ސްރީލަންކާގައި މާދަމާ ފަށާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ ފުޓްބޯޅަ މުބާރާތުގެ ޓިކެޓް ދިވެހިންނަށް އަގުހެޔޮކޮށް ލިބޭނެ އިންތިޒާމް ދިވެހި ސަރުކާރުގެ މަސައްކަތަކާއެކު ހަމަޖެހިއްޖެއެވެ.

މާދަމާ ލަންކާގައި ފަށާ މުބާރާތުގެ ޓިކެޓް ދިވެހިންނަށް ވިއްކަން ހަމަޖައްސާފައި އޮތީ 5،000 ރުޕީސް (ގާތްގަނޑަކަށް 25 ޑޮލަރު) އަށް ކަމަށް އެ ގައުމުގެ ފުޓްބޯލް ފެޑެރޭޝަނުން ވަނީ އިއުލާންކޮށްފައެވެ. ދިވެހިންނަށް 5000 ރުޕީސްއަށް ޓިކެޓް ވިއްކާއިރު، ލަންކާ މީހުންނަށް ޓިކެޓް ވިއްކާއަގަކީ 200 ރުޕީސްކަމަށް ވަނީ ކަނޑައަޅާފައެވެ.

ގިނަ އަދަދެއްގެ ދިވެހިން ލަންކާގައި އުޅޭއިރު، ޓިކެޓް އަގުބޮޑުވި މައްސަލަ ފެންމަތިވުމުން ދިވެހި ސަރުކާރުން ވަނީ އެކަމުގެ ތެރެއަށް ވަދެފައެވެ.

ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އެދިވަޑައިގަތުމަށް އެމައްސަލައިގައި ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ވެރިޔާއާ ވާހަކަ ދައްކަވާފައި ވާކަމަށެވެ. އަދި ދަނޑުގެ އެހެން ސަރަޙައްދަކުން 3000 ރުޕީސް ނުވަތަ 15 ޑޮލަރަށް ދިވެހިންނަށް ޓިކެޓް ލިބޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާކަމަށް މަހްލޫފް ވިދާޅުވިއެވެ.



ދިވެހިންނަށް ދަނޑުގެ އެހެން ސަރަޙައްދަކުން 3000 ރުޕީސްއަށް ޓިކެޓް ލިބޭނެ އިންތިޒާމް ހަމަޖެއްސިނަމަވެސް، އަދިވެސް 5000 ރުޕީސްގެ ޓިކެޓްވެސް ވިއްކާނެއެވެ.

މާދަމާ ފަށާ މުބާރާތުގައި ރާއްޖެއާއި ލަންކާ ބައްދަލުކުރާ މެޗު އޮންނާނީ މާދަމާރޭގަ އެވެ. މުބާރާތުގެ ޓިކެޓް ދިވެހިންނަށް ވިއްކާނީ ކޮލަމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީންނާއި ދިވެހިންގެ ކޮމިއުނިޓީ ސެންޓަރުންކަމަށް ލަންކާގެ ފުޓްބޯލް ފެޑެރޭޝަންގެ އިއުލާނުގައިވެއެވެ. ނަމަވެސް ދިވެހިންނަށް ހާއްސަ ކުރީ ކިތައް ޓިކެޓް ކަމެއް ފެޑަރޭޝަނަކުން ނުބުނެއެވެ.

ހުސްވި މަހު ރާއްޖޭގައި ނިމިގެންދިޔަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ޓީމުތައް ނިސްބަތްވާ ގައުމުތަކުގެ ސަޕޯޓަރުންނަށް ޓިކެޓް ވިއްކުމުގައި ތަފާތު ކުރުންތައް ރާއްޖޭގެ އެފްއޭއެމުން ގެންގުޅޭ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިއުން އެޖަމިއްޔާއަށް ވަރަށް ބޮޑަށް އަމާޒުވިއެވެ. އޭގެ ތެރޭގައި ބައެއް އާންމު ރައްޔިތުންނާއި ޖަމިއްޔާތައް ވެސް ހިމެނެއެވެ. ނަމަވެސް ބައިނަލްއަޤްވާމީ ފުޓްބޯޅައިގައި އަބަދުވެސް އުސޫލުތައް އޮންނަނީ މުބާރާތް ބާއްވާ ގައުމަށް ފައިދާވާ ނުވަތަ އެޑްވާންޓޭޖް ތަކެއް އޮންނަ ގޮތަށެވެ.



ކިޔުންތެރިންގެ ހިޔާލު