ރާއްޖޭގައި ކޮވިޑް ކޭސްތައް އިތުރުވުމަށް ޖާގަ ނުދިނުމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދު ﷲ މައުސޫމް ގޮވާލައްވައިފިއެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދު ﷲ މައުސޫމް ވިދާޅުވީ، ކޮވިޑް ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހި ނަމަވެސް ބައްޔަށް ރައްކާތެރި ނުވެ އުޅުމުގެ ސަބަބުން ބައެއް ގައުމުތަކުގައި ކޮވިޑްގެ ކޭސްތައް އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އިތުރުވުމަށް ފުރުސަތު ނުދިނުމަށާއި އެކަމަށް ޖާގަ ނުދިނުމަށް މިނިސްޓަރު ޑރ. މައުސޫމް ވަނީ ގޮވާލައްވާފައެވެ.



"ރައްކާވެ ތިބިއްޔާ ދަތުރު، ރައްކާވެ ތިބިއްޔާ ފަތުރު! އިރާދަކުރެއްވިޔާ ދިވެހިންނަށް ވާނެ." ކޮވިޑް ފެތުރުނަނުދީ ބައްޔަށް ރައްކާތެރިވެ ތިބުމަށް އިލްތިމާސް ކުރަށްވަމުން ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ހިންގި ވެކްސިން ޕްރޮގްރާމުގެ ކާމިޔާބާއެކު ބަލިން ރައްކާތެރިވުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކަށްފަހު މިއަހަރުގެ މެދެއްހާ ހިސާބުން ފެށިގެން ރާއްޖޭގެ ކޮވިޑްގެ ހާލަތު ވަނީ ވަރަށް ބޮޑުތަނުން ރަނގަޅުވެފައެވެ. މީގެ ނަތީޖާއެއްގެގޮތުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް ދޫކޮށްލައި އާދައިގެ ދިރިއުޅުމަކަށް މާލެ ސަރަހައްދު ގެނައި ނަމަވެސް އަތޮޅުތަކުގައި މަޑުޖެހުމެއް ނެތި ކޯވިޑް ފެތުރޭ މިންވަރު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިން، ރާއްޖޭގެ އާބާދީގެ ވަރަށް ބޮޑުބައެއް މިހާރު ވަނީ ފުރިހަމަކޮށްފައެވެ. މިއަދު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 184 މީހުންނެވެެ.

ކޯވިޑްގެ ބަލިމަޑުކަން ފެތުރޭ މިންވަރު ކުޑަކުރުމަށް ބައްޔަށް ފަރުވާތެރިވުމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ގޮވާލައްވާފައިވާއިރު ކޯވިޑްގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ރާއްޖޭގެ އިޤްތިޞާދު ބަރޯސާވާ ފަތުރުވެރިިކަމުގެ ސިނާޢަތަށްކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު