ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ހަތް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް ގެންގުޅެ އަދި ވިޔަފާރިކުރަމުންދާކަމާއި މާލެއަށް ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ބަނގުރާ އެތެރެކޮށް ބަނގުރަލުގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމަތަކާ ގުޅިގެން ނޮވެމްބަރު 10 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ ހަތް މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 55 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނަކާއި 53 އަހަރުގެ އަންހެނަކާއި 30 އަހަރުގެ އަންހެނަކާއި 24 އަހަރުގެ އަންހެނެކެވެ.

މި އޮޕަރޭޝަނުގައި އެދެގެ ބަލައިފާސްކޮށް ދެ ކިލޯއަށްވުރެ ގިނަ ކެނަބިހާއި 200 ގްރާމަށްވުރެ ގިނަ ހެރޮއިން އަދި ބަނގުރާފުޅިއެއް ހޯދާފައިވެއެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންނުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 29 އަހަރުގެ މީހާއަށާއި 33 އަހަރުގެ މިހާއަށް 15 ދުވަހުގެ ބަންދުގެ މުއްދަތު ވަނީ ދީފައެވެ. މުއްދަތު ދިން ދެމީހުންގެ ތެރެއިން އެކަކު ވަނީ މި އޮޕަރޭޝަނުގައި އެތަނުން އެެއްގެއިން ފެނުނު ތަކެއްޗަށް އިއުތިރާފުވެފައެވެ. އަދި މި އޮޕަރޭޝަނުގައި ހައްޔަރުކުރި އަނެއް ފަސް މީހުން ވަނީ ދޫކޮށްލާފައެވެ.

މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އަންނަނީ ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު