އިސްލާމް ދީނުގެ ރިވެތި އަޚްލާޤުގެ މަތީގައި ކުދިން ތަރުބިއްޔަތު ކުރުމަކީ، ހެޔޮލަފާ ޖީލެއް ބިނާކުރުމުގެ ބިންގާކަމަށާ އެހެންކަމުން ތުއްތު ދަރިންގެ ހިތްތަކުގައި، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ ފުރިހަމައަށް ސާބިތުކޮށްދެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާޞަބާ ފާހަގަކުރުމުގެ ގޮތުން ފޮނުއްވި ޚިޠާބުގައެވެ. ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ވިދާޅުވީ، ދިވެހި ޤައުމިއްޔަތު ބިނާވެފައި ވަނީ މާތްވެގެންވާ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ކަމަށާއި، އަދި އެ ނިޢުމަތުގެ މަތީގައި ތާއަބަދަށް ދެމިތިބެވޭތޯ ގަދައަޅައި މަސައްކަތް ކުރުމަކީ، ކޮންމެ ދިވެހި ފަރުދެއްގެ ބޮލުގައި އެޅިފައިވާ، ދީނީ އަދި ޤައުމީ ވާޖިބެއްކަމަށެވެ.

"ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެއްބައިވަންތަކަމާއި އެއްބަނޑު އެއްބަފާކަމުގެ މަތިވެރި ގުޅުމުގެ އަސާސަކީ، އިސްލާމްދީނުގެ މަތިވެރި އަޚްލާޤީ ބިންގަލުގެ މަތީގައި އަޅުގަނޑުމެންގެ ދަރިން ތަރުބިއްޔަތު ކުރުމުގެ މަތިވެރި ނަސީބު މިންވަރު ކުރައްވާފައިވުމެވެ. އަޅުގަނޑުމެންގެ ކާބަފައިން މިޤައުމުގައި ޤާއިމުކޮށްދެއްވި ދިވެހި ޤައުމިއްޔަތު ބިނާކުރައްވާފައިވަނީވެސް، މާތްވެގެންވާ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައެވެ." ރައީސްގެ ޚިތާބުގައިވެއެވެ.

ރައީސް ސާލިޙު ވިދާޅުވީ ދިވެހި މުޖްތަމަޢަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އިސްލާމް ދީނާ އެއްވެސް ގުޅުމެއް ނެތް ފިކުރުތަކާއި ޢަމަލުތަކެއް، ދީނީ ކަންތަކެއްގެ ގޮތުގައި، ފެތުރުމަށް، ބަޔަކު ކުރަމުންދާ މަސައްކަތްތައް ކަމަށެވެ. އަދި އޭގެ ނަތީޖާއަކީ އެފަދަ ފިކުރުތައް ޤަބޫލުކުރާ މަދު ބަޔަކު، މީހުންގެ ފުރާނައާއި މުދަލަށް ގެއްލުންދިނުމުގެ ނިރުބަވެރި ޢަމަލުތައް ހިންގަން ފެށުންކަމަށާއި މިސަބަބަށްޓަކައި، ޢިލްމުވެރިންނާއި މުދައްރިސުންވެސް، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ، ރަނގަޅު ގޮތުގައި ދަރިންނަށް ފޯރުކޮށްދެއްވުމަށް، ޚާއްޞަ ސަމާލުކަން ދެއްވުމަށް އެމަނިކުފާނުގެ ޚިތާބުގައި ވަނީ އިލްތިމާސްކުރައްވާފައެވެ.

"ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރާއިރު، އަޅުގަނޑުމެންގެ ވިސްނުން މިއަދު އަމާޒުކުރަންވީ އެންމެ މުހިންމު ކަމަކީ، ލޯތްބާއި ކުލުނާއި އޯގާތެރިކަމުގެ ވަރުގަދަ ގުޅުމުން، މީސްތަކުންގެ ހިތްތައް ގުޅުވައިލަ ދިން، އިސްލާމީ ރިވެތި އަޚްލާޤުގެ މަތީގައި ސާބިތުވެ ތިބުމަށެވެ. އަނެކުންގެ ފުރާނައާއި މުދަލާއި އަބުރަށް ޙުރްމަތްތެރިކޮށް ހިތައި ރައްކާތެރިވުމުގައި، މި އުންމަތުގެ މާތް ނަބިއްޔާ ދެއްކެވި މަތިވެރި ނަމޫނާ، އަޅުގަނޑުމެންގެ ޙަޔާތުގައި ޢަމަލީ ގޮތުން ތަންފީޒު ކުރުމަށެވެ. ޙަސަދަވެރިކަމާއި ޢަދާވާތްތެރިކަމުން އެއްކިބާވެ، މީސްތަކުންނަށް މަޢާފްކުރުމަށާއި ބަދަލު ނުހިފުމަށް، މި އުންމަތުގެ މާތް ނަބިއްޔާ ތަކުރާރުކޮށް ދެއްވި އިރުޝާދުތައް ތާއަބަދު ސިކުނޑީގައި ހަރުލެއްވުމަށެވެ." ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައީސްގެ ޚިތާބުގައި އަނެކުންގެ ފުރާނައާއި މުދަލާއި އަބުރަށް ޙުރުމަތްތެރިކޮށް ހިތައި ރައްކާތެރިވުމުގައި، މާތް ނަބިއްޔާ ދެއްކެވި މަތިވެރި ނަމޫނާގައި ހިފައި އެގޮތަށް ޢަމަލުތައް ބައްޓަންކުރުމަށް އެދިވަޑައިގެންނެވިއެވެ. އަދި ޙަސަދަވެރިކަމާއި ޢަދާވާތްތެރިކަމުން އެއްކިބާވެ، މީސްތަކުންނަށް މަޢާފްކުރުމަށާއި ބަދަލު ނުހިފުމަށް، މާތް ނަބިއްޔާ ތަކުރާރުކޮށް ދެއްވި އިރުޝާދުތައް ތާއަބަދު ސިކުނޑީގައި ހަރުލެއްވުމަށާއި ކުލުނާއި އޯގާތެރިކަން އިސްކޮށް އިސްލާމްދީނުގެ ރިވެތި އަޚްލާޤުގެ މަތީގައި ސާބިތުވެ ތިބުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

ރާއްޖެ އިސްލާމުވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޙިޖުރީ ސަނަތުން ކޮންމެ ރަބީޢުލް އާޚިރާ މަހެއްގެ 2 ވަނަ ދުވަހެވެ.

 



ކިޔުންތެރިންގެ ހިޔާލު