ނޫނު އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް މުޙައްމަދު ބަޝީރު (ބައްޓޭ)
ނޫނު އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް މުޙައްމަދު ބަޝީރު (ބައްޓޭ)
ބެންކޮކުން ރާއްޖެ އައި ގޮތަށް "ޤައުމީ ޙަރަކާތް" ޖެއްސެވުމަކީ، "ޙަސަން ކުރުސީ" ގެ ޤައުމީ މަޝްރޫޢު ފަދަ ކަމެއްތޯ ސުވާލު އުފައްދަވައި، އަދާލަތު ޕާޓީގެ ކުރީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އަށް ނޫނު އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް މުޙައްމަދު ބަޝީރު (ބައްޓޭ) ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ބައްޓޭ ޝައިޚް އިމްރާނަށް މިފަދަ ރައްދެއް ދެއްވާފައިވަނީ، ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދަވާ "ދިވެހިންގެ ބިން ދިވެހިންނަށް" ޤައުމީ ހަރަކާތުގެ ފަރާތުން ޚާއްޞަ ޖަލްސާ އަކާއި، މުޒާހަރާއެއް ބޭއްވުމަށް އިޢުލާނު ކުރުމާ ގުޅިގެންނެވެ. އިމްރާން އިސްކޮށް ހުންނަވާ މިހާރު ފަށާފައިވާ މަސައްކަތަކީ، ރަސްމާލޭގައި "އީގަލްހިލްސް" އިން ހިންގަން އުޅޭ މަޝްރޫޢާ ދެކޮޅަށް ހިންގާ "ވަޠަނީ" ޙަރަކާތެކެވެ.

"ދިވެހިންގެ ބިން ދިވެހިންނަށް" ނަމުގައި އިމްރާން ޤައުމީ ޙަރަކާތެއް ފަށާފައިވާއިރު، އޭނާ ނިސްބަތްވާ ޢަދާލަތު ޕާޓީން ރޭ ވަނީ މި ސަރުކާރާއެކު ކޯލިޝަން ހަދައި، 2028 ގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ތާޢީދު ކުރުމަށް ނިންމާފައެވެ.

އިމްރާންގެ އިތުރުން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އަމާޒުކުރަށްވައި ބައްޓޭ ވަނީ، ނ. ދިގުފަރު ފަޅަށާއި، ވ. ފުއްތެޔޮ މުއްޔަށް ވަކި ބަޔަކު ގެންނަން ހުއްދަ ދެއްވުމަށްފަހު، ކ. ފުށިދިއްގަރު ފަޅަށް އެފަދަ ބަޔަކު ގެންނަން އުޅުމުން އެކަން 'ޙަލާލު' ނުވުމުގެ ހަގީގަތަކީ ކޮބައިތޯ ސުވާލު ކުރަށްވާފައެވެ.

ހަމައެއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިޔާސަތުތަކަށް އަލިއަޅުއްވާ ލައްވަމުން ބައްޓޭ ވަނީ، ދިވެހި ޒުވާނުން ހަގީގަތުގައި އަޅުވެތި ކުރުވީ އަނބިދަރިންނާ ދުރުގައި އެކަހެރި ރިސޯޓުތަކުގައި ބަންދުކޮށްގެން ކަމަށް ވިދާޅުވެފައެވެ. އަދި ދިވެހި ކުދި ވިޔަފާރިތަކަށް ފާލަމުން އެރުން މަނާކުރި 'ވަން އައިލެންޑް، ވަން ރިސޯޓް' ގެ ގޭޓެޑް މޮޑެލްގެ ސަބަބުން އާންމުންނަށް އެއްވެސް ފުރުޞަތެއް ނުލިބި، އެންމެ ފަހުން އަމިއްލަ ގޭގެ ކޮޓަރި 'ހޯމްސްޓޭ' އަށް ދީގެން އާމްދަނީ ހޯދަން ދިވެހިންނަށް މަޖުބޫރުވިކަން އޭނާ ފާހަގަކުރެއްވިއެވެ.

ފާއިތުވި 50 އަހަރު ދުވަހު ރާއްޖޭގެ އިޤްތިޞާދު ބިނާވެފައި އޮތީ މުޅި ރަށަކާއި ފަޅެއް، އެންމެ ގޯއްޗެއްގެ ގޮތުގައި އެންމެ ފަރާތަކަށް ދޫކޮށްގެން ހިންގި 'ވަން އައިލެންޑް، ވަން ރިސޯޓް' މޮޑެލްގެ މައްޗަށް ކަމަށާއި، އޭގެ ނަތީޖާއަކަށްވީ ބިމާއި ކަނޑުގެ ހަމަ އަގު ދައުލަތަށާއި ދިވެހިންނަށް ނުލިބުން ކަމަށް ބައްޓޭ ވިދާޅުވިއެވެ. އަދި އަތޮޅުތަކުން ބިންތައް ހުސްވެގެން ދިޔައިރު، އާންމު ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ނުވަތަ އާއިލާއާ ގާތުގައި ތިބެގެން އާމްދަނީ ހޯދޭނެ އެކަށީގެންވާ ވަޒީފާއެއްވެސް ނުލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ކަނޑުވެގެންވެސް ދިވެއްސަކަށް ނޭރޭ އެފަދަ ރިސޯޓުތަކުގެ ބަދަލުގައި، ދިވެހި ވިޔަފާރިތަކާއި މަސައްކަތްތެރިންނަށް މިނިވަންކަމާއެކު ވަދެ ނިކުމެވޭ، އަދި އަމިއްލަ ގޭގެ ޕްރައިވަސީ ވިއްކާނުލައި ޓޫރިޒަމްގެ މަންފާ ލިބޭ 'ރިއަލް އެސްޓޭޓް ޓޫރިޒަމް' އަކީ ރަށުގައި ތިބެގެން ދިވެހިންގެ ޤަދަރާއި ތަނަވަސްކަން އުފުލައިދޭނެ ޙައްލެއްކަން ބައްޓޭ ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ގިނަ ބަޔަކަށް ފުރުޞަތު ފަހިވެގެންދާ އަދި ދިވެހި ޒުވާނުންނަށް އާއިލާއާއެކު ދިރިއުޅެމުން ވަޒީފާ އަދާކުރެވޭނެ 'ރިއަލް އެސްޓޭޓް ޓޫރިޒަމް' އަށް މަރުހަބާ ވިދާޅުވަމުން ބައްޓޭ ވިދާޅުވީ، މީހުން ދިރިއުޅޭ އެހެން ރަށްރަށުގައިވެސް މި ވިޔަފާރި ފަހިވެގެން ދިއުމަކީ ކައުންސިލްތަކުގެ ޕްލޭންތަކުގައި ހިމަނައިގެން އަބަދުވެސް އެދެމުންދާ ކަމެއް ކަމަށެވެ.

ބައްޓެ މިހެން ވިދާޅުވެފައިވާއިރު، ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއާމެދު ރާއްޖޭގެ ސިޔާސީ ފަރާތްތަކުގެ މެދުގައި ހޫނު ބަހުސެއް މިވަގުތުދަނީ ހިނގަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު