ޔޫތު އެކްސްޗޭންޖް ޕްރޮގްރާމްގައި ރާއްޖޭގެ ފަރާތުން ބައިވެރިވި 14 ޒުވާނުން
ޔޫތު އެކްސްޗޭންޖް ޕްރޮގްރާމްގައި ރާއްޖޭގެ ފަރާތުން ބައިވެރިވި 14 ޒުވާނުން
އިންޑިއާއާއި ރާއްޖެއާ ދެމެދު ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ގާއިމްކޮށްފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށްދާ ޔޫތު އެކްސްޗޭންޖް ޕްރޮގްރާމްގައި ރާއްޖޭގެ 14 ޒުވާނުން މިއަދު އިންޑިއާއަށް ފުރައިފިއެވެ.

މިއީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް ކުރާ ދަތުރެކެވެ. އިންޑިއާގެ މިނިސްޓްރީ އޮފް ޔޫތު އެފެއަރޒް އެންޑް ސްޕޯޓްސްއިން ރާވާފައިވާ މި ދަތުރުގައި އެ ގައުމުގެ ވެރިރަށް ނިއުދިއްލީއާއި އުދައިޕޫރު އަދި އާގަރާ ހިމެނޭ ގޮތަށް އެކި ސިޓީތަކަށް މި ވަފްދު ޒިޔާރަތްކުރަން ވަނީ ހަމަޖެހިފައެވެ.

މި ދަތުރުގައި އިންޑިއަން އިންސްޓިޓިއުޝަަން އޮފް މެނޭޖްމަންޓްގެ ވިޔަފާރިވެރިންނާއި ބައްދަލުކޮށް އިންޑިއާގެ ޒުވާނުންގެ ވިޔަފާރިތައް އަދި އިންޑިއާގެ ސްޓާޓް އަޕް އިކޯސިސްޓަމްގެ މައުލޫމާތު ވެސް ރާއްޖޭގެ ޒުވާނުން ހޯދާނެއެވެ.

މި ދަތުރުގައި ދަނޑުވެރިކަމާއިބެހޭ ޔުނިވަރސިޓީއަކަށް ޒިޔާރަތްކޮށް ސައިންޓިސްޓުންނާއި ދަރިވަރުންނާ ބައްދަލުކޮށް ތަފާތު ޒަމާނީ ދަނޑުވެރިކަމުގެ އުކުޅުތަކާއި ވަސީލަތްތައް ބޭނުންކުރަން މި ޓީމުން ދަސްކުރާނެއެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮަށް އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ބައްދަލުކުރުމުގެ އިތުރުން ނެހްރޫ ޔޫވާ ކެންޑްރަ ސަންގަތަންގެ މައި އޮފީސް އަދި ކްލަބް ހައުސްއަށް ވެސް ރާއްޖޭގެ ޒުވާނުންގެ ވަފްދުން ޒިޔާރަތްކުރަން ވަނީ ހަމަޖެހިފައެވެ.

އަދި މި ދަތުރުގައި މިވަފްދުން ރާއްޖެއާ ގުޅޭ ހާއްސަ ޕްރެޒެންޓޭޝަނެއް ދޭން ހަމަޖެހިފައި ވާއިރު، އިންޑިއާގެ ސަގާފަތާއި އާދަކާދަތައް ބަލާލައި ތާރީޚީ އަދި ޓުއަރިސްޓު ތަންތަނަށްވެސް ޒިޔާރަތްކުރާނެއެވެ.

2018 ވަނަ އަހަރުގެ މާރޗު މަހު ވެސް މިފަދަ ދަތުރެއްގައި ރާއްޖޭގެ ޒުވާނުންގެ ވަފްދެއް ވަނީ އިންޑިއާއަށް ޒިޔާރަތް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު