އަންނަ އަހަރަށް ލަފާކުރާ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓަށް 7 މިލިއަން ރުފިޔާ އިތުރުކުރުމަށް މަޖިލީހުގެ ޢާއްމު ކޮމިޓީން ފާސްކޮށްފިއެވެ.

އާއްމު ކޮމިޓީން މިގޮތަށް ނިންމާފައި މިވަނީ އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ރައްޔިތުންގެ މަޖިލީހަށް ކަނޑައަޅާ ބަޖެޓަކީ 191 މިލިއަން ރުފިޔާ ކަމަށް ކަނޑައަޅާފައި ވަނިކޮށެވެ.

މިކަމާއި ގުޅޭގޮތުން އާއްމު ކޮމިޓީގެ މެމްބަރަކު ވިދާޅުވީ މަޖިލީހުގެ ފަރާތުން ފިނޭންސް މިނިސްޓްރީއަށް ހުށަހެޅި ޢަދަދު އެޕްރޫވްކޮށްދީފައިވާކަމަށެވެ. ނަމަވެސް ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ދަށުން ހުށަހެޅި ހަތް މިލިއަން ރުފިޔާ އަދި ހަމަޖެހިފައި ނުވާކަމަށް ނާއިބު މުޤައްރިރު ވިދާޅުވިއެވެ.

ޢާންމު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ބަޖެޓް ކޮމިޓީއަށް ހުށައަޅަންޖެހޭ ކަންކަން ރިޕޯޓެއްގެ ގޮތުގައި އެކުލަވާލާފައެވެ.

ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ދަށުން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއާއި އެކިއެކި އިވެންޓުތައް ބްރޯޑްކާސްޓުކޮށް ފްރޭމް ކުރެވޭނެގޮތް ހެދުމާއި ކޮމިޓީ ރޫމްތަކާއި އިދާރާތަކަށް ބޭނުންވާނެ ވަސީލަތްތައް ހަމަކުރުންވެސް ހިމެނެއެވެ. މިއީ މިވަގުތަށް މުހިންމު ކަންތައްތަކެއްގެ ގޮތުގުގައި ފާހަގަކޮށް ބަޖެޓަށް 7 މިލިއަން ރުފިޔާ އިތުރުކުރުމަށް ހުށަހެޅި ހުށައެޅުން ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކޯށްފައެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 37 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. މަޖިލީހުގަައި މިހާރު ކުރިއަށްދަނީ މި ބަޖެޓް ދިރާސާކުރުމުގެ މަސައްކަތެވެ.



ކިޔުންތެރިންގެ ހިޔާލު