އަހުމަދު މަސްނޫމް   7 ނޮވެމްބަރު 2021 - 15:36
މިއަދަކީ ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ބަލަނީ ދިވެހި ދައުލަތް، އިސްލާމް ދީން ޤަބޫލުކުރި ދުވަހެވެ. އެދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއާޚިރު މަހުގެ އެއްވަނަ ދުވަހުއެވެ. އާދެ، މިއަދު އަޅުގަނޑުމެން ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަމުންދާއިރު، ދިވެހިން އިސްލާމްދީނުގެ ހިދާޔަތުގައި އުޅޭތާ މިވަނީ 895 އަހަރުވެފައެވެ.

ދިވެހި ދައުލަތް ރަސްމީގޮތުން ޤަބޫލުކުރާ ގޮތުގައި ރާއްޖެ އިސްލާމްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާޚިރު މަހުގެ ތެރޭގައެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ދިވެހި ދައުލަތުން މިދުވަސް ފާހަގަކުރަން އެންމެ ފުރަތަމަ ފެށީ ހިޖުރައިން 1374 ވަނަ އަހަރުގައެވެ. އެ އަހަރުން ފެށިގެން 1387 ގެ ނިޔަލަށް 14 އަހަރު މި ދުވަސް ފާހަގަ ކުރުމަށްފަހު އޭގެ ފަހުން އެ ދުވަސް ފާހަގަކުރުން ވަނީ ހުއްޓާލާފައެވެ. އެއަށްފަހު އަލުން ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަން ފެށީ ހިޖުރީ ސަނަތުން 1421 ވަނަ އަހަރުން ފެށިގެން ނެވެ.

ތާރީޚުން އެނގޭ ގޮތުގައި ރާއްޖެ އިސްލާމްވީ މަޣުރިބުކަރައިގެ އިލްމުވެރިއެއްގެ އަތްޕުޅު މައްޗަށެވެ. އަދި ދައުލަތުން ރަސްމީ ގޮތުން ބަލަނީވެސް އެގޮތަށެވެ. ތާރީޚު ބުރަވާގޮތުން އެ ޢިލްމުވެރިޔާގެ ނަންފުޅަކީ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީ އެވެ. އޭރު ރާއްޖޭގެ ރަސްކަމުގައި ހުންނެވީ ސްރީތިރިބުވަނަ އާދީއްތިޔަ މަހާރަދުންނެެވެ. މި ރަސްގެފާނު އިސްލާމްވެ ވަޑައިގަތުމުން ނަންފުޅަކަށް ވީ އައްސުލްޠާން މުޙައްމަދު ބުނި ޢަބްދިﷲ ސިރީބަވަނާދީއްތަ މަހާރަދުންނަށެވެ. މި ރަދުންނަށް ދިވެހިން ވަނީ ދަރުމަވަންތަ މަހާރަދުންގެ ނަންފުޅުން ނަންދީފައެވެ. މިއީ ހުރިހާ ގޮތަކުންވެސް ރާއްޖެއަށް އަގުހުރި ދަރުމަވަންތަ ޚިދުމަތްތަކެއް ކުރެއްވި ރަސްކަލެކެވެ.

މި ރަސްގެފާނަށް ނިސްބަތްވާ ދެ މިސްކިތް މާލޭގައި މިހާރުވެސް އެބަހުއްޓެވެ. އެއީ ދަރުމަވަންތަ ރަސްގެފާނު މިސްކިތާއި، މަސްޖިދުއް ސުލްތާން މުޙައްމަދު ބުނި ޢަބްދިﷲ އެވެ. ދަރުމަވަންތަ ރަސްގެފާނު މިސްކިތަކީ މާލޭގައި އަދި އެއްގޮތަކުން ބަލާއިރު ރާއްޖޭގައި ހުރި އެންމެ ދުވަސްވީ އެއް މިސްކިތެވެ. އަދި މަސްޖިދުއް ސުލްތާން މުހައްމަދު ބުނި ޢަބްދިﷲ އަކީ ރާއްޖޭގައި އަދި މާލޭގައި އެންމެ ފަހުން އިމާރާތް ކުރެވުނު އެންމެ ފުރިހަމަ ރީތި މިސްކިތެވެ. މީގެ އިތުރުން ދަރުމަވަންތަ ސްކޫލް ވެސް ނިސްބަތްވަނީ ދަރުމަވަންތަ މަހާރަދުންނަށެވެ. މިކަންކަމުން ދޭހަވަނީ ދަރުމަވަންތަ ރަސްގެފާނަށް ޙައްގު މަޤާމު ހޯދައި ދިނުމަށާއި، ރާއްޖޭގެ އިސްލާމީ އެއްބައިވަންތަކަން ޙިމާޔަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތެވެ.

