މުސްތަގުބަލުގައި ރާއްޖޭގެ ޓޫރިޒަމް ބަރޯސާވާނީ ރާއްޖޭގެ އެކި ހަބުތަކަށް ކަމުގައި ވިދާޅުވެ މުޅި ރާއްޖެއަށް ފަތުރުވެރިކަން ފަތުރާލާނެ މުޅިން އައު ޚިޔާލީ ތަސައްވަރެއް ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދުﷲ މައުސޫމް ހިއްސާ ކުރަށްވައިފިއެވެ.

ޓީވީ ޕްރޮގުރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދު ﷲ މައުސޫމް ވިދާޅުވީ، މުސްތަގުބަލުގައި ރާއްޖޭގެ ޓޫރިޒަމް ބަރޯސާވާނީ މާލެ ސަރަހައްދަށް އެކަނި ނޫން ކަމަށާއި، އޭގެ ބަދަލުގައި ޓޫރިޒަމް ބަރޯސާވަނީ ރާއްޖޭގެ އެކި ހަބުތަކަކަށް ކަމަށެވެ. އެގޮތުން މާލޭގެ އިތުރުން ދެކުނު ސަރަހައްދަށް އަމާޒުކޮށް ސަދަން ޒޯނާ ތިލަދުންމައްޗާއި، އައްޑު އަތޮޅާއި ހުވަދު އަތޮޅަށް ފަތުރުވެރިކަން ބަރޯސާވެގެންދާނެ ކަމަށް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވިއެވެ.

"މުސްތަގުބަލުގައި ރާއްޖޭގައި ތަފާތު ހަބުތައް ހުންނާނެ، ސަދަން ޒޯން ތިލަދުންމަތި، މާލެ ނ. އަތޮޅު ހިސާބު ވަކިން އަދި ހުވަދޫ އެއީ ވަކި ޒޯނެއްގެ ގޮތުގައި އޮންނާނީ. މިހާރު ސަދަން ޒޯންގައި މިއޮންނަނީ އައްޑޫ ސިޓީ ފުވައްމުލައް އަދި ހުވަދު އަތޮޅު. އެހެން ނަމަވެސް ހުވަދުއަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުނީމަ އައްޑު އާއި ހުވަދު އަތޮޅާއި ދޭތެރޭގައި ވެސް ސަބް ޓްރާންސްޕޯޓްތަށް ހިމެނޭނެ." ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިމަގުގެ ޚިޔާލީ ވިސްނުންފުޅު ހިއްސާ ކުރަށްވަމުން ޑރ. މައުސޫމް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ މެދުއިރުމައްޗާއި ރާއްޖެއާއި އޮތީ ގުޅިފައި ކަމަށާއި، އެތެރޭގެ ދަތުރުފަތުރަށް މިހާރު މަދުވަނީ އެންމެ ކަމެއް ކަމަށެވެ. އެގޮތުން މަތިންދާބޯޓް ދުއްވާނެ ކުންފުނިތަށް އެބަހުރި ކަމަށާއި، އެހެން ނަމަވެސް މިހާރު މަދުވަނީ އެ މަތިންދާބޯޓްތަކަށް އަރާނެ މީހުން ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެން ރާއްޖޭގައި ހުރި އެނދުގެ ވޮލިއުމް މި އިތުރުކޮށްލަނީ، މި އެނދުގެ ވޮލިއުމް އިތުރުކޮށްގެން ބޯޓްތަކަށް އުދުއްސޭނީ އެތެރޭގެ ދަތުރުތަކަށް ވެސް ފަހިވާނީ." ތަކުރާރުކޮށް އަޑުއިވެމުންދާ ފަތުރުވެރިކަމުގެ އެނދު އިތުރުކޮށް އެތެރޭގެ އުދުހުންތަކަށް މަގުފަހިކުރާ ވާހަކަތަކުގެ ތަސައްވަރު ހިއްސާ ކުރަށްވަމުން މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ ފަތުރުވެރިންގެ ޝޮޕިން ޑެސްޓިނޭޝަނަކަށް ރާއްޖެ ހެދުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި އެފަދަ ޑެސްޓިނޭޝަނަކަށް ހެދުމަށް ހުޅުމާލެ އާއި ހުޅުލެ ވެސް މިހާރު ކުޑަ ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުގެ އުއްމީދަކީ އުތުރާ ދެކުނުގައި އެފަދަ ޑެސްޓިނޭޝަނެއް ގާއިމް ކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ އުތުރާއި ދެކުނު އައްޑޫ ސިޓީގައި އަދި ތިލަދުންމަތީގައި އެއާޕޯޓް ހަދާފައި އެހިސާބު ގަނޑުގައި ޝޮޕިން ޚިދުމަތް ލިބޭނެ ގޮތަށް ތަރައްގީ ކުރުން." ރައީސް ޔާމީންގެ ވެރިކަމުގައި އެނބޫދޫ ފަޅުހިއްކައިގެން ތަރައްގީކޮށްފައިވާ ކްރޮސް ރޯޑް މޯލްޑިވްސް މަޝްރޫޢުގައި ހިމެނޭ ޝޮޕިންގ ޓޫރިޒަމްގެ ތަސައްވަރުގެ މުޅިން އައު ފިކުރެއް މިސަރުކާރުން ގެންގުޅޭކަން ދޭހަވާފަދަ ޚިޔާލުފުޅެއް ހިއްސާ ކުރަށްވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު