މިނިމަމް ވޭޖާއެކު މުސާރައަށް އަންނަ ބަދަލުތަކާއެކު ތަކެތީގެ އަގު އުފުލުމަކީ އެކަށީގެންވާކަމެއްކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ގުޅޭގޮތުން ހަދާފައިވާ ދިރާސާގައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއެކު މުސާރައަށް އަންނަ ބަދަލުތަކާއެކު ތަކެތީގެ އަގު އުފުލުން ނުވަތަ އިންފްލޭޝަން މައްޗަށް ދިއުން ކުރުމުއްދަކަށް ހިނގާނެކަަމަށެވެ. ނަމަވެސް ދުވަސްކޮޅެއްވުމުން ތަކެތީގެ އަގުތައް ހަމައަކަށް އެޅޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ލަފާކުރެއެވެ.

ތަކެތީގެ އަގު އުފުލުމުގެ އިތުރުން މިނިމަމް ވޭޖާއެކު ދައުލަތުގެ ބަޖެޓަށްވެސް އެކަމުގެ ބުރަ އުފުލަންޖެހެއެވެ. އެގޮތުން މުސާރައަށް ކުރާ ހޭދަ އަންނަ އަހަރު 13 އިންސައްތަ އިތުރުވާނެއެވެ. ނަމަވެސް އާއްމު ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުވުމާއެކު، ކުރާ ހޭދަ އިތުރުވެ، އޭގެސަބަބުން އިގްތިސާދަށް ފައިދާ ކުރާނެއެވެ.

މިނިމަމް ވޭޖާއެކު ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އިންގިލާބި ސްޓަރަކްޗަރަލް ބަދަލެއް އަންނާނެކަމަށް ދިރާސާއިން ދައްކައެވެ. އަދި ގިނަ އަދަދެއްގެ ބަޔަކަށް މުސާރައިގެ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވެސް މިދިރަސާގައި ބުނެއެވެ. މީގެއިތުރުން މުސާރައަށް އަންނަ ބަދަލާއެކު ވަޒީފާތަކަށް މީހުންގެ ޝައުގު އޮންނަ މިންވަރުވެސް އިތުރުވެ، ވަޒީފާގައި އުޅޭ މީހުންގެ އަދަދު އިތުރުވާނެކަމަށްވެސް ލަފާކޮށްފައިވެއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ އުމުރު ފުރައިގެ 317482 މީހުން އުޅެއެވެ. އެއީ 147753 ފިރިހެނުންނާއި 169729 އަންހެނުންނެވެ. މީގެތެރެއިން ވަޒީފާގައި އުޅެނީ 191270 މީހުންނެވެ. އެއީ 113849 ފިރިހެނުންނާއި 77421 އަންހެނުންނެވެ.

މިނިމަމް ވޭޖު ބޯޑުން ދިން ލަފާ ދިރާސާކުރުމަށްފަހު ސަރުކާރުން މިއަދު ކަނޑައެޅި އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާފައިވާ 4500 ރުފިޔާއަކީ ކުދި ވިޔާފާރިތަކުގައި ދުވާލަކު 8 ގަޑިއިރު މުވައްޒަފަކު މަސައްކަތް ކުރުމުން މަހެއްގެ މައްޗަށް ދޭންޖެހޭނެ މިންވަރެވެ. މެދު ފަންތީގެ ވިޔަފާރިތަކުގައި ދުވާލަކު 8 ގަޑިއިރު މަސައްކަތްކުރުމުން މަހެއްގެ މައްޗަށް މުވައްޒަފުންނަށް 7000 ރުފިޔާ މުސާރައިގެ ގޮތުގައި ދިނުމަށްވެސް ވަނީ ކަނޑައަޅާފައެވެ. އަދި ބޮޑެތި ވިޔަފާރިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދުވާލަކު 8 ގަޑިއިރު މަސައްކަތްކުރުމުން، މަހަކު 8000 ރުފިޔާ ދިނުމަށްވެސް ވަނީ ކަނޑައަޅާފައެވެ.

މީގެއިތުރުން ސަރުކާރުގެ އެންމެ މުވައްޒަފުން ގިނަ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ލިބޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 7000 ރުފިޔާއެވެ.



ކިޔުންތެރިންގެ ހިޔާލު