މާލޭ ކޮމާޝަލް ޕޯޓު ގުޅީފަޅަށް ބަދަލު ކުރުމަށް ހިންގާ ޕްރޮޖެކްޓްގައި އަޑިނޭގޭ ކަންތައްތަކެއް އެބަހުރިކަމަށް މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު މިހެން ވިދާޅުވީ ރާއްޖޭގެ މީޑިޔާއަކުން މިއަދު މެންދުރުފަހު ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުންނެެވެ. ގުޅީފަޅުގައި ޕޯޓް އެޅުމަށް ސަރުކާރުން ހިންގާ ޕްރޮޖެކްޓާއި ބެހޭގޮތުން ވާހަކަ ދައްކަަވަމުން މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވިދާޅުވީ، ގުޅީފަޅުން ބައެއް މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ޚާއްސަ ކުރުމުގެ ކަންކަން ނުކޮށް ސަރުކާރުން ލަސްކުރާ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، އެހެން ނަމަވެސް ގުޅީފަޅުގައި ޕޯޓް އެޅުމުގެ ޕްރޮޖެކްޓްގައި އަޑިނޭގޭ ކަންތައްތަކެއް ހުރުން އެކަށީގެންވާ ކަމަށެވެ. ސަރުކާރުން ޕޯޓް އެޅުމަށް ހިންގާ ޕްރޮޖެކްޓްގައި ވެފައިވާ އެއްބަސްވުން ރައްޔިތުންނަށް ހާމަ ނުކުރުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިއަޑުއިވެނީ މީޑިޔާއިން ގުޅީފަޅުގައި އިންޑިޔާގެ ކުންފުންޏަކާ ކަންނޭގެ ހަވާލުކޮށްގެން ޕޯޓެއް އަޅަން ވަނީ ނިންމާފައޭ، އޭގެ އޮތް ތަފްސީލެއް ނޭގޭ، އެހެންވީމަ ޝައްކުކުރެވޭ މުޅިގައުުމުގައި މިހިނގާ ކަންކަމަށް ބަލާއިރު، މި އެގްރިމެންޓް އޮތް އެއްޗެއްގެ ސަބަބުން މިއުޅެނީ ގުޅީފަޅުގައި ޕޯޓް އެޅުމުގެ ބަދަލުގައި އެތަން ހައުސިންއަށް ބަދަލުކުރުން ފަސްޖެހިގެން." ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހަންމަދު ވިދާޅުވިއެެވެ.

މީގެ އިތުރުން މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ، ގުޅީފަޅުގައި ޕޯޓް އަޅަން ބޭނުންވާ ސަރަހައްދު ބޭއްވުމަށްފަހު ބިން ހިއްކައިފިނަމަ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ވުރެ ބޮޑު ސަރަހައްދެއް އޮންނާނެ ކަމަށެވެ. އެ ސަރަހައްދުން މާލޭގެ 30000 ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ހުޅުމާލޭގެ ފުރަތަމަ ފިޔައްވައްސާއި ދެވަނަ ފިޔަވަހިން މާލޭގެ ރައްޔިތުންގެ ބޯހިޔާވަހި ކަމުގެ މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެެ.

"އެކަން ނުކުރަންވީ އެއްވެސް ސަބަބެއް ނެތް، ނުކެރެވެންވީ ސަބަބެއް ވެސް ނެތް. ރައްޔިތުންނަށްޓަކައި އެކަން ނިއްމަންވީ ނޫންތޯ؟ ވަރަށް ސިމްޕަލް ޑިޝިޝަނެއް ނޫންތޯ އެއީ. ހުޅުމާލޭގެ ފުރަތަމަ ފިޔައްވައްސާއި ދެވަނަ ފިޔަވަހިން މިކަން ވާކަން ނެތް. މުޅި މާލޭގެ ރައްޔިތުންނަށް ގެދޮރުގެ މައްސަލަ ހައްލެއް ނުވޭ، އެހެންވީމާ ގުޅީފަޅަކީ އެހާ ބޮޑު ފަޅަކަށްވާއިރު އެތަން ހިއްކައިގެން އެކަމަށް ބޮޑު ހައްލެއް އަންނަން އޮތީމަ. އޭރުންވެސް ގޯތިގެދޮރުގެ މައްސަލަ މުޅިން ހައްލު ނުވި ނަމަވެސް ބޮޑު ހައްލެއް އަންނާނެ. އެ ހައްލު ގެނެވެން އޮތީމަ އެކަން ކުރަންވީ ނޫންތޯ އުފަލާއެކީގައި، އަޅުގަނޑުމެން މިތިބީ ފުރިހަމަ އެއްބާރުލުންދޭން." މާލޭގެ ސިޓީގެ ރައްޔިތުންގެ ވޯޓުން އިންތިޚާބު ކުރި ފުރަތަމަ މޭޔަރު ޑރ. މުއިއްޒު ވިދާޅުވިއެވެ



ކިޔުންތެރިންގެ ހިޔާލު