ޑޯނިއާ މަތިންދާބޯޓު ދުއްވުމަށް ދިވެހި ޕައިލެޓުންނަށް މުސާރަ ދިނުމުގެ ގާބިލްކަން ސަރުކާރުގައި ނެތްކަމަށް ޑިފެންސް މިނިސްޓަރ މާރިއާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ ޑޯނިއާ މަތިންދާބޯޓު ރާއްޖޭގައި އޮޕަރޭޓުކުރުމާ ގުޅޭ ގޮތުން އިންޑިޔާއާއެކު ހަދާފައިވާ އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މެންބަރުންނަށް ދައްކާލުމަށް ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މާރިޔާ ވިދާޅުވީ ރާއްޖޭގެ އަމިއްލަ ފަރާތްތަކުން ޕައިލެޓުންނަށް ދެމުންދާ މިންވަރުގެ ބޮޑު މުސާރައެއް ދީގެން ޕައިލެޓުން ގެންގުޅުމުގެ ޤާބިލުކަން ދިވެހި ދައުލަތުގައި ނެތް ކަމަށެވެ. މާރިޔާ ވިދާޅުވީ ބަޖެޓުގައި އެވަރުގެ ގާބިލްކަމެއް ނެތްކަމަށެވެ.

މާރިއާ ވިދާޅުވީ ޑޯނިއާއާއި ދެ ހެލިކޮޕްޓަރު މަރާމާތުކޮށް ބެލެހެއްޓުމަކީވެސް ދިވެހި ދައުލަތުގެ ބަޖެޓުން ކުރެވޭނެކަމެއް ނޫންކަމަށެވެ. އަދި ސީ އެމްބިއުލާންސްތައްވެސް އެމްއެންޑީއެފަށް ނުބެލެހެއްޓޭކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޝަމާލްވެސް ވަނީ ޕައިލެޓުންގެ މުސާރައިގެ މައްސަލަ ކޮމިޓީގައި ފާހަގަކުރައްވާފައެވެ.

ޝަމާލް ވިދާޅުވީ ޑޯނިއާ ދުއްވަން އެކަށީގެންވާ ޕައިލެޓުން ނުލިބޭ ކަމަށާއި، އެއީ ރާއްޖޭގެ އަމިއްލަ އެއާލައިންގެ ޕައިލެޓުންނަށް ލިބޭ މުސާރައަށް ބަލާއިރު އެމްއެންޑީއެފަށް ޕައިލެޓުން ހޯދުމުގައި ދަތިތަކެއް ހުރުމުންކަމަށެވެ.

ޝަމާލް ވިދާޅުވީ އެމްއެންޑީއެފްގެ ތެރޭގައި އެހެން ދާއިރާތަކުގެ އޮފިސަރުން ވެސް އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި ވަކީލުންނާއި ޑޮކްޓަރުންނާއި ނަރުހުން އަދި އިންޖީނިއަރުން ތިބިއިރު ޕައިލެޓުންނަށް އެކަނި ބޮޑު މުސާރައެއް ދެވެން ނެތީކަމަށެވެ.

ޝަމާލް ވިދާޅުވީ ބައެއް ޕައިލެޓުން ރަނގަޅު މުސާރައަކަށް ވަޒީފާއިން ވަކިވާން ނިންމާފައިވާއިރު، އޭގެ ތެރޭގައި ޑޯނިއާއަށް ތަމްރީނު ކުރި އޮފިސަރެއްވެސް ހިމެނޭކަމަށެވެ.

މާރިޔާގެ މި ވާހަކަތަކާއި ގުޅިގެން މީސް މީޑިއާގައި ޚިޔާލުފާޅުކުރަމުންދާ ބައެއް މީހުން ބުނެފައިވަނީ ސަރުކާރުގައި ތިބި އެތައް ސަތޭކަ ސިޔާސީ އެކްޓިވިސްޓުންނަށް 20 ހާހުން މަތިން މުސާރަ ދެވޭއިރު އެކަށީގެންވާ މުސާރަ ދީގެން ޕައިލެޓުން ނުގެންގުޅެވޭނެ ވާހަކަ އެމްއެންޑީއެފް ފަދަ މުއައްސަސާ އަކުން ބުނުމަކީ ވަރަށް ދެރަވަރު އަދި ލަދުވެތި ކަމެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު


-2

ބޭބެ

15-Nov-2021

ެހެންވެޔޭ މިބުނަނީ އަވަހަށް ފޮނުވާލާށޭ އެގެޔޭ ތީ ޤާބިލުކަންހުރި ބައެއްނޫންކަން