ރާއްޖެއިން ބޭރުގައި ދިވެހި ވިޔަފާރިތައް ފުޅާކުރުމަށް ސަރުކާރުން އެހީތެރިވާނެކަމަަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ކުންފުންޏެއްގެ އަހަރީ ދުވަހާއި ގުޅުވައިގެން ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު ވިދާޅުވީ ރާއްޖޭގެ ވިޔަފާރިތަކުގައި ވަރަށް ގާބިލު، ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އުއްމީދަކީ ސަރުކާރުގެ ކުންފުނިތަކާއި ރާއްޖޭގެ އަމިއްލަ ކުންފުނިތަކުގެ ވިޔަފާރި ރާއްޖެއިން ބޭރަށް ފުޅާވެގެންދާތަން ފެނުންކަމަށާއި އެކަމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒުގެ ވާހަކަފުޅުގައި މިހާރުވެސް ރާއްޖެއިން ބޭރުގައި ދިވެހި ވިޔަފާރިތައް ހިންގާކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން މިހާރަށްވުރެވެސް ބޮޑަށް އެމަސައްކަތްތައް ފުޅާކުރެއްވުމަށް ފައްޔާޒް ގޮވާލެއްވިއެވެ.

ފައްޔާޒުގެ ވާހަކަފުޅުގައި މިހާރު ތިއްބެވި ބޭފުޅުންނަަށް ކުރިއަށް އޮތް ޖީލުތަކަށް ރަނގަޅު އިގްތިސޯދީ މަންފާތަކެއް ނެރެވޭނެ މަސައްކަތްތަކެއް ކުރެވޭނެކަން ފާހަގަކުރެއްވިއެވެ. އަދި އެކަން ކުރުމަށް މުޅި ދުނިޔެއަށް ރާއްޖޭގެ ވިޔަފާރިތައް ފުޅާކުރުމަކީ މުހިއްމުކަމެއްކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒްގެ ވާހަކަފުޅުގައި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުމާއެކު ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި، ފުޅާކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ވިދާޅުވިއެވެ.

"ވަރަށް ބޮޑަށް އަޅުގަނޑުމެންގެ ތެރޭގައި ކޮމިއުނިސްޓް މޮޑެލަކަށް ދާން ވެސް ވާހަކަ ދެކެވޭ، އަޅުގަނޑުމެންނަށް މި ގެންގުޅެވޭ ސިޔާސަތުތަކަކީ އަޅުގަނޑު ދަންނަވާނީ ކޮންމެވެސް ވަރަކަށް ސޯޝަލް މާކެޓް އިކޮނޮޮމީއެއްގެ ފީޗާސްތަކެކޭ." ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އެއް މަސައްކަތަކީ ވިޔަފާރިތަކަށް ފަހި މާހައުލެއް ހޯދައިދިނުން ކަމަށެވެ. އަދި އެމަގުން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފައްޔާޒު ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން