ރާއްޖޭގެ ދެކުނާއި އުތުރުގައި ޤާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެ ގޮފި އުވާލުމަށް ބަންޑާރަ ނާއިބު ސަރުކާރަށް އިސްލާހު ހުށަހަޅައިފިއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ވަނީ މިހާރު ހުރި ގާނޫނުތަކަށް ގެންނަ އިތުރު 4 އިސްލާހުގެ ބިލެއް ތައްޔާރުކޮށް، އެކަމުގެ ތަފްސީލް ހިއްސާކޮށްފައެވެ.



އޭޖީ އޮފީހުން ބުނީ ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ހުށަހަޅުއްވަނީ ކޯޓުތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށް، މައްސަލައާ ގުޅުންހުރި ފަރާތްތަކަށް ޤާނޫނުއަސާސީ ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި، ކަމާގުޅޭ އުސޫލުތައް ކުރިއެކޭވެސް އެއްފަދައިން ޤާނޫނުގައި ކަނޑައެޅުމަށްޓަކައި ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށެވެ.

މީގެއިތުރުން ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގައި ޤާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ވަކިވަކި ގޮފިތައް އުވާލުމަށާއި، ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އެނޫންވެސް އިޞްލާޙުތައްވެސް މިބިލުގައި ވަނީ ހުށަހަޅާފައެވެ.

ރާއްޖޭގެ ދެކުނާއި އުތުރުގައި ހައިކޯޓުގެ ގޮފިތައް ޤާއިމްކުރީ 2015 ވަނަ އަހަރުގެ ތެރޭގައެވެ.

ކޯޓުތަކުގެ ޤާނޫނުގެ އިތުރުން، ފަނޑިޔާރުންގެ ޤާނޫނަށްވެސް ސަރުކާރުން ވަނީ އިސްލާހު ހުށަހަޅާފައެވެ. ބަންޑާރަ ނައިބް އޮފީހުން ހުށަހެޅި އިސްލާހަކީ ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ފަނޑިޔާރުންނަށް ލިބިދެވޭ ޗުއްޓީއަކީ އެކަށީގެންވާ މުއްދަތަކަށް ލިބިދެވޭ ޗުއްޓީއެއް ކަމުގައި ކަނޑައެޅުމަށް ހުށަހެޅި އިސްލާހެކެވެ.

އޭޖީ އޮފީހުން ހުށަހަޅާފައިވާ އިތުރު އިސްލާހުތަކުގެ ތެރޭގައި، ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރިކުރުމުގެ ބިލުވެސް ހިމެނެއެވެ. އަދި ފެނާއި ނަރުދަމާގެ ޤާނޫނަށްވެސް އިސްލާހު ހުށަހަޅާފައިވެއެވެ. އެ އިސްލާހަކީ ޤާނޫނު ތަންފީޛުކުރުމުގައި މިނިސްޓްރީ އޮފް އެންވަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ދިމާވާ ބައެއް އިދާރީ ދަތިތައް ހައްލުކުރުމަށާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި ހުށަހަޅާފައިވާ އިސްލާހު ތަކެކެވެ.

އޭޖީ އޮފީހުން ހުށައަޅާ މި ބިލުތައް ދިރާސާކުރުމަށް ވަރަށް އަވަހަށް މަޖިލީހަށް ފޮނުވާނެކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު