އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއެކު ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އުޅޭ 33 ހާސް މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެކަމަށް ސަރުކާރުން ހާމަކުރަށްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް މިއަދު ވަނީ ރާއްޖޭގައި މިނިމަމް ވޭޖް ކަނޑައަޅާފައެވެ.

މިއަދު ކަނޑައެޅި މިނިމަމް ވޭޖާއި ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ މިނިމަމް ވޭޖުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 16,000 ދިވެހިންގެ ތެރެއިން 13,000 މުވައްޒަފުންނަށާއި ސަރުކާރުގައި މަސައްކަތްކުރާ 15,400 މުވައްޒަފުންނަށާއި ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރާ 5,100 މުވައްޒަފުންނަށް ފައިދާކުރާނެކަމަށެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރާ އުމުރުފުރައިގެ 317482 މީހުން އުޅެއެވެ. އެއީ 147753 ފިރިހެނުންނާއި 169729 އަންހެނުންނެވެ. މީގެތެރެއިން ވަޒީފާގައި އުޅެނީ ނުވަތަ ވަޒީފާއެއް އަދާކޮށްގެން އާމްދަނީ ހޯދަނީ 191270 މީހުންނެވެ. އެއީ 113849 ފިރިހެނުންނާއި 77421 އަންހެނުންނެވެ.

މީގެއިތުރުން މިއަދު ކަނޑައެޅިގެންދިޔަ މިނިމަމް ވޭޖަކީ ކުދި ޖަޒީރާ ގައުމުތަކާއި އަޅާބަލާއިރު ޖީޑީޕީގެ ނިސްބަތުންވެސް ރަނގަޅު އަދަދުތަކެއްކަން ސަރުކާރުން ފާހަގަކުރެއެވެ.

ސަރުކާރުން ދެކޭ ގޮތުގައި އަންނަ ޖެނުއަރީން ފެށިގެން މިނިމަމް ވޭޖް ތަންފީޒުކުރަން ފަށާއިރު، އެންމެ ހެޔޮ ބަދަލެއް އަންނާނީ ޓޫރިޒަމް ދާއިރާގެ ދިވެހި މުވައްޒަފުންނަށެވެ.



ކިޔުންތެރިންގެ ހިޔާލު