ސިިވިލް ސާވިސް މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވާނަމަ ވަޒީފާ ގެއްލޭގޮތަށް ދިވެހި ސިވިލް ސާވިސްގެ ގަވާއިދަށް ގެނައި އިސްލާހަކީ ކުރީގެ ސަރުކާރުގައި ގެނެސްފައިވާ އިސްލާހެއްކަމަށް ސިވިލް ސަރވިސް ކޮމިޝަނުން މިއަދު ބުނެފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން މިކަން ހާމަކޮށްފައި މިވަނީ، ސިިވިލް ސާވިސް މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވާނަމަ ވަޒީފާ ގެއްލޭގޮތަށް ދިވެހި ސިވިލް ސާވިސްގެ ގަވާއިދަށް ގެނައި އިސްލާހާއި ގުޅިގެން ފާޑު ކިޔުން އަމާޒުވުމުންނެވެ.

އިސްލާހުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ ގަވާއިދުގައި ބުނެފައިވަނީ އޮފީހުގެ ރަސްމީ ގަޑީގައި ސިޔާސީ ވާހަކަދެއްކުމަކީ ފުރަތަމަ ދަރަޖައިގެ ކުށެއް ކަމަށެވެ. ހަމައެއާއެކު ރަސްމީ ގަޑީގައި ސިޔާސީ ވާހަކަ ދެއްކުމާއި، ސިޔާސީ ބަހުސްކުރުން ވަނީ ދެވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި އެ ގަވާއިދުގައި ބަޔާންކޮށްފައެވެ. މީގެ އިތުުރުން އެ ގަވާއިދުގައި ބުނެފައިވަނީ މަސައްކަތުގެ ރަސްމީ ނުވަތަ ނުރަސްމީ ގަޑީގައި ވެސް މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަކީ ކުށެއް ކަމަށެވެ. އެއާއެކު އެއީ ވަޒީފާއިން ވަކިކުރެވޭފަދަ ކުށެއްގެ ގޮތުގައި ވެސް ވަނީ ގަވާއިދުގައި ހިމަނާފައެވެ.

މިކަމާއި ގުޅިގެން ސިވިލް ސަރވިސް ކޮމިޝަނުން މިއަދު ބުނީ ރަސްމީ ގަޑީގައި ރަސްމީ މަސައްކަތުގައި އުޅޭއިރު ސިޔާސީ ހަރަކާތްތަކުގައި ސިވިލް ސާވަންޓުން ބައިވެެރިވުމަކީ ކުށެއް ކަމުގައި ކަނޑައެޅީ އިއްޔެ ގެޒެޓްކުރި އިސްލާހާއި ގުޅިގެން ނޫން ކަަމަށެވެ. އަދި ސިވިލް ސާވިސް ގާނޫނަށް 2015 ވަނަ އަހަރު ގެނެވުނު ތިން ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 53 ވަނަ މާއްދާގައި އެކަން އެގޮތަށް ބަޔާން ކޮށްފަައިވާ ކަމަށް އެކޮމިޝަނުން ބުނެފައި ވެއެވެ. އަދި މި ބަދަލު ސިވިލް ސާވިސް ގަވާއިދަށް 2015 ވަނަ އަހަރުގެނެވި އެކަން އާއްމުކޮށްފައިވާކަމަށްވެސް އެކޮމިޝަނުން މިއަދު ހާމަކޮށްފައި ވެއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން މިހެން ބުނިނަމަވެސް، ސިޔާސީ ވާހަކަ ދެއްކުން ފުރަތަމަ ދަރަޖައިގެ ކުށެއްގެ ގޮތުގައި އަދި ސިޔާސީ ބަހުސް ކުރުން ދެވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައެޅީ އިއްޔެ ސިވިލް ސަރވިސް ކޮމިޝަނުން ގެޒެޓްކުރި ގަވާއިދުގައެވެ.



އަނެއްކޮޅުން މިއީ ކުރީ ސަރުކާރުން ކުރި ކަމެއްކަމަށް ސިވިސް ސާވިސް ކޮމިޝަނުން ބުނެފައިވާއިރު، އޭރުވެސް ގަވާއިދަށް އެ ބަދަލު ގެނައުމަށް ނިންމާފައި އޮތީ ސިވިލް ސަރވިސް ކޮމިޝަނުންނެވެ. ގާނޫނު އަސާސީގައި ބުނާ ގޮތުން ސިވިލް ސާވިސް ކޮމިޝަނަކީ މިނިވަން މުސްތަގިއްލު މުއައްސަސާއެކެވެ. މިހެން އެކަން އޮތް ނަމަވެސް އޭރު ގާނޫނަށް ގެނައި އެ އިސްލާހު އަލުން ބަދަލުކުރާކަށްވެސް މިސަރުކާރުން އެކުލަވާލި ސިވިލް ސާވިސް ކޮމިޝަނުން މަސައްކަތް ކޮށްފައިވާ ކަމެއް އެނގިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު


3

އެހެންތ

08-Nov-2021

ހޯރަފުށީ ސަލީމު އެއީ ކުރީ ސަރުކާރު މީހެއްތަ?


-5

ރިޒަ

08-Nov-2021

ފޯކޭ ނުކިޔާ ރަގަޅު ކުރަންވީނު


9

ހުސެއިނު

08-Nov-2021

އަހުރެމެން މިސަރުކާރުގެނައީ ކުރީސަރުކާރުން ކުރިދޯހަޅިކަންތައްތައް ރަގްޅުކުރުމުގެ ބޭނުމުގައެވެ. އެކަންތައް ދަމަހައްޓާކަށްނޫނެވެ. ޝުކުރިއްޔާ