ހުޅުމާލޭ ސެންޓްރަލް ޕާކްގައި ރޭ ހުޅުވި މާލެ ސަރަހައްދުގެ އެންމެ ބޮޑު ފެންއަރުވާ ވަޑާމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނިމުމަކާއި ގާތަށް ގޮސްފައި އޮތް ޕްރޮޖެކްޓެއްކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހުޅުވި ފެން އަރުވާ ވަޑާމާއި ގުޅޭގޮތުން މުއިއްޒު ވިދާޅުވީ މި މަޝްރޫއަކީ ރައީސް ޔާމީންގެ ވެރިކަމުގައި ޕްލޭންކޮށް، ސޮއިކޮށް، އަދި މަސައްކަތް ފެށި މަޝްރޫޢެއްކަމަށެވެ. އަދި 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް މިތަނުގެ 80 އިންސައްތަ މަސައްކަތް ވާނީ ނިމިފައިކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާއެކު މިމަސައްކަތް ވަރަށް ބޮޑަށް ލަސްވެގެންދިޔައީ ކަމަށް މުއިއްޒު ވިދާޅުވިއެވެ.



ރޭ ހުޅުވި މި ފެންއަރުވާ ވަޑާން ހުޅުވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަނެވެ.

އެޗްޑީސީން ގާއިމްކުރި މި ފެން އަރުވާ ވަޑާމަކީ މާލެ ސަރަޙައްދުގައި ޤާއިމްކުރި އެންމެ ބޮޑު ފެންއަރުވާ ވަޑާމެވެ.

ސެންޓްރަލް ޕާކުގެ އިރުއުތުރު ސަރަހައްދުގައި ތަރައްޤީކުރި ފެންގަނޑުގެ ހަރަކާތްތައް ޕްރޮގްރާމްކޮށްފައިވަނީ މިއުޒިކާއި ލައިޓާ އެއްވަރަކަށް ހަރަކާތްކުރާ ގޮތަށެވެ. 20000 އަކަފޫޓަށްވުރެ ބޮޑު ސަރަހައްދެއްގައި ހަދާފައިވާ މިތަނުގެ ފެންގަނޑު 15 މީޓަރާ ހަމައަށް މައްޗަށް އަރާނެކަމަށް އެޗްޑީސީން މަޢުލޫމާތު ދެއްވައެވެ.



ފެންއަރުވާ ވަޑާމުގެ ދެފަޅިން ބަޔެއް ހުޅުވާލައި ކުޑަކުދިންނަށް ފެންގަނޑު ކައިރިއަށް ގޮސް ކުޅެވޭނެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އަދި ފެން އަރުވާ ވަޑާމުގެ މެދުގައި ފާލަމެއް ހަދައި އެތަނުން، މަންޒަރު ބެލޭނެ ގޮތަށް ވެސް ވަނީ ހަދާފައެވެ. ތުރުކީ ކުންފުންޏަކާ ހަވާލުކޮށްގެން ބިނާކުރި މިތަން ކޮންމެ ރެޔަކު ވެސް އޮޕަރޭޓްކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.



ކިޔުންތެރިންގެ ހިޔާލު