ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފަށައިފިއެވެ.

އެކަމަށްޓަކައި ކުޅުދުއްފުށި ސިޓީގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އެވެ. އެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއާއި ފުލުހުންގެ އިސް އޮފިސަރުންނާއި، ހދ. އަތޮޅު ކައުންސިލްގެ ރައީސްއާއި، ކުޅުދުއްފުށި ސިޓީގެ މޭޔަރާއި ކައުންސިލް މެމްބަރުންނާއި، ރަށުގައި ހުރި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި ފުލުހުން ބައިވެރިވިއެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެެފެއާޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، ކުޅުދުއްފުށި ސިޓީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފެށިގެން ދިއުމަކީ ފުލުހުންގެ މުއައްސަސާއަށާ ހާއްސަކޮށް ކުޅުދުއްފުށި ސިޓީއަށް ވަރަށް ތާރީހީ ކަމަކަށް ވެގެންދާނެ ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި މިއަދުގެ ޕޮލިސިންގެ ހިދުމަތް ދިނުމުގައި ގެންގުޅޭ އުސޫލުތަކާއި ވައްޓަފާޅި ދެނެގެނަގެން ރައްޔިތުންނަށް ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެ އެކަށީގެންވާ ރަނގަޅު މޮޑެލްއަކަށް މަސައްކަތްކުރުމަށްޓަކައި ފުލުހުން ފެށި މަސައްކަތަށް ލިބިގެންދިޔަ އިތުރު ހިތްވަރެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި އަތޮޅުތެރޭގައި ފެށިގެންދާ އަވައްޓެރި ފުލުހުންގެ ހިދުމަތަކީ ދިވެހި ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ އަމާންކަމާއި ރައްކާތެރިކަަމަށް ފެށިގެންދާ ވަރަށް މުހިއްމު މަސައްކަތެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި އަވައްޓެރި ފުލުހުންގެ ނަތީޖާ ފެނިގެންދާއިރު ހުރިހާ ރައްޔިތުންނަށް އެކަމުގެ ފުރިހަމަ އިހުސާސްކުރިވެގެންދާނެ ކަމާއި ސަލާމަތާއި ރައްކާތެރިކަން ރައްޔިތުންނަށް އިހުސާސް ކުރެވިގެންދާނެ ކަމުގައި ވިދާޅުވިއެވެ.



އެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްކެވި ވާހަކަފުޅުގައި، އަވައްޓެރި ފުލުހުންގެ ހިދުމަތަކީ ދިވެހި ފުލުހުންގެ މަސައްކަތަށް ގެންނަށް މަސައްކަތްކުރާ އިންގިލާބީ ބޮޑު ބަދަލެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި އެ ބަދަލަކީ ކަމެއް ދިމާވުމުން އެކަމަށް ފިޔަވަޅުއަޅަންތިބޭ ބައެއްގެ ބަދަލުގައި، މުޖުތަމައަށް ނުކުމެ އިސްވެ މައްސަލަތައް ދެނެގަނެގެން އެ މައްސަލަތަކަށް ހައްލުހޯދުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި މަސައްކަތް ބަދަލުކުރުން ކަމުގައި ފާހަގަކުރެއްވިއެވެ. އަދި މިގޮތަށް ފުލުހުންގެ މަސައްކަތް ބައްޓަންވެ ތަރުތީބުވުމުން ފުލުހުންނަކީ މިހާރަށްވުރެ ބޮޑަށް ކުޅުދުއްފުށި ސީޓީގައި ހުރި ކުށުގެ މައްސަލަތަކަށް މަސައްކަތްކުރާ ބަޔަކަށް ވެގެންދާނެ ކަމުގައި ފާހަގަކުރެއްވިއެވެ. އަދި އަވައްޓެރި ފުލުހުންގެ ހިދުމަށް ކުޅުދުއްފުށި ސިޓީގައި ފެށިގެންދާ މިދާ ވަގުތަކީ ރައްޔިތުންނާއި ފުލުހުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ކުރިއަށްވުރެ އިތުރުވެފައިވާ ވަގުތެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި މިދިޔަ ދެ އަހަރުގެ ތެރޭގައި ދުނިޔެ ދުއް ކޯވިޑް 19 އިގެ ބަލިމަޑުކަމާއެކު ދިވެހި ފުލުހުންގެ ހިދުމަތުންވެސް ވަނީ ގިނަ ކަންތައްތަކެއް ދަސްކޮށް ތަޖުރިބާ ކޮށްފައި ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ދިވެހި ރާއްޖޭގެ ކަންކޮޅުތަކުގައި ތިބި ރައްޔިތުންވެސް ވަނީ ދިވެހިންގެ ހުރި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގެ ލާމަސީލު މިސާލު ދައްކުވައިދީފައި ކަމުގައި ފާހަގަ ކުރެއްވިއެވެ. އަދި ރައްޔިތުންނާ ގުޅިގެން ކުރާ މަސައްކަތުން ދިވެހި ރާއްޖެއަށް، ހާއްސަކޮށް ކުޅުއްފުށި ސިޓީއާއި އެ ސަރަހައްދުގެ އެހެން ރަށްރަށަށްވެސް ދިމާވެފައިވާ ކުށުގެ ނުރައްކާތަކުން އަޅުގަނޑުމެންނަށް އަރައިގަނެވޭނެ ކަމުގައި ވިދާޅުވިއެވެ.

