ފުލުހުންގެ މަސައްކަތްތައް އަމާޒުކޮށްފައިވަނީ ރައްޔިތުންނަށް ފުލުހުންދޭ ހިދުމަތް އަލުން ތަރުތީބުކޮށް ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނެ ތަރައްގީވެފައިވާ ފުލުހުންގެ ހިދުމަތްތަކެއް މުޅި ރާއްޖެއަށް ފޯރުކޮށްދޭ މުއައްސަސާއަކަށް ފުލުހުންގެ ހިދުމަތް ބަދަކުރަމުން ގެންދިއުމަށްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ ހއ. ތުރާކުނުގައި ގާއިމްކުރި ޕޮލިސް ޑެސްކު ރަސްމީކޮށް ހުޅުވުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލުކުރަމުންދާއިރު، ގާނޫނުން ފުލުހުންގެ މަސައްކަތްތައް އިންތިޒާމްވެގެންވާ ގޮތް ވަރަށް ސާފުކޮށް ގާނޫނުގައި ކަނޑައަޅާފައިވާކަމަށް ވިދާޅުވިއެވެ.

އަދި ލާމަރުކަޒީކޮށް ހިދުމަތް ދިނުމަށާއި މުޖުތަމައާ އޮންނަ ގުޅުން ދެމެހެއްޓުމަށް ވަރަށް ބޮޑަށް ގާނޫނު ބާރުއަޅާފައިވާކަން ފާހަގަކުރައްވައި، ފުލުހުންގެ މަސައްކަތްތައް އަމާޒުކޮށްފައިވަނީ ރައްޔިތުންނަށް ފުލުހުންދޭ ހިދުމަތް އަލުން ތަރުތީބުކޮށް ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނެ ތަރައްގީވެފައިވާ ފުލުހުންގެ ހިދުމަތްތަކެއް މުޅި ރާއްޖެއަށް ފޯރުކޮށްދޭ މުއައްސަސާއަށް ފުލުހުންގެ ހިދުމަތް ބަދަކުރަމުން ގެންދިއުމަށްކަމަށް ވިދާޅުވިއެވެ. އަދި މިއަދު ތުރާކުނުގައި ޕޮލިސް ޑެސްކެއް ހުޅުވިގެންދާކަމީ އެއަމާޒަށް ވާސިލްވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ލޯކަލް ޕޮލިސިންގ ކަނޑައަޅާފައިވަނީ އަތޮޅުތެރޭގައި ދެވޭ ފުލުހުންގެ ހިދުމަތްތްތަކަށް އިތުރު އަހައްމިއްޔަތުކަމެއް ދިނުމުގެ ގޮތުންކަމަށާއި މިއަދުން ފެށިގެން ހޯރަފުށިން ފުލުހުން އައިސް ދެމުން ދިޔަ ހިދުމަތަށް ނިމުން އައިސް ތުރާކުނުގައި ފުލުހުންގެ ހިދުމަތް ދޭނީ ރައްޔިތުންނާ ކައިރިންކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ހަމައެއާއެކު، ރާއްޖޭގެ އެހެން ރަށްތަކަށް އަންނަ ބަދަލުތައް ފަދައިން ތުރާކުނުގެ އާންމު މަސްލަހަތާއި ކުށުގެ ވެއްޓަށް ބަދަލުތަކެއް އައުން އެއީ ފުލުހުން ސަމާލުވެ ދުރާލައި ފިޔަވަޅުތައް އަޅަންޖެހޭ ކަމެއްކަމުގައިވެސް ކޮމިޝަނަރ ހަމީދު ވިދާޅުވިއެވެ. އެގޮތުން ތުރާކުނަށް ތައާރަފްވުމަށް ފުރުސަތު އޮތް ކުށްތަކާއި އެކުށްތަކަށް އޮތް ކަންބޮޑުވުމާއި ބިރުވެރިކަމުން މުޖުތަމައު ސަލާމަތްކޮށް، ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ފުލުހުން ގާއިމްވެ ތިބުމަކީ މުހިންމުކަމެއްކަމަށް ހަމީދު ވިދާޅުވިއެވެ. އަދި ޕޮލިސް ޑެސްކެއް ގާއިމްވެގެން ދިއުމާއެކު މިފަދަ ބަލިމަޑުކަމެއް މެދުވެރިވާ ހާލަތެއްގައި ރައްޔިތުންނާއި ކައުންސިލާއި ހެލްތު ސެންޓަރާ ގުޅިގެން ކުރަން ޖެހޭ މަސައްކަތްތަކުން ފެށިގެން ރަށުގައި ހިންގާ ކުށުގެ އަމަލުތަަކަށް ފާރަވެރިވެ އެކުށްތައް ހުއްޓުވުމަށް އަތޮޅުގައި ގާއިމްވެފައިވާ ފުލުހުން، ޓީމުތަކާއެކު މަސައްކަތްކުރުމާއި ރައްޔިތުންނާ ގާއިމްކުރެވޭ ގުޅުމުގެ ތެރެއިން ފުލުހުންގެ މަގުސަދުތައް ހާސިލްކުރުމަށް ކޮންމެ ދުވަހަކު މަސައްކަތް ކުރެވިގެންދާނެކަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.

މީގެއިތުރުން ރައްޔިތުންނާއި މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން ރަށުގެ ވެއްޓަކީ އަމާން ތަނަކަށް ހެދުމަށް މަސައްކަތް ކޮރުމަށް ހއ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންގެ ކިބައިން ކޮމިޝަނަރ އެދިވަޑައިގެންނެވިއެވެ. އަދި ފުލުހުން ކުރަމުންދާ މަސައްކަތްތަކުގައި އެންމެ ކުރީ ސަފުގައި ފުލުހުންނާއެކު އަތުގުޅާލައިގެން މަސައްކަތްކޮށްދެއްވުމަށް ތުރާކުނު ރައްޔިތުންގެ ކިބައިން ކޮމިޝަނަރ އެދިވަޑައިގެންނެވިއެވެ.

ތުރާކުނު ޕޮލިސް ޑެސްކު ހުޅުވައި ދެއްވުމަށްފަހު މިނިސްޓަރ އޮފް ހޯމް އެފެއާޒާއި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ޕޮލިސް ޑެސްކު ބައްލަވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު