އެންމެ ކުޑަ އުޖޫރައިގެ ފައިދާކުރާނީ ސަރުކާރުގެ އިސްރާފު ކުޑަކުރެވިގެންކަމަށް ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު އަދި އދ ގެ ޚާއްޞަ ރެޕަޓުއަރ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީދު މިހެން ވިދާޅުވެފައި މިވަނީ ސަރުކާރުން މިދިޔަ ހޯމަދުވަހު ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި އެކަމުން ލިބޭނެ ފައިދާގެ ވާހަކަ ސަރުކާރުން ދައްކަވަމުން ގެންދާ ދަނޑިވަޅެއްގައެވެ. އެންމެ ކުޑަ އުޖޫރަ ކަނޑައެޅި ގޮތާއި ގުޅޭގޮތުން ސަރުކާރުން ނިންމި ނިންމުމަށް ބައެއް ފަރާތްތަކުން ދަނީ ފާޑު ކިޔަމުންނެވެ.

މިކަމާއި ގުޅޭގޮތުން ކުރީގެ ޚާރިޖީ ވަޒީރު އަދި އދގެ ޚާއްޞަ ރެޕަޓުއަރ ޑރ. އަހުމަދު ޝަހީދު ވިދާޅުވީ މިނިމަމް ވޭޖެއް އޮންނަންޖެހޭކަމަށާއި ނަމަވެސް އެކަމުން އެންމެ ނިކަމެތިންނަށް ފައިދާއެއް ކުރާނީ ސަރުކާރުގެ އިސްރާފުތައް މަދުކުރެވިގެންކަމަށެވެ.

ޑރ. ޝަހީދު ވިދާޅުވީ މުދަލާއި ހިދުމަތްތަކުގެ އަގު ކޮންޓްރޯލްކުރެވި، ޑޮލަރުގެ އަގު ތިރިކުރެވި، ދަރަނީގެ އަގު ނިސްބަތުން ކުޑަ ކުރެވިގެން ނޫނީ އެންމެ ކުޑަ އުޖޫރައިގެ ފައިދާ ނުކުރާނެކަމަށެވެ.



ރާއްޖެއަށް ގެނައި ޒަމާނީ ޑިމޮކްރެސީއާއެކު ތަޢާރަފުކުރި ސިޔާސީ ޕާޓީ ނިޒާމުގެ ދަށުން މިހާތަނަށް ވެރިކަމަށް އައި ސަރުކާރު ތަކުން ސިޔާސީ މަގާމުތަކަށާއި ސިޔާސީ ފައިދާއަށާއި ވެރިކަން ކުރާ ޕާޓީ ކުރިއެރުވުމަށް ކުރާ ބޭކާރު ހޭދަ ތަކުގެ ވާހަކައަކީ ގިނަ ބަޔަކު ދައްކަމުން އަންނަ ވާހަކައަކަށްވި ނަމަވެސް އެއީ މިހާތަނަށް ވެސް އެއްވެސް ބަދަލެއް ނައިސް އިތުރަށް ބޮޑުވެގެން ގޮސްފައިވާ ކަމެއްކަން ފާހަގަކޮށްލެވެއެވެ.

އެންމެ ކުޑަކޮށް ދެވޭނެ އުޖޫރައާއެކު ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވެ އިންފްލޭޝަން ވެސް މައްޗަށް ދާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ. އަދި މިކަމުގެ ސަބަބުން ބައެއްގެ ވަޒީފާ ގެއްލުންވެސް އެކަށީގެންވާ ކަމަށް އިކޮނަމިކް މިނިސްޓްރީން ލަފާ ކުރެއެވެ.

މިނިމަމް ވޭޖު ބޯޑުން ދިން ލަފާ ދިރާސާކުރުމަށްފަހު ސަރުކާރުން ކަނޑައެޅި އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާފައިވާ 4500 ރުފިޔާއަކީ ކުދި ވިޔާފާރިތަކުގައި ދުވާލަކު 8 ގަޑިއިރު މުވައްޒަފަކު މަސައްކަތް ކުރުމުން މަހެއްގެ މައްޗަށް ދޭންޖެހޭނެ މިންވަރެވެ. މެދު ފަންތީގެ ވިޔަފާރިތަކުގައި ދުވާލަކު 8 ގަޑިއިރު މަސައްކަތްކުރުމުން މަހެއްގެ މައްޗަށް މުވައްޒަފުންނަށް 7000 ރުފިޔާ މުސާރައިގެ ގޮތުގައި ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އަދި ބޮޑެތި ވިޔަފާރިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދުވާލަކު 8 ގަޑިއިރު މަސައްކަތްކުރުމުން، މަހަކު 8000 ރުފިޔާ ދިނުމަށްވެސް ވަނީ ކަނޑައަޅާފައެވެ.

މީގެއިތުރުން ސަރުކާރުގެ އެންމެ މުވައްޒަފުން ގިނަ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ލިބޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 7000 ރުފިޔާއެވެ.



ކިޔުންތެރިންގެ ހިޔާލު