އޭގެ އިތުރުން، ﷲ ގެ އިރާދަފުޅާއެކު އަޅުގަނޑުމެން އެންމެންގެ މަސައްކަތުން ކޯވިޑް 19 އިގެ ބަލިމަޑު ކަމުގެ މައްޗަށް ކާމިޔާބު ހޯދުނު ފަދައިން ކުށްކުރުން މަދުކުރުމާއި ކުށުގެ ރޭޓު ދަށްކުރުމަށްވެސް ކާމިޔާބު ހޯދޭނެ ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ކޯވިޑް 19 އިގެ ބަލިމަޑުކަމުގައި ދިވެހި ރައްޔިތުން ފުލުހުންނާ ގުޅިގެން ކުރި މަސައްކަތް ފާހަގަ ކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ރައްޔިތުން ފުލުހުންގެ ކިބައިން އެދެނީ އިންސާނީ ހައްގުގެ އެންމެ މަތީ މިންގަނޑުތަކުގެ ތެރެއިން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުން ކަމާއި ކުށްކުރުން މަދު މުޖުތަމައަކަށް ހެދުމަށް ފުލުހުން މަސައްކަތްކޮށްދިނުން ފާހަގަކުރެއްވިއެވެ. އަދި އަވައްޓެރި ފުލުހުންގެ މަސައްކަތަކީ ދެންނެވުނުފަދަ ޑިމޮކްރެޓިކް ހިއުމަން ރައިޓްސް ބޭސްޑް އަދި ކުށާއި ކުށުގެ ބިރުވެރިކަން ދަށްކުރުމަށް ހާއްސަ އިސްކަމެއްދީގެން މަސައްކަތްތައް ކުރުމަށް ގާއިމުކުރެވޭ ހިދުމަތެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި މިނިޒާމަށް ފުލުހުންގެ މަސައްކަތް ބައްޓަންވުމުން ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމުގެ ތެރެއިން މިހާރަށްވުރެ ރަނގަޅު އަދި ފުރިހަމަ ނަތީޖާތަކެއް ނެރެވިގެންދާނެކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި މިކަން ހާސިކުރެވޭނީ ރައްޔިތުންގެ އެއްބާރުލުން ފުލުހުންނަށް ލިބިގެން ކަމުގައިވެސް ވިދާޅުވިއެވެ.

އަދި މި ގާއިމުކުރެވޭ ހިދުމަތުން ރަނގަޅު ނަތީޖާތަކެއް ނެރުމަށް ފުލުހުންގެ މަސައްކަތްތައް އެގޮތަށް ބައްޓަންކުރެވިގެންކަމުގައި ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތް ކުރެވިގެންދާއިރު ފުލުހުންނާއި އާންމުންވެސް ހިމެނޭހެން ތަމްރީނު ޕްރޮގްރާމްތައް ރާވާނެކަމުގައި ފާހަގަކުރެއްވިއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ތަމްރީނަށް ވަރަށްބޮޑު އިސްކަމެއްދީފައިވާ ކަމުގައި ފާހަގަކުރެއްވިއެވެ. އަދި އެ ތަމްރީނުތަކަކީ ފުލުހުން އަލުން ތާޒާ ކުރުމާއި ގާނުނީ އިޖުރާތުތަކަށް އަހުލުވެރިވެފައިވާ މިންވަރު އިތުރުކުރުމަށާއި މިހާރުހުރި ކުށްތަކަށް އަދި ވުޖޫދުވަމުން އަންނަ ކުށްތަކަށްފިޔަވަޅު އެޅޭނެ ގާބިލުކަން އިތުރުކުރުމަށް ވަރަށްބޮޑަށް ސަމާލުކަން ދެވިގެންދާ ތަމްރީނުތަކެއް ކަމުގައި ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު