އަހުމަދު މަސްނޫމް   13 ނޮވެމްބަރު 2021 - 4:18
ހުޅުމާލޭގައި މިރޭ ހުޅުވި ފެންއަރުވާ ވަޑާން: ފޮޓޯ މިހާރު
ހުޅުމާލޭގައި މިރޭ ހުޅުވި ފެންއަރުވާ ވަޑާން: ފޮޓޯ މިހާރު
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހަދައިފައިވާ މިއުޒިކީ ފައްވާރު މިރޭ ހުޅުވައިފިއެެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކްގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރާއްޖޭގައި މިހާތަނަށް ހުޅުވި އެންމެ ބޮޑު ފެންއަރުވާ ވަޑާން ހުޅުއްވައިދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ.

ތުރުކީގެ ކުންފުންޏެއް ކަމަށްވާ "އަލްކޭ އިންސާތު ސަނައީ ވެ ޓިކަރެޓް އޭއެސް" އިން ހެދި މި ފެންއަރުވާ ވަޑާމުގައި 20،021 އަކަފޫޓުގެ ޖާގަ އެއް ހުރެއެެވެ. އަދި ފެން ހަރަކާތްކުރުމުގެ ތެރޭގައި 15 މީޓަރާއި ހަމައަށް ހިއްލޭނެ ކަމަށް އެޗްޑީސީން މައުލޫމާތުދެ އެވެ. މިއުޒިކާއި ލައިޓާ އެއްވަރަށް ފެންގަނޑުގެ ހަރަކާތްތައް ހިނގާ "އިންޓަރެކްޓިން ވޯޓާ ފައުންޓެއިން" މިރޭ ހުޅުވައިފައިވާއިރު، މީގެ ސަބަބުން ރޭގަނޑުގެ ވަގުތުގައި އެ ސަރަހައްދު މިހާރު ފެންނަނީ ވަރަށް ރީތިކޮށެވެ.

ތަފާތު އެކި ކުލަތަކުން ދިއްލޭ ގޮތަށް ހަދާފައިވާ މިފެންއަރުވާ ވަޑާން ހުޅުވި ސަރަހައްދަށް ގިނަ ބަޔަކު މިރޭ ވަނީ ޒިޔާރަތްކޮށްފައެވެ. ސެންޓްރަލް ޕާކު ހަތަރު ޒޯނަކަށް ބަހާލާފައިވާއިރު އޭގެ ތެރޭގައި ފައުންޓެއިން ޒޯންގެ އިތުރުން ލެޝާ ޒޯން، އިންޓެރެކްޓިވް ޒޯން އަދި ރެކްރިއޭޝަން ޒޯން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު