކާތެރި މާހައުލަކަށް ހަދައިދެވޭނީ އެންމެންގެ އެއްބާރުލުން ލިބިގެންނެވެ. ގަވާއިދުތަކެއް އެކަނި ހެދިގެން ކަމަކު ނުދާނެއެވެ. ގަވާއިދުތައް ތަންފީޒުކުރެވެންވެސްވާނެއެވެ. ސްކޫލްތަކުގައި ގަނާ ކުރުން ހުއްޓުވުމަށް ޓީޗަރުންނާއި ސްކޫލް މުވައްޒަފުންގެ އިތުރުން، ބެލެނިވެރިންނާއި، ތައުލީމާ ބެހޭ މިނިސްޓްރީގެ އިތުރުން ގައުމުގެ އިސްވެރިންގެ އެއްބާރުލުންވެސް ބޭނުންވާނެއެވެ.

ގަނާ ކުރުމަކީ މަޖަލަކަށް ހަދާވަރުގެ ކުޑަކަމެއް ނޫނެވެ. މީގެ ސަބަބުން އެތައް ކުދިންނެއް ނަފްސާނީ ބަލިތައް ތަހައްމަލު ކުރުމުގެ އިތުރުން މިދުނިޔެ ދޫކޮށްފައިވެސްވެއެވެ.

މިގޮތުން ސްކޫލްތަކުގައި ގަނާކުރުން ހުއްޓުވުމާއި ބެހޭގޮތުން އާންމުން އަހުލުވެރިކުރުން އިތުރުކުރުމަށް، ކޮންމެ އަހަރެއްގެ ނޮވެމްބަރ މަހުގެ 5 ވަނަ ދުވަހަކީ ބައިނަލްއަގުވާމީގޮތުން ސްކޫލްތަކުގައި ގަނާކުރުމާއި ދެކޮޅަށް ފާހަގަކުރާ ދުވަހެއްގެ ގޮތުގައި މިހާރު ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން