އިންޑިއާއާއި ދެކޮޅަށް އަޑުއުފުލަނީ ބޭރުގެ އެހީތައް ހުއްޓުވައި ގައުމު ހުއްޓުމަކަށް ގެނައުމަށް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދުވެސް އިދިކޮޅު ފަރާތްތަކުން "އިންޑިއާ އައުޓް" އޭ ކިޔައިގެން ކުރިއަށްގެންދާ ހަރަކާތްތަކާމެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރަށްވައިފި އެވެ.

ނިހާދު ރުޅިގަދަވެގެން އިދިކޮޅު ފަރާތްތަކަށް ބަހުގެ ހަމަލާ ތަކެއް މިދެއްވީ "މިނިވަންކަމުގެ ދިފާއުގައި-ދިވެހިން" ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ ހަރަކާތްތަކާއި ގުޅިގެންނެވެ. ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން ހިންގަމުން ގެންދާ ސިލްސިލާ އެއްވުންތަކަށް އިޝާރަތް ކުރައްވައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު މުހަންމަދު ނިހާދު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނުކުތީ ވައްކަމަށް "ސިކުވެ" ގޮތް ހުސްވެގެން ކަމަށާއި އެކި ނަންނަމުގައި މަގުމައްޗަށް މީހުން ނެރުމަށް މަސައްކަތް ކުރަމުންދާކަން މުޅި ދުނިޔެއަށް ވެސް ސާފު ކަމަށެވެ.

އަދި ކޮވިޑުގެ ދަތި ހާލުގައި ގައުމު އެއްކޮށް ބަނގުރޫޓްވެ ތަރައްގީގެ މަސައްކަތްތައް ހުއްޓޭނެ ކަމުގެ ފޮނި އުއްމީދުގައި އިދިކޮޅު ފަރާތްތަކުން ތިއްބާ އިންޑިއާގެ އެހީތެރިކަމާއެކު ވެކްސިން ޖަހައި އެމެޖެންސީ ފަރުވާކޮށް ގައުމު ހުޅުވާލައި ތަރައްގީގެ މަޝްރޫއުތައް ފެށުން އެއީ "ހަޖަމު" ކުރެވުނު ކަމެއް ނޫން ކަމަށް ނިހާދު ވިދާޅުވިއެވެ.



މީގެ އިތުރުން ގައުމު ހުއްޓުވާ، ބަނޑަށް ޖައްސައިގެން ވެސް ވެރިކަން ވައްޓާލާ ވެރިކަން ފޭރިގަތުން ނޫން ނިޔަތެއްގައި މަސައްކަތް ނުކުރާ ބަޔަކު ރައްޔިތުންނަށް ހެެއު އެދޭނެ ހަމަ އެއްގޮތެެއްވެސް ނޯއްނާނެ ކަމަށް ނިހާދު ވިދާޅުވިއެވެ.

"މިއަދު އިންޑިއާ އޭ ކިޔައިގެން އެ ކުރާކަމަކީ ލިބެމުން އަންނަ އެހީ ހުއްޓުވައި ގައުމު ހުއްޓުވުން. އެކަން ކުރަން ވެރިކަން ފޭރިގަތުން." އިންޑިއާއިން އެހީ ދިނުން ހުއްޓާލައިފި ނަމަ ގައުމު ހުއްޓޭނެ ކަމަށް އިޝާރާތް ކުރަށްވަމުން މެންބަރު ނިހާދު ވިދާޅުވިއެވެ.

ނިހާދު ވަރަށް ބޮޑަށް ރުޅިގަދަވެ، ބަހުގެ ހަމަލާތައް އިދިކޮޅު ފަރާތްތަކަށް އަމާޒުވެފައިމިވަނީ އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަނުން އިންޑިއާ އާއި ދެކޮޅަށް ހިންގާ ހަރަކާތްތައް ވަރުގަދަވެ ބައިނަލްއަގުއާމީ މީޑިޔާތަކުގެ ސަމާލުކަމަށް އެހަރަކާތުގެ ވާހަކަތައް އައިސްފައިވާ ދަނޑިވަޅެއްގައެވެ.

މިނިވަންކަމުގެ ދިފާއުގައި އިދިކޮޅު ފަރާތްތަކުން ހިންގާ އެ ހަރަކާތްތަކަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެެ. ދާދިފަހުން އަލްޖަޒީރާ ޓީވީ އިން ވަނީ ރާއްޖޭގައި ގާއިމުވެ ތިބޭ އިންޑިއާގެ ސިފައިން ބޭރުކުރުމަށާއި އެގައުމާއެކު ހަދާފައިވާ ކަމަށް ބުނާ ސިއްރު އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު ހިނގާލުމުގެ ޚަބަރުތައް ގެނެސްދީފައެެވެ.



ކިޔުންތެރިންގެ ހިޔާލު