ވިލާ ހަކަތައިން މަނީ ލޯންޑަރިންގ އަމަލުތައް ހިންގާކަމަަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއްކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ދަރިކަލުން އަދި ވިލާ ގްރޫޕް އޮފް ކޮމްޕެނީޒްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ސިޔާދު ގާސިމް ވިދާޅުވެއްޖެއެވެ.

ވިލާ ހަކަތައިން ކުރާ ތެލުގެ ވިޔަފާރީގެ ތެރެއިން މަނީލޯންޑްރިންގެ ހަރަކާތްތަކެއް ހިންގާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ރާއްޖޭގެ މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ސިޔާދު ވިދާޅުވީ ވިލާ ހަކަތައިން މަނީލޯންޑްރިންގެ އެއްވެސް ހަރަކާތެއް ހިންގާފައެއް ނުވާނެކަން ވަރަށް ޔަގީންކަމާއެކު ދަންނަވަން ކެރިވަޑައިގަންނަވާ ކަމަށެވެ.

ސިޔާދު ވިދާޅުވީ ވިލާގެ ކުންފުނިތަކުން ވިޔަފާރިކުރަނީ "ވަރަށް ޓްރާންސްޕޭރަންޓްކޮށް، ހަމަޖެހިފައިވާ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން" ކަމަށެވެ.

ސިޔާދު ވިދާޅުވީ ވިލާ ހަކަތައިން ރާއްޖެ ގެންނަ ތެޔޮ ގަންނަނީ އޮމާންގެ ނެޝަނަލް އޮއިލް ކޮމްޕެނީން ކަމަށެވެ. އަދި އެ ކުންފުނިން ގަންނަ ތެލަށާއި ވިލާ ހަކަތައަށް އިމްޕޯޓުކުރާ ހުރިހާ މުދަލަކަށް ފައިސާ ދައްކަނީ ބޭންކު ޓްރާންސްފާ މެދުވެރިކޮށް ކަމަށްވެސް ސިޔާދު ވިދާޅުވިއެވެ. އަދި އެއްވެސް ގޮތަކަށް ނަގުދު ފައިސާއަކުން ބޭރުގެ ކުންފުންޏަކަށް ފައިސާ ދައްކާފައެއް ނޯންނާނެކަމަށްވެސް ސިޔާދު ވިދާޅުވިއެވެ.

ސިޔާދު ވިދާޅުވީ ވިލާއިން ރީޓެއިލް ވިޔަފާރިއަށް ވަނުމުން ހިތްހަމަނުޖެހިގެން ވާހަކަތަކެއް ދައްކާނެ ބަޔަކު އުޅޭނެކަމަށެވެ. އެކުންފުނިން އެ ވިޔަފާރީގެ ތެރެއަށް ވަނީ ކޮންމެހެން ނުފުދިގެން ކުރާނެ ކަމެއް ނެތިގެނެއް ނޫން ކަމަށާއި، އެއީ ރާއްޖެއިން އާއްމުކޮށް ލިބެން ނުހުންނަ މޮޅު އުފެއްދުންތައް އަގުހެޔޮކޮށް ގެނެސް ވިއްކުމުގެ ބޭނުމުގައި ފެށި ކަމެއްކަމަށްވެސް ސިޔާދު ވިދާޅުވިއެވެ.

ވިލާއިން ދާދިފަހުން ވަނީ ރީޓެއިލް ވިޔަފާރިކުރާ ސުޕަމާޓެއް ހުޅުވާފައެވެ. ސިޔާދު ވިދާޅުވި ފަދައިން ފަރީދީ މަގުގައި ހުންނަ މިފިހާރައަކީ ރާއްޖޭގައި އާންމުކޮށް ލިބެން ނުހުންނަ ވަރަށް ފެންވަރު ރަނގަޅު ބްރޭންޑްތަކުގެ ބާވަތްތައް ވަރަށް ހެޔޮއަގުގައި ވިއްކާ ފިހާރައެއްކަން ފާހަގަކޮށްލެވެއެވެ. އާންމުކޮށް ދުވަހުން ދުވަހަށް ބޭނުންވާ ކާބޯތަކެތީގެ ސާމާނު ރާއްޖޭގެ އެހެން ފިހާރަތަކާ އަޅާ ބަލާއިރު މި ފިހާރައިގައި އަގު ހެޔޮކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު