ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ނަގަން ސިޔާސީ ޕާޓީތަކުން އެއްބަސްވެފައިވާ ކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ނަގަން ސިޔާސީ ޕާޓީތަކުން އެއްބަސްވިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނު މީގެ ކުރިން ވަނީ ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފޮރުޅާލުމާއި ގުޅޭގޮތުން ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް، މުހަންމަދު ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމެއް ގެނައުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ނޮވެމްބަރުގައި ކަމަށެވެ. އެހެން ނަމަވެސް ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކުރާނީ ރިޔާސީ އިންތިހާބު އޮންނަ 2023 ވަނަ އަހަރުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެެ. އަދި 2023 ގައި ބަރުލަމާނީ ނިޒާމުގެ މަސައްކަތް ފަށަން އެމަނިކުފާނު ބޭނުންފުޅުވާ އެއް ސަބަބަކީ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވަން ބޭނުންފުޅު ނުވުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވަނީ އެކަމުގައި ގައުމީ މަޖިލިސް ބައިބައިނުވުމަށް އެދިވަޑައިގެންފައެވެ.

"ފުންކޮށް ވިސްނާލީމަ މިއީ ޕާޓީއަށާއި ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެނޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކޮށް ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް ރައީސް ނަޝީދު ވަނީ ރައީސް ޞާލިހަށް ހުށައަޅުއްވާފައެވެ. އަދި މި ފުރުސަތު އެމަނިކުފާނަށް ދެއްވަން ރައީސް ސޯލިހް އަރިހުން ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ. އެހެން ނަމަވެސް ނިޒާމް ބަދަލުކުރުމުގައި ގޮތް ނިންމާނީ ރައްޔިތުން ކަމަށް ވިދާޅުވެ ރައީސް ނަޝީދުގެ ހުށައެޅުއްވުން ރައީސް ސާލިޙު އޭރު ގަބޫލުފުޅު ކުރައްވާފައެއް ނުވެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމަށް ސިޔާސީ ޕާޓީތަކުން އެއްބަސްވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް އެކަމާ ބެހޭގޮތުން މިހާތަނަށް އެއްވެސް ސިޔާސީ ޕާޓީއަކުން ވެސް ޕާޓީއެއްގެ ލީޑަރަކު ވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އަދި ރައީސް ނަޝީދުގެ އެ ޚިޔާލުފުޅަށް އެއްވެސް ސިޔާސީ ލީޑަރަކު މީގެކުރިން ތާއީދު ކުރަށްވާފައެއް ވެސް ނުވެއެވެ. އެމްޑީޕީ ފިޔަވައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީ ތަކުގެ ލީޑަރުންގެ ތެރެއިން ޖޭޕީއާއި އެމްއާރްއެމްގެ ލީޑަރުން ވަނީ ކަނޑައެޅިގެން ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ބަދަލު ކުރުމަށް ދެކޮޅު ހައްދަވާފައެވެ.



ދާދިފަހުން ރައީސް ސާލިޙާއި ބައްދަލު ކުރެއްވުމަށްފަހު ރައީސް ނަޝީދު ވަނީ ނިޒާމް ބަދަލު ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. ގާނޫނުއަސާސީއަށް ބަަދަލުތަކެއް ގެނައުމުގެ މަޝްވަރާތައް ކުރިއަށް ގެންދަން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ލަފާ ދެއްވި ކަމަށް ރައީސް ނަޝީދު ފަހުން ވަނީ ވިދާޅުވެފައެވެ.

އޭގެފަހުން ޕީޕީއެމްގެ އިސްބޭފުޅުންނާއި ރައީސް ނަޝީދު ވަނީ ބައްދަލުކުރައްވާފައެވެ. އެހެން ނަމަވެސް ރައީސް ޔާމިނާއި ނުލައި ނިޒާމް ބަދަލު ކުރުމާއި ގުޅޭގޮތުންނާއި އަދި އެ ނޫންވެސް މަޝްވަރާއެއް ކުރުމަށް އެޕާޓީން ވަނީ ދެކޮޅު ހަދާފައެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީއާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީއާ) ވެސް ރައީސް ނަޝީދު ބައްދަލު ކުރައްވައި ވަނީ މަޝްވަރާތަށް ކުރިއަށް ގެންދަވާފައެެވެ. އެހެން ނަމަވެސް އެ މަޝްވަރާތަކުގެ ތަފްސީލެއް އެޕާޓީތަކުން އަދި ހާމައެއް ނުކުރެއެވެ.

ރައީސް މައުމޫންގެ ވެރިކަމުގެ ފަހު ދައުރުގައި ގާނޫނު އަސާސީ އެކުލަވާލުމަށް ކުރެވުނު މަސައްކަތުގައި ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާއި ބެހޭގޮތުން ރައްޔިތުންނަށް ފެންނަ ގޮތެއް ބެލުމަށް ވޯޓެއް ވަނީ ނަގާފައެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ނެގި އެ ވޯޓުގައި ބޮޑު އަޣުލަބިއްޔަތެއް ލިބިފައިވަނީ ރިޔާސީ ނިޒާމަށެވެ.



ކިޔުންތެރިންގެ ހިޔާލު