ދިވެހިން މިއަދު ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރާއިރު، ދިވެހިންގެ އެއްބައިވަންތަކަން ދެމެހެއްޓޭ އެންމެ ބޮޑު އަސާސެއް ކަމުގައި ދިވެހިން ޤަބޫލުކުރަނީ އިސްލާމްދީނުގެ ހިދާޔަތު ލިބުމުނު ލިބުމެވެ. ދިވެހިރާއްޖެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ކުޑަކުޑަ އާބާދީއެއްގެ ގޮތުގައި، ކުދިކުދި ރަށްތަކެއްގައި، މިނިވަންކަމާއި އަމާންކަމާއިއެކު ދެމިއޮތުމުގެ އެއް ސަބަބަކީވެސް އިސްލާމް ދީނެވެ. މީގެ އިތުރަށް ދިވެހިންގެ ކިބައިގައި ހުރި ގިނަ ރިވެތި ސިފަތަކާއި އާދަކާދަތަކާއި އިޖްތިމާޢީ އަގުތަކުގެ އެއްސަބަބަކީވެސް އިސްލާމް ދީންކަމަށް ދިވެހިން ޤަބޫލުކުރެއެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރާ މި ދަނޑިވަޅުގައި ހަނދާނަށް ގެންނަންޖެހޭ އެއްކަމަކީ ދީނީ ގޮތުން އުފެދިފައިވާ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ބައެއް ދިވެހިންގެ މެދުގައި ބައިބައިވުން އުފެދިފައިވާކަމެވެ. ނަމަވެސް ދީނީ މިފަދަ ޚިޔާލު ތަފާތުވުންތަކަކީ އޭގެ ސަބަބުން ބައިބައިވުން އުފެދެންޖެހޭ ސަބަބެއް ނޫންކަމަށް ގިނަ ދީނީ ޢިލްމުވެރިން ވިދާޅުވެއެވެ. އެހެންކަމުން ދިވެހީން ގަބޫލުކޮށް ބަލައިގަނެގެން ތިބި އިސްލާމްދީނުގެ ސައްޙަ އަގީދާއާއި ގަބޫލުކުރުންތަކުގެ މަތީގައި ސުލްހަވެރިކަމާއެކު ދިރިއުޅުމަށް މަގުފަހިކޮށްދިނުމަށް ދީނީ ޢިލްމްވެރިންގެ މެދުގައި ހުރި ޚިޔާލުތަފާތުވުންތައް އެއްފަރާތްކޮށް އެކުވެރިކަން އިހުތިޔާރު ކުރުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ. އިސްލާމީ ގިނަ ގައުމުތަކުގައި އޮތް ދީނީ ޚިޔާލުތަފާތުވުން ތަކާއި ބައެއްކަހަލަ ނޭއްގާނީ ގަބޫލުކުރުން ތަކުގެ ސަބަބުން އެގައުމުތަކުގައި ހިނގަމުންދާ ހަމަނުޖެހުން ތަކުގައި މުސްލިމުން ބައިބައިވެ ނިކަމެތި ވެފައިވާކަމީ ގަބޫލުކުރަންޖެހޭ ހަގީގަތްތަކެވެ. ދުނިޔޭގައި އެކި ކަންކޮޅުތަކުގައި ދީނީ ޖަމާއަތްތަކުގެ ނަމުގައި ހިނގަމުންދާ މިފަދަ ދީނީ ގަބޫލުކުރުންތަކާއި ޚިޔާލުތަފާތުވުންތަކުގެ އަސަރު ރާއްޖެއަށްވެސް ކުރަމުންދާއިރު އިސްލާމު ދީނުގެ ނަމުގައި ހިންގާ ހައްދުފަހަގަނައަޅާފައިވާ ނުބައި ހަރަކާތްތަކުގެ އަސަރު މި ކުޑަކުޑަ ބައިމަދު ރާއްޖެއިން ވެސް މަދުންނަމަވެސް ފެންނަމުންދާކަމީ ހިތާމަކުރަން ޖެހޭ މައްސަލައެކެވެ.

އަނެއްކޮޅުން އިސްލާމްދީނަށް ދިވެހިންގެ ހިތްތަކުގައި ދެވިފައިވާ ލޯތްބާއި ޤަދަރު ނައްތާލައި އެ ދީނާމެދު ނަފްރަތު އުފެއްދުމަށްވެސް ބަޔަކު މަސައްކަތްކުރާކަން ޤަބޫލުކުރަންޖެހެއެވެ. އެހެންކަމުން އެފަދަ މީހުންގެ ނުރައްކާތެރި މަޅިތަކުން ސަލާމަތްވުމަށްޓަކައި އިސްލާމީ ސައްހަ ޢަޤީދާ ވަރުގަދަކޮށް އީމާންކަން ވަރުގަދަކުރުމަށް މަސައްކަތްކުރުމަކީ ކޮންމެ ދިވެއްސަކަށްވެސް މުހިންމުކަމެކެވެ. ރާއްޖޭގެ ދީނީ ޢިލްމް ވެރީންގެ ތެރެއިން ގިނަ ޢިލްމްވެރިން މިމަގުން މަސައްކަތް ކުރަމުން ގެންދާ ކަމުގެ އެއް ހެއްކަކީ ކުރިއާ ޚިލާފަށް މިއަދު ދިވެހީން ދީނީ ކަންކަމުގައި މާބޮޑަށް ރޯފިލައި ހޭލުންތެރިވެ، ފަރުވާތެރިވެ އުޅޭތަން ފެނުމެވެ. އަދި ދީނުގެ ފަރުޟު ކަންކަމުގެ އިތުރުން ސުންނަތް ރޯދަ ހިފުމާއި ސުންނަތްކަން ގަދަވެގެންވާ ނަމާދުތައް އަދާކޮށް ހެޔޮކަންކަމުގައި މަސްއޫލުވެ އުޅުން ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު