ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިން ތަކުރާރުކޮށް އެއް ގޯސްތަކެއް ހެދުން ބަލައި ނުގަނެވޭނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މިރޭ ވިދާޅުވެއްޖެ އެވެ.

ސްރީލަންކާގައި ކުރިޔަށްދާ ޕްރައިމް މިނިސްޓަރު މަހިންދްރަ ރާޖަޕަކްސާ ޓްރޮފީ މުބާރާތުގައި މިއަދު ބަންގުލަދޭޝް ޓީމުން ވަނީ ރާއްޖެ ބަލިކޮށް މެޗް ކާމިޔާބުކޮށްފައެވެ. މިއަދު ހަވީރު، ދިވެހިރާއްޖެއާއި ބަންގުލަދޭޝް ބައްދަލުކުރި މެޗުގައި ރާއްޖެ ބަލިކޮށް ބަނގުލަދޭޝް ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.

އެކަމާ ގުޅިގެން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ މެޗަށް ފަހު ގެއަށް ވަޑައިގެންނެވީ ވަރަށް ދެރަފުޅުވެ ކަމަށެވެ. އެއީ 18 އަހަރަށްފަހު ބަންގްލަދޭޝް އަތުން ގައުމު ބަލިވުމުން އެކަމުގެ ހިތާމައިގައި ކަމަށް މަހުލޫފް ވިދާޅުވިއެވެ. އަދި ހަމަ އެއް ގޯސްތަކެއް އަބަދު ތަކުރާރުކުރުން ބަލައެއް ނުގަނެވޭނެ ކަމަށް މިނިސްޓަރު މަހުލޫފް ވިދާޅުވިއެވެ.



އެހެންނަމަވެސް ގައުމީ ޓީމު ފައިނަލާ ހަމައަށް ދަތުރުކުރެވި ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ. މިއަދުގެ ނަތީޖާއާއެކު ރާއްޖެ މުބާރާތުގެ ފައިނަލަށް ދިޔުމަށް އޮތް އަމިއްލަ ބާރު ކެނޑި ފައިނަލްގެ އުއްމީދު ވަނީ ވަރަށް ކުޑަވެފަ އެވެ. މި މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހު ރާއްޖެ ބައްދަލުކުރާނީ ސީޝެލްސާއެވެ.



ކިޔުންތެރިންގެ ހިޔާލު