މާލޭގެ މިސްކިތްތަކަށް މީހަކު ކުޑަކަމު ގޮސް ޚަތިމަށް ކުޅުޖަހައި ހަދަނީ ލާދީނީ ބަޔަކު އަޑީގައި ތިބެގެން ކަމަށް ދީނީ އިލްމްވެރިޔާ އައްޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

މިދިޔަ އޮކްޓޯބަރ މަހުގެ 4 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭގެ ބައެއް މިސްކިތްތަކަށް ކުޑަކަމުދިޔަ މީހާ މިއަދު ވަނީ މިސްކިތަށް އަރައި ޚަތިމަށް ކުޅުވެސް ޖަހާފައެވެ. އެމައްސަލައިގައި ފުލުހުން މިއަދު ވަނީ އުމުރުން 40 އަހަރުގެ މ. ޝޭޑީހޯމް، ހަސަން ޒިޔާދު ހައްޔަރުކޮށްފައެވެ.

އެކަމާ ގުޅިގެން މަޝްހޫރު ދީނީ އިލްމްވެރިޔާ އައްޝައިހް އަލީ ޒައިދު ވިދާޅުވީ މިސްކިތަށް ކުޑަކަމު ގޮސް ހަތިމަށް ކުޅުޖަހައި ހަދާ އެމީހާ އެކަން ކުރަނީ ލާދީނީ ބަޔަކު އަޑީގައި ތިބެގެން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. އަދި އެފަދަ ނުބައި ޖަރީމާތަކަށް އެކަށީގެންވާ ފިޔަވަޅު ނޭޅޭނަމަ ހަމަނުޖެހުމަށް މަގުފަހިވެގެންދާނެ ކަމަށް ޒައިދު ވިދާޅުވިއެވެ.



ޒައިދު މިހެން ވިދާޅުވެފައިވާއިރު، ޝޯޝަލް މީޑިޔާގައި ގިނަ އަދަދެއްގެ އާންމުން ވެސް ވަނީ އެއީ ދިވެހިންގެ ލޭކެކޭ ވަރު ބަލަން ބަޔަކު އަޑީގައި ތިބެގެން ކުރުވާ ކަމެއް ކަމަށް ބުނެފައެވެ.

މީގެ ކުރިން އޭނާ ވަނީ ރައީސް އޮފީހުގެ ގޭޓު ކައިރިއަށާއި ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒަށާއި މަޖީދިއްޔާ ސްކޫލު ކައިރީގައި ހުންނަ އިބްރާހިމް އިސްކަންދަރު މިސްކިތު ހަރިންމައިގެ ތެރެއަށްވެސް ކުޑަކަމު ގޮސްފައެވެ. މިކަމާ ގުޅިގެން އޭނާ ބަންދުކުރަން ކޯޓަށް ގެންދިއުމުން އޭނާ ބުނެފައިވަނީ އޭނާއަކީ ބައިޕޯލާ ޑިސްއޯޑާ ހުންނަ މީހެއްކަމަށެވެ.



ފުލުހުން މީގެކުރިން ބުނެފައިވަނީ އެ މީހާގެ މައްސަލަ ތަހުގީގުކުރުމަށްފަހު ދައުވާކޮށްދިނުމަށް އެދި މިދިޔަ މަހުގެ 24 ވަނަ ދުވަހު ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެމީހާ މިދިޔަ މަހުގެ 25 ވަނަ ދުވަހު ބަންދުން ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ. ފުލުހުން ފުރަތަމަ ބުނެފައި ވަނީ އެމީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށެވެ. ނަމަވެސް ކަމާބެހޭ އެއްވެސް ފަރާތަކުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު